ޔޫރަޕިއަން އިންވެސްޓުމެންޓު ބޭންކުން ރާއްޖެއަށް 20 މިލިއަން ޔޫރޯ

ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކު (އީއައިބީ) އިން ރާއްޖެއަށް 20 މިލިއަން ޔޫރާގެ ލޯނު އެހީއެއް ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެ ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި އެހީއަކީ ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކޮށްފައިވާ އަސަރާ ގުޅިގެން، އެސްއެމްއީ، ނޫނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް ދިން އެހީއެއް ކަމަށެވެ. އަދި މި އެހީގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ފައިސާ ލިބި، އިގްތިސާދީ ހަރަކާތްތައް އަލުން ކޮޅަށް ޖެހުމުގެ މަސައްކަތަށް އެހީއަކަށް ވާނެ ކަމަށް އެ ބޭންކުން ބުންޏެވެ.

ކޮވިޑް-19 އާ ގުޅިގެން އައީއައިބީއިން ކުރިއަށް ގެންދާ "ޓީމް ޔޫރަޕް" އެހީގެ ޕްރޮގްރާމްގެ ދަށުން ރާއްޖެއަށް ދޭ 20 މިލިއަން ޔޫރޯ (348.8 މިލިއަން ރުފިޔާ)ގެ މި ލޯނުން ދޫކުރުމަށް ހަމަޖެހިފައި ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށެވެ.

އެބޭންކުން ބުނި ގޮތުގައި މި އެހީއާއެކު ފަތުރުވެރި ކަމުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވެވޭނެ އެވެ. މީގެ އިތުރުން ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް އެހީވެދީ ދިވެހި އިގްތިސާދީ މަސައްކަތްތައް ކުރިއެރުވުމަށް މި ފައިސާ ބޭނުންކުރެވޭނެ ކަމަށް ޔޫރަޕިއަން އިންވެސްޓުމެންޓު ބޭންކުން ބުންޏެވެ.

މިއީ ކޮވިޑް19 އާއި ގުޅިގެން އީޔޫ ބޭންކް އިން އޭޝިއާ ގައުމަކަށް ދިން ފުރަތަމަ އެހީ އެވެ. އީއައިބީ އިން ވަނީ ކޮވިޑް 19 އާއި ގުޅިގެން އީޔޫގެ ގައުމުތަކުގެ ތެރޭ ނުހިމެނޭ ގައުމުތަކަށް އެހީވުމަށް 5.2 ބިލިއަން ޔޫރޯގެ ޕެކޭޖެއް އިއުލާނުކޮށްފަ އެވެ.

އީއައިބީގެ ބަޔާނުގައި ބުނީ ރާއްޖޭގެ ޖީޑީޕީގެ 40 ޕަސެންޓަށްވުރެ ބޮޑު ބަޔެއް ހިއްސާކުރަނީ ޓޫރިޒަމާ ގުޅުންހުރި މަސައްކަތްތައް ކަމަށް ވާއިރު، މި ލޯނާ އެކު ރާއްޖޭގެ އިގްތިސޯދު އަލުން ހިނގައިގަތުމަށް މުހިއްމު ފިޔަވަޅަކަށް ވާނެ ކަމަށެވެ. އެ ބޭންކުން ބުނީ އިޖުތިމާއީ އަދި އިގްތިސާދީ ކަންތަކަށް ހަރަދު ކުރުމުގެ އިތުރުން ރާއްޖޭގެ އެސްއެމްއީތަކަށް ފަންޑު ދިނުމުގެ އިތުރަށް ރާއްޖޭގެެ ބެންކިން ސެކްޓާ ރީ އެންފޯސް ކުުރުމަށް ވެސް އެ ބޭންކުން އެހީވާނެ ކަމަށެވެ.

މި އެހީއާއި ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އެ ބެންކުން ދިން ލޯނު އެހީއާއެކު ރާއްޖޭގެ ވިޔަފާރިތަކަށް ހިންދެމި ލެވޭނެެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ބީއެމްއެލް އިން ވަނީ މީގެ ކުރިންވެސް ކޮވިޑާ ގުޅިގެން ޓޫރިޒަމް ސެކްޓާ އަށް ކުރާ އަސަރު ކުޑަކުރުމަށް އެ ސިނާއަތުގެ ވިޔަފާރިތަކަށް ހާއްސަ ލޯނު ސްކިމެއް ތައާރަފުކޮށްފަ އެވެ. މީގެ އިތުރުން ވިޔަފާރިތަކަށް އެހީވުމަށް ސަރުކާރުން 2.5 ބިލިއަން ރުފިޔާގެ ރިލީފް ޕެކޭޖެއް ތައާރަފްކޮށް ވިޔަފާރިތަކަށް މިހާރު އަންނަނީ ފައިސާ ދޫކުރަމުންނެވެ.

މިއީ އީއައިބީއިން ރާއްޖެއަށް ވެދޭ ތިން ވަނަ އެހީ އެވެ.

comment ކޮމެންޓް