ދާދު، އިއްބެ އަދި ސައްޓު ހިމަނައި، ގައުމީ ސްކޮޑު އިއުލާން ކޮށްފި

ރާއްޖެ އާއި ގުއާމް ބައްދަލުކުރާ މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

ތިން މަސް ދުވަހުގެ މެދުކެނޑުމަށް ފަހު ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިސް އަލުން ފަށަން ތައްޔާރުވަމުން އަންނަ އިރު، ދާދި ފަހުން ލީކުވި ކަމަށް ބެލެވުނު ގައުމީ ސްކޮޑުގައި ނުހިމެނުނު ތިން ކުޅުންތެރިން ކަމަށްވާ ހަސަން ނާއިޒް (ދާދު) އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ ވަހީދު) ގެ އިތުރުން އިޝާން އިބްރާހިމް (ސައްޓު) ހިމަނައި، 32 ކުޅުންތެރިންގެ ސްކޮޑެއް އެފްއޭއެމްއިން އިއުލާން ކޮށްފި އެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19)ގެ ސަބަބުން ފަސްކުރި 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި 2023 އަހަރުގެ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގެ މެޗުތައް އަންނަ އޮކްޓޫބަރު މަހު ފަށަން އޭއެފްސީން މިހާރު ވަނީ ނިންމާފަ އެވެ. ކޮލިފައިންގެ މެދުތެރެއިން ރާއްޖޭން ވަނީ ގައުމީ ޓީމުގެ ކޯޗިން ސްޓާފުންނަށް ބަދަލު ގެނެސްފަ އެވެ.

އެގޮތުން ކޯޗަކަށް ނެދަލެންޑްސްގެ މާޓިން ކޫޕްމަން ހަމަޖެއްސިއިރު، އެސިސްޓަންޓުންގެ ގޮތުގައި މަސައްކަތްކުރާނީ މަޝްހޫރު ކޯޗު ގޫސް ހިޑިންކްގެ ކޮއްކޮ ރެނޭ ހިޑިންކާއި ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު އަލީ ސުޒޭނެވެ.

ގައުމީ ޓީމުގެ ކޯޗުންނާ އެކު މިއަދު ބޭއްވި އޮންލައިން ނޫސް ކޮންފަރެންސްގައި މާޓިން ކޫޕްމަން ވަނީ އަންނަ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައި އޮތް ގައުމީ ޓީމު ޕްރެކްޓިސްތަކަށް ނަގާފައިވާ 32 ކުޅުންތެރިންގެ ސްކޮޑު އިއުލާން ކޮށްފަ އެވެ. އަދި މި ކުޅުންތެރިންނާ އެކު އެޗްޕީއޭއާއި ސަރުކާރުގެ ގައިޑްލައިންތަކަށް ފޮލޯކޮށް ޕްރެކްޓިސްތައް ފަށާނީ ދެ ގުރޫޕަކަށް ބަހާލައިގެން ކަމަށް ކޯޗު ވަނީ ވިދާޅުވެފަ އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ 32 ކުޅުންތެރިންގެ ސްކޮޑު:

މާޒިޔާ: ސަމޫހު އަލީ (ސަމުއްޓެ)، މުހައްމަދު އިރުފާން (އިރޭ)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، އިބްރާހިމް އައިސަމް، ހަމްޒާ މުހައްމަދު (ހަމްޕު)، ހުސެން ޝަރީފް (ހުސެން)، ހުސައިން ނިހާން (ނިހާޓް)، އާދަމް ނިޒާމް (ކިތުނާ)، ހަސަން ނާއިޒް (ދާދު)، އިބްރާހިމް ވަހީދު (އިއްބެ) މުހައްމަދު މުޖުތާޒް (މުޖޭ).

އީގަލްސް: އަހުމަދު ނޫމާން (ހެލްމެޓް)، އިމްރާން ނަޝީދު (އިންމަ)، އަހުމަދު ރިޒްވާން (ރިޒޭ)، ހުސެއިން ސިފާއު (ކުރޯ)، ހަސަން ރާއިފް އަހުމަދު (ހަންނަ)، އަލީ ފާސިރު (ސެންޓޭ)، ހަސަން ނަޒީމް (ޗޯޓު) ރީހާން އަބްދުލް ޢަނީ (ބޮބީ)

ޓީސީ: އަލީ އަޝްފާގު (ދަގަނޑޭ)، އަކުރަމް އަބްދުލް ގަނީ (އަކޫ)، އަހުމަދު ރިލްވާން (ބެން)، އިސްމާއިލް އީސަ (މެސީ)، އަލީ ޝާމިސް (ތޮއްޕޭ)، އިބްރާހިމް އިޝާން (ސައްޓު)

ގްރީން ސްޓްރީޓްސް: މުހައްމަދު އާރިފް (ބަކާ)، އަބްދުﷲ ޔާމީން (ޔާން)، މުހައްމަދު އުމެއިރު، މުހައްމަދު ޝަފީއު (ޗެކް)، މުހައްމަދު ސައީދު

ދަ ގްރާންޑޭ: މުހައްމަދު ފައިސަލް، ރަޝީދު

މިއަދުގެ ޕްރެސްގައި ވާހަކަ ދައްކަމުން ކޫޕްމަން ބުނީ، މިހާރު ނަގާފައި މިވާ ސްކޮޑަކީ މެޗާ ހިސާބަށް ދާނެ ފައިނަލް ސްކޮޑު ނޫން ކަމަށެވެ. އަދި ޕްރެކްޓިސްގައި ކުޅުންތެރިން ދައްކަމުން އަންނަ ޕާފޯމަންސަށް ބަލައި ކުޅުންތެރިންގެ އުނި އުތުރަށް ބަދަލުތަކެއް ގެންނާނެ ކަން ވެސް ކޯޗު ވަނީ ފާހަގަ ކޮށްފަ އެވެ.

ގައުމީ ޓީމު ދެން އެންމެ އަވަހަށް ކުޅޭ މެޗަކީ ކޮލިފައިންގައި އޮކްޓޫބަރު މަހު އަށް ވަނަ ދުވަހު ރަށުން ބޭރުގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗެވެ.

ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާ އެކު ގްރޫޕުގެ ހަތަރު ވަނައިގަ އެވެ. ގްރޫޕުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާ އެކު ސީރިއާ އެވެ. ޗައިނާ ހަތަރު މެޗުން ހަތް ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު ތިން ވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. ރާއްޖޭގެ ފަހަތުން ފަސް ވަނައިގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.

ރާއްޖޭގެ ޓާގެޓަކީ 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވުމެވެ. މި ގްރޫޕްގައި ރަނގަޅު ހިސާބެއްގައި އޮވެ ނިންމާލައިފިނަމަ އޭގެ ސަބަބުން އޭޝިއަން ކަޕް ކޮލިފައިންގައި ކުރިއަށް ދިއުމަށް ރާއްޖެ އަށް ފަސޭހަތަކެއް ވެގެންދާނެ އެވެ.

comment ކޮމެންޓް