މިފްކޯގެ ހަޔާތުގައި ނިމިގެންދިޔައީ ތާރީހީ ރޯދަމަހެއް

މިފްކޯ

ދުނިޔެއަށް ދިމާވެފައިވާ ކޯވިޑް-19ގެ ކާރިސާއަށް ރާއްޖެ ކުރިމަތިލި އިރު މީގެ ކުރިން މަސައްކަތުގެ މާހައުލުގައި ތަޖުރިބާ ކޮށްފައިނުވާ އައު ތަޖުރިބާތަކެއް މިފްކޯއިން ވަނީ މިވޭތުވެ ދިޔަ ފުރަބަންދުގެ ދުވަސްތަކުގައި ކޮށްފަ އެވެ. މިފްކޯއަކީ ބައިނަލްއަގްވާމީ ވިޔަފާރި ކުންފުންޏަކަށް ވާއިރު މިފްކޯގެ އޮޕަރޭޝަން މެނުއަލްގައި ވެސް ވިޔަފާރި މެދުނުކެނޑި ކުރިއަށް ގެންދާނެ ގޮތުގެ ޕްރޮސީޖަރ ވަރަށް ރަނގަޅަށް ވަނީ ހިމަނާފަ އެވެ. މިއީ މިފްކޯގެ ހަޔާތުގައި މިފަދަ ކަމެއް އަމަލީ ސިފައެއްގައި ކުރިއަށްގެންދިޔަ ފުރަތަމަ ފަހަރެވެ. އަދި ފުރަތަމަ ފަހަރަށް ވީ ނަމަވެސް ވަރަށް ކާމިޔާބު ކަމާ އެކު މިފްކޯގެ އެކި އޮޕަރޭޝަނަލް ސެންޓަރުތަކުން އަންނަނީ ބޭނުންވާ ލަނޑުދަނޑިތައް ހާސިލްކޮށް މަސައްކަތުގައި ކުރިއަށްދަމުންނެވެ.

ކޮންމެ އަހަރެއްގެ ރޯދަމަހަކީ މިފްކޯ މަސްފިހާރައިގެ ވިޔަފާރިއަށް އެންމެ ބާރުބޮޑުވާ މަހެވެ. ކަސްޓަމަރުންނަށް ބޭނުންވާ ދަޅުމަހާއި، ގަނޑުކުރި މަހާއި ވަޅޯމަހުގެ އެކި ބާވަތްތައް މިއަހަރު ވަކި މުއްދަތެއްގެ ކުރިން ދުރާލާ އުފައްދައި މާލެއާއި އަތޮޅުތެރެއަށް ސަޕްލައިކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

އެހެންކަމުން ނިމިދިޔަ ރޯދަމަހު ހުސްނުވެ ގިނަ އުފެއްދުންތައް (ހާއްސަކޮށް ދަަޅުމަސް) ރެކޯޑް މިންވަރަކަށް ވަނީ ވިކިފަ އެވެ. މި މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށްގެންދެވުނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި މިފްކޯގެ ސައިޓްތަކާއި ކަނޑުދަތުރުފަތުރުކުރާ އުޅަނދުފަހަރުގެ މުވައްޒަފުންނާއެކު ކޯވިޑް19 އާ ގުޅިގެން ރޭވުނު ހާއްސަ އިންތިޒާމްތަކެއްގެ ދަށުން ކަމަށް މިފްކޯއިން ބުނެ އެވެ.

މިފްކޯ އިން ބުނި ގޮތުގައި އާ އާންމު ހާލަތަކަށް މިހާރު މަސައްކަތްތައް ރޭވިގެން ކުރިއަށްދާނީ ސަމާލުވާން ޖެހޭ ކަންކަމަށް އަހައްމިއްޔަތުކަން ދީގެންނެވެ. މިފްކޯގެ އެކި ސައިޓްތަކަށް ބޭނުންވާ މުދާ މާލެއިން ބަރުކޮށް ސައިޓްތަކަށް ބޭލުމުގައި ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރިއަށްދެ އެވެ. އަދި މަސައްކަތް ކުރިއަށްދާއިރު އެކި ސައިޓްތަކާއި ކަނޑުމަތީ އުޅަނދުފަހަރުގެ ޓީމްތައް އެއްބަޔަކު އަނެއްބަޔަކާއި ހަރަކާތްތެރިވާނީ ކޮންޓެކްޓް ނުވާ ގޮތަށެވެ.

މުވައްޒަފުންގެ ފަރާތުން އެއްވެސް ކަހަލަ ރޯގާ ނުވަތަ ބައްޔެއްގެ އާލާމާތެއް ހުރިތޯއާއި ހަށިގަނޑުގެ ހޫނުމިން ބަލާއިރު، ސައިޓްތަކުގެ އެކި ހިސާބުތަކުގައި އަތްދޮންނަ އިތުރު އިންތިޒާމްވެސް ވަނީ ހަމަޖައްސާފަ އެވެ. މަސައްކަތް ކުރިއަށްދަނީ ބޭނުންވާ މުހިންމު މުވައްޒަފުންނަށް މަސައްކަތް ބަހާލައިގެންނެވެ. މާލޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ހުރުމާއި ކެއުން ހަމަޖައްސާފައިވަނީ މިފްކޯ ހެޑްއޮފީސް ކޮށީގައި ކަމަށްވެ، އާންމުން އެއްވެ އުޅޭ ތަންތަނުގައި ނޫޅެވުމާއެކު ބިދޭސީ މުވައްޒަފުންގެ ސިއްހީ ރައްކާތެރިކަން ޔަގީންކުރެވޭ ކަމަށް މިފްކޯއިން ބުނެ އެވެ.

މިފްކޯގެ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ މަސްގަތުމާއި ދަޅުގައި ބަންދުކުރުމުގެ އޮޕަރޭޝަނަށް ބަލާއިރު، އެ އޮޕަރޭޝަން މެދުކެނޑުމެއްނެތި ކުރިއަށް ގެންދިޔުމަށް 557 މުވައްޒަފުން ފުރަބަނދުވެ ތިބެެ މަސައްކަތް ކުރުމަށާއި ފެލިވަރުގައި ތިބުމަށް ހާއްސަ އިންތިޒާމުތަކެއް ވަނީ ރާވާފަ އެވެ. މިފްކޯއިން ބުނީ ބޭރުގެ މުހިންމު އޯޑަރުތަކަށްވެސް މަސްދަޅު ބަންދުކުރަމުން ދިޔުމާއިއެކު އެއްވެސް ބުރޫއެއް ނޭރުވުމަށްޓަކައި މުވައްޒަފުން ހުސްވި ރޯދަމަސް ހޭދަކުރީ އާއިލާތަކާ ވަކިން ފެލިވަރުގައި ކަމަށެވެ.

ފެލިވަރު މަސް ފެކްޓަރީގެ ތެރޭގައި މުވައްޒަފުން މަސައްކަތް ކުރަނީ: އެ ފެކްޓަރީގައި މަސައްކަތް ކުރަނީ މުޅިންވެސް އަންހެނުން، ގިނައީ ބިދޭސީ އަންހެނުން -- ސަން ފޮޓޯ/ ނަޖާހު މަސްއޫދު

ދިވެހި މުވައްޒަފުންގެ އިތުރުން ގިނައަދަދެއްގެ ބިދޭސީ މުވައްޒަފުންވެސް މަސައްކަތްކުރާ ފެލިވަރުގައި މުވައްޒަފުންގެ ހުރުމާއި ކެއުން އަބަދުވެސް ހަމަޖެހިފައި ހުރެ އެވެ. ކައިރި ރަށްރަށުގެ މުވައްޒަފުންނަކީ ކޮންމެ ދުވަހަކު މަސައްކަތް ނިންމާފައި ރަށަށް ނިދަންދާ މުވައްޒަފުންނަށްވުމާއެކު މި ލޮކްޑައުންގައި އެ މުވައްޒަފުނަށް ފެލިވަރުގައި ތިބުމުގެ އިންތިޒާމްތައްވެސް މިފްކޯއިން ވަނީ ހަމަޖައްސައިދީފަ އެވެ.

މިފްކޯއިން މާލެއާއި ރާއްޖޭގެ އުތުރާއި ދެކުނުގެ އެކި ހިސާބުތަކުގައި އޮޕަރޭޝަންތައް ކުރިއަށްގެންދާއިރު، މުދަލާއި އުފެއްދުންތައް އެކި ސައިޓްތަކާއި ރަށްރަށަށް ގެންދިޔުމަށް ބޭނުންކުރާ އެކުންފުނީގެ މުދާއުފުލާ ދޯނިފަހަރުގެ މުވައްޒަފުން 40 ދުވަހަށްވުރެ ދިގު މުއްދަތެއް މެދުނުކެނޑި އެއްގަމަށް ނުފައިބާ ހޭދަކޮށްފައިވާ ކަމަށް މިފްކޯއިން ބުނެ އެވެ.

މިފްކޯއިން ބުނީ މިފަހުގެ ތާރީހެއްގައި ރާއްޖެ ތަޖުރިބާކުރި އޮރެންޖް އެލާޓްގައި ވެސް ހުއްޓުމެއްނެތި މިފްކޯގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދެވުނީ މުދާއުފުލާ ދޯނިފަހަރުގެ މުވައްޒަފުންގެ ހިތްވަރުގަދަ ކަމުން ކަމަށެވެ. މިދަތުރުތަކުގެ ތެރޭގައި މާލެއިން މަސްކޭސް ހޯދަން ދަތިވެފައިވާ ރަށްރަށަށް މަސްދަޅުކޭސް ސަޕްލައިކޮށްދިން ދަތުރުތައްވެސް ހިމެނެ އެވެ. ފެލިވަރަށް ބޭނުންވާ މަސް ސަޕްލައި ކުރުމަށާއި ގަނޑުކުރި މަހުގެ އެކްސްޕޯޓް އޮޕަރޭޝަންސް ކުރިއަށް ގެންދިޔުމަށް މަސްވެރިން ބާނާމަސް ދަތިކަމެއް ނެތި ކިރުވުމަށް މިފްކޯގެ މަސްކިރާ ބޯޓުފަހަރުގެ މުވައްޒްފުންވެސް މުޅި ފުރަބަންދުގެ މުއްދަތު ހޭދަކޮށްފައިވަނީ އެމުވައްޒަފުންގެ އާއިލާތަކާ ވަކިން، ކަނޑުމައްޗާއި މިފްކޯގެ ސައިޓްތަކުގަ އެވެ.

ފެލިވަރަށް މަސް ކިރަން ގޮސް އޮތް ދޯންޏަކުން މަސް ކިރަނީ -- ސަން ފޮޓޯ/ ނަޖާހު މަސްުއޫދު

ރާއްޖޭގެ ދެކުނުން މަސްގަތުމުގެ މައި އޮޕަރޭޝަންގައި މަސްވެރިން އަތުން މަސް ގަތުމަށާއި ފިނިކުރި މަހުގެ ގޮތުގައި ޕްރޮސެސްކޮށް ކެރިއަރަށް ލޯޑުކުރުމާއި ފެލިވަރަށް ބޭނުންވާ މަސް ސަޕްލައި ކޮށްދިނުމުގެ އިތުރުން މިފްކޯ މަސްފިހާރައިން ވިއްކާ ރިހާކުރާއި ވަޅޯމަހުގެ ބާވަތްތައް ތައްޔާރުކުރުމުގެ މަަސައްކަތް މެދުނުކެނޑި ކުރިޔަށް ގެންދިޔުމަށް ކޫއްޑުގެ މުވައްޒަފުންވެސް ރޯދަމަހުގެ ބޮޑުބައަކާއެކު ފުރަބަންދު އިއުލާނުކުރި މުއްދަތުންފެށިގެން ހޭދަކުރީ ކޫއްޑޫގަ އެވެ.

ފަސްމީރު ބްރޭންޑްގެ އުފެއްދުންތައް ގިނަބައެއްގެ ކެއުމުގައި ބޭނުންކުރާއިރު، ގަނޑުކުރި މަހުގެ ބާވަތްތަކާއި އިތުރު ގިނައުފެއްދުންތަކެއް ތައްޔާރުކުރަނީ މާލެގައިރީގައިވާ ކަނޑުއޮތްގިރީގެ މަސް ފެކްޓްރީގަ އެވެ. ފުރަބަންދާއެކު މި ރޯދަމަހު މިފްކޯގެ ކަނޑުއޮތްގިރީ ސައިޓްގެ މުވައްޒިފުންވެސް ލޮކްޑައުންވެ ތިބީ ކަނޑުއޮތްގިރީގަ އެވެ.

މާލެއާ ކައިރިވުމާއެކު ކަންޑުއޮތްގިރީގެ ބައެއް މުވައްޒިފުންނަކީ ދުވާލު މަސައްކަތްކުރުމަށްފަހު މާލެ އަންނަ މުވައްޒަފުންތަކެއް ނަމަވެސް ފުރަބަންދުގެ މުއްދަތުގައި ކަނޑުއޮތްގިރީގައި މަޑުކުރުމަށްފަހު، މެދުނުކެނޑި މިފްކޯ މަސްފިހާރައިން ވިއްކާ އުފެއްދުންތައް ތައްޔާރުކޮށް ސަޕްލައި ކޮށްދެމުންދާ ކަމަށް މިފްކޯއިން ބުނެ އެވެ.

މާލެ ފުރަބަންދަކަށް ދިޔުމާ ގުޅިގެން މިފްކޯގެ އުފެއްދުންތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މިފްކޯގެ ޓީމުތައް އެކި ގޮތްގޮތުން ހަރަކާތްތެރިވި އެވެ. ރައްޔިތުންގެ އޯޑަރުތަކަށް ގެއަށް ޑެލިވަރީގެ ހިދުމަތް ފެށި ނަމަވެސް ގިނަ އަދަދެއްގެ ރައްޔިތުންނަށް މަހުގެ އުފެއްދުންތައް ފޯރުކޮށްދިނުމަށް ފަހުން މަސްފިހާރަ މެދުވެރިކޮށް ގޭދޮށު ފިހާރަތަކާއި އާންމު ރައްޔިތުންނަށް ހިދުމަތް ފުޅާކުރި އެވެ. އަދި މާލެއިންފުރާ ދޯނިފަހަރަށް ވެސް މުދާ ޑެލިވަރީ ކޮށްދީފައިވެ އެވެ.

މިފްކޯ ސައިޓްތަކުގެ ތެރެއިން ހުޅުމީދުގައި ހުންނަ ފިހާރައިން އެރަށުގެ ރައްޔިތުންގެ އޯޑަރުތަކަށް ހުޅުމީދޫގައި ޑެލިވަރީގެ އިންތިޒާމް ހަމަޖައްސައިދިނެވެ. އަދި މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދިޔުމަށް އެކި ޑިޕާޓްމަންޓްތަކުގެ މުވައްޒަފުން ހަރަކާތްތެރިވަމުންދާ ކަމަށް މިފްކޯއިން ބުނެ އެވެ. ހާއްސަކޮށް އައިޓީއަށް ބަރޯސާވެ މަސައްކަތް ރޭވިގެންދާ ޒަމާނެއްގައި ހެޑްއޮފީހުގެ އައިޓީ ޓީމް ރޯދަ މަހުގެ ނިޔަލަށް އާއިލާއާއި ވަކިން އޮފީހުގައި މަޑުކޮށް އައިޓީ މައްސަލައެއް އެއްވެސް ހިސާބެއްގައި ދިމާވިޔަ ނުދިނުމަށް މަސައްކަތް ރާވައިގެން ކުރިއަށްގެންދިޔަކަން މިފްކޯއިން ފާހަގަކުރެ އެވެ.

މިފްކޯއަކީ ކުއްލި ހާލަތްތަކުގައިވެސް ކުންފުނީގައި ލިބެންހުރި ވަސީލަތްތަކުގެ ބޭނުންކޮށްގެން ދެވޭ އެންމެ ފުރިހަމަ ހިދުމަތްތައް މަސްވެރިންނާއި ރައްޔިތުންނަށް ދިނުމަށް އަހުލުވެރިވެފައިވާ ކުންފުންޏެކެވެ. މީގެ ކުރިން ދިމާވެފައިވާ މާލެއިން ފެންކެނޑުމުގެ ހާދިސާއާއި ކަނޑުމަތީގައިދިމާވާ އެކި ހާދިސާތަކުގައާއި އެކިއެކި މުނާސަބަތުތަކުގައިވެސް ޤައުމީ ހިދުމަތެއްގެ ގޮތުގައި މިފްކޯއިން ވަނީ މުހިންމު މަސައްތަކެއް ކޮށްދީފަ އެވެ.

މިފްކޯގެ މުވައްޒަފުންގެ މުޅި ޓީމު އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވި ކަމުގައިވިޔަސް އެއްބައިވަންތަކަމާއި މަސައްކަތުގެ ޝައުގުވެރިކަމުގައި އެއްއާއިލާއެއްގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ކަމަށް އެކުންފުނިން ސިފަކުރެ އެވެ.

comment ކޮމެންޓް