ދިވެހި އިސްލާމީ ނަޒަރަކުން ފެޑްރަލިސްޓް މަޒުމޫނުތަކަށް ކަޅިޔެއް

ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ފުރަތަމަ ޤާނޫނުއަސާސީ އަކީ، މީލާދީން 1781 ގައި އިޢުލާން ކުރެވުނު "އާރޓިކަލްސް އޮފް ކޮންފެޑެރޭޝަން" އެވެ. އޭގެ ދަށުން ދައުލަތް ހިނގާތާ ހައެއްކަ އަހަރު ވެގެން ދިޔަ ފަހުން، ދައުލަތް އެކުލަވައިލެވިފައި އޮތީ ރަނގަޅަށް ނޫންކަމާއި އައު ޤާނޫނުއަސާސީއެއްގެ ޒަރޫރަތްތެރިކަން ބޮޑު ކަމަށް އެމެރިކާގެ ސިޔާސީ ބައެއް ލީޑަރުންނަށް ގަބޫލު ކުރެއްވުނެވެ. މި ޚިޔާލާއިގެން ފުރަތަމަ ތެދު ވެވަޑައިގަތީ ނިއު ޔޯރކްގެ މަޝްހޫރު ޤާނޫނީ ޢިލްމުވެރިޔާ އަދި ސިޔާސީ ލީޑަރު އެލެގްޒޭންޑަރ ހެމިލްޓަނެވެ. އެ ޚިޔާލަށް އެންމެ ބޮޑަށް ތާއީދު ކުރެއްވި އެއް ބެއިފުޅަކީ ވަރޖީނިޔާގެ ފަލްސަފާވެރިޔާ އަދި ސިޔާސީ ލީޑަރު ޖޭމްސް މެޑިސަނެވެ. މި ބެއިބެއިފުޅުންގެ ޚިޔާލުފުޅުތަކާ މެދު 1787 ގެ ކޮންފެޑެރޭޝަން ކޮންގްރެސްގައި މަޝްވަރާ ކުރެވި، އައު ޤާނޫނުއަސާސީއެއްގެ މަސައްކަތް ފެށުމަށް ނިންމުނެވެ. އަދި އެއިރު އެމެރިކާގައި އޮތް ތޭރަ ސްޓޭޓުގެ މަންދޫބުން ފިލަޑެލްފިޔާއަށް ޖަމާ ވެވަޑައިގެން، އެމެރިކާގެ ތާރީޚުގައި މަޝްހޫރު ދުސްތޫރީ މުޢުތަމަރު – ފިލަޑެލްފިޔާ މުޢުތަމަރު – ބޭއްވުނެވެ. 1787 ވަނަ އަހަރުގެ މެއި މަހުގެ 25 އިން ސެޕްޓެންބަރު މަހުގެ 17 އަށެވެ. މި މުޢުތަމަރުގެ ނަތީޖާޔަކީ، އައު ޤާނޫނުއަސާސީއެއްގެ ދެލިކޮޕީއެވެ.

މި މަސައްކަތް ކުރެވެމުން ދިޔަ އިރު، އެމެރިކާގެ ސިޔާސީ، ޢިލްމީ އަދި ޤާނޫނީ މުޖުތަމަޢާއި، ޢާއްމު ރައުޔު ދެ ބަޔަކަށް ބެހިގެން ދިޔައެވެ. އެއް ބަޔަކީ، އައު ޤާނޫނުއަސާސީ ހަދައި، ދައުލަތުގެ މަރުކަޒީ ސަރުކާރަށް އޮންނަ ބާރުތަކާއި އިޚްތިޔާރުތަކާއި އިޚްތިޞާޞުގެ ދާއިރާ ފުޅައު ކޮށް، ބާރުގަދަ މަރުކަޒީ ސަރުކާރެއް ޤާއިމު ކުރުމަށް ތާއީދު ކުރި ބައެކެވެ. އައު ޤާނޫނުއަސާސީގެ ދެލިކޮޕީ އެކުލަވައިލައި، އެ ޤާނޫނުއަސާސީ ފާސް ކުރުމަށް ބާރު އަޅަމުން ދިޔައީ މި ފިކުރުގެ މީހުންނެވެ. މި މީހުންނަށް ދެވުނު ނަމަކީ "ފެޑްރަލިސްޓްސް" މިއެވެ. ދެވަނަ ބަޔަކީ، އެއިރު އޮތް ޤާނޫނުއަސާސީ – އާރޓިކަލްސް އޮފް ކޮންފެޑްރޭޝަން – އޮތް ގޮތަށް ބޭއްވުމަށް ތާއީދު ކުރި ބައެކެވެ. އެމީހުންގެ ވިސްނުމަކީ، އާރޓިކަލްސް އޮފް ކޮންފެޑެރޭޝަނުގައި އޮތް ގޮތަށް، ސްޓޭޓްތަކުގެ ބާރުތަކާއި އިޚްތިޔާރުތައް ވަރުގަދަކޮށް އަދި ފުޅައުކޮށް ބޭއްވުމާއި، މަރުކަޒީ ސަރުކާރުގެ ބާރުތަކާއި އިޚްތިޔާރުތަކާއި އިޚްތިޞާޞްގެ ދާއިރާ ހަނިކޮށް ބޭއްވުމެވެ. މި ފިކުރުގެ އަހުލުވެރީންނަށް ދެވުނު ނަމަކީ "އެންޓި-ފެޑްރަލިސްޓްސް" މިއެވެ.

ފިލަޑެލްފިޔާ މުޢުތަމަރުގައި ޤާނޫނުއަސާސީގެ ދެލިކޮޕީ އެކުލަވައިލެވުނީ ފެޑްރަލިސްޓުންގެ ފިކުރާ އެއްގޮތަށެވެ. ދެލިކޮޕީ އެކުލަވައިލުމަށް ފަހު، ދެން ކުރާން ޖެހުނު ކަމަކީ، ޤައުމުގެ ތޭރަ ސްޓޭޓުގެ ޢާއްމު ރައުޔުގެ ތާއީދު އެ ދެލިކޮޕީއަށް ހޯދުމުގެ މަސައްކަތެވެ. އަދި އެ ދެލިކޮޕީ ފާސް ކުރުމަށް ޓަކައި ސްޓޭޓްތަކުން ބޭނުންވާ ވޯޓު ހޯދުމުގެ މަސައްކަތެވެ. މި މަސައްކަތުގައި އެންމެ މުހިއްމު ދައުރެއް އަދާ ކުރެއްވެވީ އެލެގްޒޭންޑަރ ހެމިލްޓަނާއި ޖޭމްސް މެޑިސަނާ ދެ ބެއިފުޅުންގެ އިތުރުން ޖޯން ޖެއިއެވެ. މި ތިން ބެއިފުޅުން "ޕަބްލިޔުސް" މި ގަލަމީނަމުގައި، މަޒުމޫނުތަކެއްގެ ސިލްސިލާއެއް ލިޔުއްވައި ޝާއިޢު ކުރައްވަމުން ގެންދެވިއެވެ. އެ މަޒުމޫނުތަކުގައި ވަނީ، ހުށައެޅިފައި އޮތް ޤާނޫނުއަސާސީގެ ފިކުރާއި، އޭގެ އަސާސީ އުޞޫލުތަކާއި ވިސްނުންތައް ޝަރަޙަ ކޮށްދެއްވައިފައެވެ. އެ ޤާނޫނުއަސާސީ އަކީ ރަނގަޅު އެއްޗެއް ކަމުގައި ވާ ސަބަބުތައް ބަޔާން ކޮށްދެއްވައިފައެވެ. އެ ޤާނޫނުއަސާސީން ދައުލަތުގެ ދުސްތޫރީ ނިޒާމު އެކުލަވައިލައިފައި އޮތް ގޮތަކީ ފުރިހަމަ ގޮތެއް ކަމުގައި ވިދާޅުވެ ޢަޤްލީ ގޮތުން ވަރުގަދަ ދަލީލުތަކާއި ޒުވާބުތައް ނެރުއްވައިފައެވެ. މި މަޒުމޫނުތަކުގެ ސަބަބުން، އެތައް ބަޔެއްގެ ޚިޔާލު ފެޑްރަލިސްޓުންގެ ފިކުރާ އެއްގޮތަށް ބަދަލު ވެގެން ދިޔައެވެ. އާޚިރުގައި، އެމެރިކާގެ ސްޓޭޓްތަކުގެ ދުސްތޫރީ މުޢުތަމަރުތަކުގެ ތާއީދު އައު ޤާނޫނުއަސާސީއަށް ލިބުމުގައި، މި މަޒުމޫނުތަކުގެ ދައުރު ވަރަށް ވެސް ބޮޑެވެ. މަޒުމޫނުތަކުގެ ދިގުމިނަކީ، އާއްމު ގޮތެއްގައި ތިން ހަތަރު ޞަފުޙާޔާއި ހައެއްކަ އަށެއްކަ ޞަފުޙާޔާ ދެމެދެވެ. ޖުމުލަ 85 މަޒުމޫނުގެ ތެރެއިން، 51 މަޒުމޫނު ލިޔުއްވީ ހެމިލްޓަނެވެ. މެޑިސަން 29 މަޒުމޫނު ލިޔުއްވި އިރު، ޖެއި ލިޔުއްވީ 5 މަޒުމޫނެވެ. "ދަ ފެޑްރަލިސްޓް ޕޭޕަރޒް" ނުވަތަ "ފެޑްރަލިސްޓް" މަޒުމޫނުތަކޭ ކިޔެނީ މި މަޒުމޫނުތަކަށެވެ.

އައު ޤާނޫނުއަސާސީ ފާސް ވެގެން، އެއަށް ޢަމަލު ކުރާން ފެށީ 1789 ވަނަ އަހަރުގެ މާރިޗު މަހުގެ 4 ވަނަ ދުވަހުއެވެ. އެ ތާރީޚުން ފެށިގެން މިއަދާ ހަމަޔަށް އެމެރިކާގައި ޢަމަލު ކުރެވެމުން ދަނީ ފެޑްރަލިސްޓުންގެ ފިކުރާ އެއްގޮތަށް އުފެއްދުނު ޤާނޫނުއަސާސީއަށެވެ. މިހައިތަނަށް އެ ޤާނޫނުއަސާސީއަށް ހަތާވީސް އިޞްލާޙެއް ގެނެވިފައި ވެއެވެ. ނަމަވެސް ޤާނޫނުއަސާސީގެ އަސާސީ ސޫރަޔާއި، އަސާސީ އުޞޫލުތަކާއި އޮނިގަނޑަށް ބަދަލެއް ނައުދެއެވެ. ފާސް ކުރެވުނު ހަތާވީސް އިޞްލާޙަކީ، ބާރަސަތޭކައެއްހައި އިޞްލާޙު ހުށައެޅި، އެއިގެ ތެރެއިން ފާސް ވި މަދު ޢަދަދެވެ. ރަޙްމަތްތެރީންނާއި ދުޝްމަނުން ވެސް، އެ ޤާނޫނުއަސާސީގެ ފުރިހަމަކަމަށް އިޢުތިރާފު ވެއެވެ. އެ ޤާނޫނުއަސާސީއާ މެދު، އިނގިރޭސި ވިލާތުގެ މަޝްހޫރު ބޮޑުވަޒީރު ވިލިޔަމް ގްލެޑްސްޓޯން މީލާދީން 1878 ގައި ވިދާޅުވެފައި ވަނީ "އެމެރިކާގެ ޤާނޫނުއަސާސީ އަކީ އިންސާނީ ބުއްދިޔާއި، އިންސާނީ މަޤްޞަދުތަކުގެ ތެރެއިން، އިންސާނީ ތާރީޚުގައި އުފެއްދުނު އެންމެ ފުރިހަމަ އުފެއްދުން" ކަމުގައެވެ. ވިލިޔަމް ގްލެޑްސްޓޯންގެ މި ބަސްފުޅަކީ ތެދެއް ކަމަކަށް އަޅުގަނޑު ނުދަންނަވާނަމެވެ. މިވަރުގެ ތަޢުރީފެއް އެމެރިކާގެ ޤާނޫނުއަސާސީއަށް ވެސް ޙައްޤު ކަމުގައި އަޅުގަނޑު ޤަބޫލެއް ނުކުރަމެވެ. ނަމަވެސް އެ ޤާނޫނުއަސާސީ އަކީ ޤާނޫނުއަސާސީއެއްގެ ގޮތުގައި ވަރަށް ވެސް ފުރިހަމަ ޤާނޫނުއަސާސީއެއްކަމަށް އެއްބަސްވުމަކީ ޙަޤީޤަތަށް އިޢުތިރާފު ވުމެވެ.

އެމެރިކާގެ ކޯޓުތަކުން އެ ޤައުމުގެ ޤާނޫނުއަސާސީ ތަފްސީރު ކޮށް ތަރުޖަމާ ކުރުމުގައި އެންމެ ބޮޑަށް ރުޖޫޢަ ވާ އެކައްޗަކީ ފެޑްރަލިސްޓް މަޒުމޫނުތަކެވެ. އެ މަޒުމޫނުތައް އެއް ފޮތަކަށް ޝާއިޢު ކުރެވި، އެއިގެ މައްޗަށް ޝަރަޙަތަކާއި ޢިލްމީ ބަޙުޘްތައް އެމެރިކާގައި އަބަދުވެސް ކުރެވެމުން ދެއެވެ. އެތައް ހާސް ދަރިވަރުންނެއް، އެމެރިކާގެ ޔުނިވަރސިޓީތަކުގައި މާސްޓަރޒް އަދި ޕީއެޗްޑީގެ ޑިސަރޓޭޝަންތަކާއި ތީސިސްތައް، އެ މަޒުމޫނުތަކުގެ މައްޗަށް ލިޔެއެވެ. އެމެރިކާގެ ޔުނިވަރުސިޓީއެއްގައި، އެ މަޒުމޫނުތަކަކީ ކޮންމެހެން ކިޔުން މަޖުބޫރު އެއްޗެއް ކަމުގައި ކަނޑައަޅައިފައި ނެތް، ދުސްތޫރީ ޤާނޫނުގެ އެއްވެސް ކޯހެއް މޮޑިޔުލެއް ނޯވެއެވެ. ސިޔާސީ ލީޑަރުންނާއި ޤާނޫނީ ޢިލްމުވެރީން ވަނީ މި މަޒުމޫނުތަކުގެ މުހިއްމުކަމާއި، އޭގެ ޢިލްމީ އަދި ފިކުރީ ބުރަދަނުގެ ވާހަކަ އެކި ގޮތްގޮތަށް ދައްކަވައިފައެވެ. މިސާލެއްގެ ގޮތުން، އެމެރިކާގެ ތިންވަނަ ރައީސް ތޯމަސް ޖެފަރސަން ވިދާޅުވެފައި ވަނީ ފެޑްރަލިސްޓް މަޒުމޫނުތަކަކީ "ދުނިޔޭގެ ތާރީޚުގައި ވެސް، ދައުލަތެއްގެ ވެރިކަމުގެ ނިޒާމު ހިންގުމުގެ އުސޫލުތަކާއި ހަމަތަކާ ބެހޭގޮތުން ލިޔެވުނު އެންމެ ފުރިހަމަ ޝަރަހަ" ކަމުގައެވެ. އިނގިރޭސި ފަލްސަފާވެރިޔާ އަދި ކްލެސިކަލް ލިބަރަލިޒަމާއި ޔުޓިލިޓޭރިއަން ފަލްސަފާގެ އެންމެ މުހިއްމު އެއް މުފައްކިރު ޖޯން ސްޓުއަރޓް މިލް ވިދާޅުވަނީ ފެޑްރަލިސްޓް މަޒުމޫނުތަކަކީ "ފެޑްރަލް އުސޫލުން ވެރިކަން ހިންގުމާ ބެހޭގޮތުން ލިޔެވިފައި ވާ އެންމެ ފުރިހަމަ އިރުޝާދުތައް ހިމެނޭ އިލްމީ ލިޔުންތައް" ކަމުގައެވެ. ފަރަންސޭސި ވިލާތުގެ މަޝްހޫރު ފަލްސަފާވެރިޔާ އެލެކްސި ޑި ޓޮކްވިލް ވިދާޅުވީ ފެޑްރަލިސްޓް މަޒުމޫނުތަކަކީ "ދުނިޔޭގެ ހުރިހާ ގައުމުތަކެއްގެ ސިޔާސީ މުދައްބިރުންނާއި ލީޑަރުން އެ ލިޔުންތަކަކަށް އަހުލުވެރި ވެވަޑައިގަންނަވާން ޖެހޭ، ފުރިހަމަކަމުގެ އެންމެ މަތީ ދަރަޖައިގެ ލިޔުންތަކެއް" ކަމުގައެވެ.

"ސަން އޮންލައިން" ގައި އަޅުގަނޑު ލިޔަމުން ގެންދާ ކޮލަމުގައި، އަޅުގަނޑު ގަސްދު ކުރަނީ، މާތްރަސްކަލާނގެ ތައުފީޤު ދެއްވައިފިއްޔާ، ފެޑްރަލިސްޓް މަޒުމޫނުތަކުގައި ހުރި މައިގަނޑު ފިކުރުތައް ބަޔާން ކުރާ ލިޔުންތަކެއް ކުރިޔަށް އޮތް ތަނުގައި ލިޔަމުން ގެންދިޔުމަށެވެ. މަޒުމޫނުތައް ލަފުޒުން ލަފުޒަށް ތަރުޖަމާ ކުރާކަށް އަޅުގަނޑު ގަސްދެއް ނުކުރަމެވެ. ސަބަބަކީ އެ މަޒުމޫނުތަކަކީ ވަކި ޤައުމެއްގައި ވަކި ޒަމާނެއްގައި އޮތް ޙާލަތަކަށް ފަރުމާ ކުރެވިފައި ހުރި މަޒުމޫނުތަކެއް ކަމުން، އެ މަޒުމޫނުތައް ލަފުޒުން ލަފުޒަށް ތަރުޖަމާ ކުރުމަށް ވުރެ ބޮޑަށް، އަޅުގަނޑުމެންގެ ދިވެހި މުޖުތަމަޢަށް އޭގެ ފައިދާއެއް ކުރާނީ އޭގައި ހުރި މައިގަނޑު އުޞޫލުތައް ދިވެހި އިސްލާމީ ސަގާފަތާއި މާޙައުލާ ގުޅުވައިލެވޭނެ ފަދަޔަކުން ހުށައަޅައިލުމުން ކަމުގައި ވުމެވެ. މި މައުޟޫޢުގައި އަޅުގަނޑު ލިޔާ ކޮންމެ ކޮލަމެއްގައި ވެސް، ކޮންމެވެސް އެއް މަޒުމޫނެއް، ނުވަތަ ވަކި މައުޟޫޢަކަށް ލިޔެފައި އޮންނަ މަޒުމޫނުތަކެއް، މި އުޞޫލުން ހުށައަޅަމުން ގެންދެވޭތޯ މަސައްކަތް ކުރާނަމެވެ. އިރާދަ ކުރެއްވިއްޔާ، ކޮންމެ މަހަކު އެއް ކޮލަމް މި މައުޟޫޢަށް ޚާއްޞަ ކުރެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަމެވެ.

މަޤްޞަދަކީ ކޮޕީ ކުރުމެއް ނޫން

މި ކަހަލަ ކަމެއް ފަށައިގަންނަ އިރު، އެންމެ މުހިއްމު ސުވާލަކީ، މާތް ވެގެންވާ އިސްލާމް ދީނުގެ މަތިވެރި އުޞޫލުތައް ހުއްޓައި، އެހެން ތަންތަނުން އެހެން ގޮތްތައް ހޯދުމުގެ ބޭނުމެއް އެބައޮތް ހެއްޔޭ، މިއެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި މުސްލިމުންނާއި އިސްލާމީ މުޖުތަމަޢުގެ ކަންކަން ރޭވި އިންތިޒާމު ކުރެވޭން ވާނީ މާތް ވެގެންވާ އިސްލާމް ދީނުގެ އުނިކަމެއް، މިލައެއް، ދިލައެއް ނެތް މަތިވެރި އުޞޫލުތަކުގެ މަތީގައެވެ. އެހެންކަމާ އެކުގައިމެ، މިއަދު އިސްލާމީ ދުނިޔެ އޮތް ޙާލަތު އަޅުގަނޑުމެން ހަނދާން ނައްތައިލައިގެން ނުވާނެއެވެ. ދުނިޔޭގެ އެއްވެސް ޤައުމެއްގައި އިސްލާމީ ދުސްތޫރީ ނިޒާމެއް ނެތެވެ. އިސް ވެދިޔަ ޒަމާންތަކުގައި ވެސް، އިސްލާމް ދީނުގެ މަތިވެރި ޝަރީޢަތުގެ އުޞޫލުތަކަށް ހިންގުނު ވެރިކަންތަކަށް ވުރެ، މުސްލިމުންގެ ތެރޭގައި ވެސް ގިނައީ އިސްލާމީ އުޞޫލުތަކުގެ ބޭރުން ހިންގުނު ވެރިކަންތަކެވެ. ހަމައެހެންމެ، އިސްލާމީ ބޮޑެތި މުފައްކިރުން، ސިޔާސީ އަދި ދުސްތޫރީ ކަންކަމާ ބެހޭގޮތުން ފައުޅު ކުރެއްވި ފިކުރުފުޅުތަކާ، އުއްމަތާ މިއަދު ވަނީ ގުޅުން ކެނޑިފައެވެ. 21 ވަނަ ޤަރުނުގެ ދުނިޔޭގައި، އިސްލާމީ ދުނިޔޭގައި އިސްލާމީ ނިޒާމު ތަންފީޛު ކުރުމުގެ މަސައްކަތް މިއޮތީ އަލުން ފަށާން ޖެހިފައެވެ. 1990 ވަނަ އަހަރު، ބޮސްނިޔާގެ މުސްލިމުންގެ މަތިވެރި ޒަޢީމް އަލިޔާ އިއްޒަތުބެގޮވިޗް، މަޝްހޫރު "އިސްލާމިކް ޑެކްލަރޭޝަން" ގައި ބަޔާން ކުރެއްވި ފަދައިން، މުސްލިމުންގެ ތެރޭގައި "އިސްލަމައިޒޭޝަން"ގެ ފުޅާ މަސައްކަތެއް ވަނީ ފަށާން ޖެހިފައެވެ.

މި ދެންނެވި ސަބަބުތަކަށް ޓަކައި، ސިޔާސަތުގެ ދާއިރާއިން ޒަމާނީ އިސްލާމީ ފިކުރެއް ތަރައްޤީ ކުރުމަކީ މިއަދު އަޅުގަނޑުމެން ކުރާން ޖެހޭ މުހިއްމު އެއް މަސައްކަތެވެ. އަޅުގަނޑު ހިތުން، އިސްލާމީ އުޞޫލުތަކާ އެއްގޮތަށް އިސްލާމީ ދައުލަތެއް ބިނާ ކުރެވޭނީ، އިސްލާމީ ޚިލާފަތުގެ ދުވަސްވަރު ޚިލާފަތުގެ ކަންކަން ރޭވި އިންތިޒާމު ކުރެވިފައި އޮތް ގޮތާއި، އަދި ވަކިވަކީން އުފެދުނު އަދި މިހާރު ވެސް ވުޖޫދުގައި ހުރި މުސްލިމް ދައުލަތްތައް އުފެދި ހިނގަމުން ދިޔަ ގޮތާއި، އަދި މުސްލިމް ޢިލްމުވެރީންގެ ފިކުރުފުޅުތައް ފުޅާ ދާއިރާއެއްގައި ދިރާސާ ކޮށް، ޒަމާނީ ގަލަންތަކުން، މި ޒަމާނުގައި އިސްލާމީ ދައުލަތްތައް ބިނާ ކުރުމުގައި ބޭނުން ކުރެވޭ ފަދަ "ނަޒަރިއްޔާތީ އޮނިގަނޑެއް" ބިނާ ކޮށްގެންނެވެ. އިސްލާމީ ޤައުމުތަކުގެ ޔުނިވަރުސިޓީތަކުގައި، އިސްލާމީ ސިޔާސީ އަދި ދުސްތޫރީ ނިޒާމު ފުރިހަމަ މާއްދާއެއްގެ ގޮތުގައި ކިޔަވައިދެވޭ ވަރަށް ތަރައްޤީ ކުރެވިގެންނެވެ. މި މުހިއްމު ޢިލްމީ މަސައްކަތް ކުރުމަށް ޓަކައި، އިސްލާމީ ޔުނިވަރުސިޓީތަކާއި، އަދި ޔުނިވަރުސިޓީތަކުގެ ބޭރުން ވެސް، އިސްލާމީ ނިޒާމާ ބެހޭ ދިރާސާތައް ކުރާ މަރުކަޒުތައް ވެސް ޤާއިމު ކުރެވޭން ޖެހެއެވެ. އަދި އެފަދަ ގޮތްގޮތުން ދިރާސާތައް ކުރެވޭ އިރު، ކުރީން ދެންނެވި ހެން އިސްލާމީ ޚިލާފަތާއި އިސްލާމީ ދައުލަތްތަކާއި މުސްލިމް ޢިލްމުވެރީންގެ ޢިލްމީ މަސައްކަތްޕުޅުތަކުގެ އިތުރުން، ހުޅަނގުގެ އަދި އިރުމަތީގެ ދައުލަތްތަކުގެ ދުސްތޫރީ ނިޒާމުތައް ބިނާ ކުރުމުގައި ތަބަޢަ ވެފައި ވާ ފަލްސަފީ އަދި އުޞޫލީ ވިސްނުންތަކާއި ފިކުރުތަކާއި ނަޒަރިއްޔާތައް ވެސް ދިރާސާ ކުރުމަކީ، އަޅުގަނޑު ހިތުން، އަޅުގަނޑުމެންގެ އުއްމަތުގެ ޢިލްމީ ޤާބިލުކަން އިތުރު ވާނެ، ފައިދާހުރި ކަމެކެވެ. އެތެރެއިންނާއި ބޭރުން އަޅުގަނޑުމެންގެ އިސްލާމީ ނިޒާމަށް އަމާޒު ކުރެވޭ ފިކުރީ އަދި ޢިލްމީ ޙަމަލާތަކުން އެ ނިޒާމު ދިފާޢު ކުރެވޭނީ ވެސް، އަޅުގަނޑުމެންނަކީ އެހެން މީހުންގެ ފިކުރުތަކަށް ވެސް އަހުލުވެރި ބަޔަކު ކަމުގައި ވެގެންނެވެ.

"ފެޑްރަލިސްޓް" މަޒުމޫނުތަކަށް ދިވެހި އިސްލާމީ ނަޒަރަކުން ބަލައިލުމަކީ މުހިއްމު އަދި ފައިދާހުރި ކަމެއް ކަމުގައި އަޅުގަނޑު ދެކޭ ސަބަބު ބިނާ ވަނީ މި ދެންނެވި ނުކުތާގެ މައްޗަށެވެ. އެހެންކަމުން، މިއީ ހުޅަނގު ކޮޕީ ކުރުމަށް ކުރާ މަސައްކަތެއް ނޫނެވެ. މިއީ އަޅުގަނޑުމެންގެ އަތުން ބީ ވެފައި ވާ އިސްލާމީ އުޞޫލުތައް އަނބުރައި ގެނައުމުގެ ގޮތުން، އަޅުގަނޑުމެންގެ އުއްމަތް "އިސްލަމައިޒް" ކުރުމުގެ ގޮތުން ކުރެވޭ މަސައްކަތުގައި، އިންސާނީ ތަޖުރިބާގެ ތެރެއިން ޙިކުމަތާއި ޢިބުރަތް ލިބިގަތުމަށް ކުރެވޭ ޢިލްމީ މަސައްކަތެކެވެ.

ޙަޤީޤަތުގައި ފެޑްރަލިސްޓް މަޒުމޫނުތައް ލިޔެވިފައި ވަނީ ވެސް ހަމަ މި އުޞޫލުންނެވެ. އެހެނީ، އެ މަޒުމޫނުތަކާއި، ފެޑްރަލިސްޓުން ތަޞައްވުރު ކުރި ދުސްތޫރީ ނިޒާމުގެ ފިކުރީ އޮނިގަނޑު ބިނާ ކުރުމުގައި އިސްކޮށް ހުންނެވި ޖޭމްސް މެޑިސަން ވަނީ، ބަނީ އިސްރާއީލުގެ ނިޒާމާއި ޤަދީމީ ގްރީކުގެ ސިޔާސީ ނިޒާމުތަކުން ފެށިގެން އައިސް މުސްލިމް ޢުޘްމާނީ ޚިލާފަތުގެ ދުސްތޫރީ ނިޒާމާ ހަމަޔަށް، ދުނިޔޭގައި ޤާއިމު ކުރެވުނު މައިގަނޑު ހުރިހައި ދުސްތޫރީ ނިޒާމުތައް ވަރަށް ބޮޑަށް ދިރާސާ ކުރައްވައިފައެވެ. އެ ނިޒާމުތައް ބިނާ ވެފައި ވީ ފިކުރީ އަދި އުޞޫލީ އަސާސްތައް ވެސް ދިރާސާ ކުރައްވައިފައެވެ. އޭނާ ވަރަށް ގިނަ ޚިޔާލުތަކެއް ނެންގެވީ ޢުޘްމާނީ ޚިލާފަތުގެ ނިޒާމުންނެވެ. އެމެރިކާގެ ދުސްތޫރީ ނިޒާމު ވެސް ބިނާ ކުރެވުނީ މި ދިރާސާތަކާއި، ޢަޞްރު ތަންވީރުގެ ޒަމާނުގެ ޔޫރަޕިޔަން ފަލްސަފާވެރީންގެ ފަލްސަފީ ފިކުރުތަކުގެ މައްޗަށެވެ.

ޙައްލަކީ އިސްލާމް ދީން

އެނގިވަޑައިގަންނަވާނެ ފަދައިން، ސިޔާސީ ޤިޔާދަތާއި، ސިޔާސީ ގޮތުން ޤައުމުގެ ކަންކަން ހިންގުމުގެ ނިޒާމު – ޙުކޫމަތު – ހެޔޮ ގޮތުގައި ޤާއިމު ވެފައި އޮތުމާއި، ހެޔޮ ގޮތުގައި އެ ނިޒާމު ހިނގަމުން ދިޔުމަކީ މުޖުތަމަޢުގެ އެހެން ކަންކަން ވެސް ރަނގަޅު ގޮތުގައި ހިނގަމުން ދިޔުމުގެ އެއް އަސާސެވެ. ޤައުމެއްގެ ސިޔާސީ ކަންކަން ނުބައި މަގުން ހިނގާ ނަމަ، އެ ތަނެއްގައި ޢަދުލުއިންޞާފު ޤާއިމު ކުރުމަށް ހުރަސް އެޅެއެވެ. އިޖުތިމާޢީ އަދި އިޤްތިޞާދީ ޢަދާލަތު ނެތިގެން ދެއެވެ. އަނިޔާ އާއި ޡުލްމުގެ އަނދިރިކަން ޤައުމުގައި ނާމާން ހިޔަންޏެއް ފަދައިން ފެތުރިގެން ދެއެވެ. އަޚްލާޤިއްޔާތު ނެތިގެން ގޮސް، މުޅި މުޖުތަމަޢު ވަޙުޝިއްޔަތުގެ އަނދިރި ޖަންގައްޔަކަށް ވެގެން ހިނގައިދެއެވެ. އަމަންއަމާންކަން ގެއްލިދިޔުމަށް މަގުފަހި ވެ، ބައެއް ފަހަރުފަހަރު ގެއްލިގެން ވެސް ހިނގައިދެއެވެ. ނުޙައްޤުން މީސްތަކުންގެ ލެޔާއި މުދާ ފޭރެވި، އިންސާނީ ކަރާމާތާއި ޙުރުމަތަކީ ވެސް ނެތް އެއްޗަކަށް ވެގެން ހިނގައިދެއެވެ. އެ ތަނަކަށް ލިބިގެންވާ ޤުދުރަތީ މުއްސަނދިކަމާއި ވަސީލަތްތައް އިންޞާފުވެރި ގޮތުގައި އެންމެހައި ރައްޔިތުންގެ މެދުގައި ބެހެވިގެން ދިޔުމުގެ ބަދަލުގައި، އެއީ ވަކި ބަޔަކު މުއްސަނދިކަމާއި ތަނަވަސްކަން ހޯދާ ވަސީލަތްތަކަކަށް ވެދެއެވެ. ޤައުމުގެ އެއް ބަޔަކު ނިހާޔަތަށް މުއްސަނދި ވާ އިރު، އެހެން މީހުންނަކީ އަނގަޔާ އަތާ ދިމާ ނުވާވަރުގެ ފަޤީރުން ކަމުގައި ވެދެއެވެ. ނުވަތަ އެ ވަސީލަތްތައް އިސްރާފު ވެއެވެ. ސައެންސާއި ފަންނުވެރިކަމާއި ޢިލްމީ އެކިއެކި މައިދާންތަކުގައި ޤައުމު ތަރައްޤީ ނުވެ، މި ހުރިހައި ދާއިރާއެއްގައި ވެސް އެހެން މީހުންނަށް ބަރޯސާ ވާ ބަޔަކު ކަމުގައި ވެދެއެވެ. ޤާނޫނީ ނިޒާމު ހަލާކު ވެދެއެވެ. ރައްޔިތުންގެ މެދުގައި އޮންނާން ޖެހޭ ޤައުމީ އެއްބަނޑުއެއްބަފާކަމާއި އަޚްވަންތަކަމުގެ ބަދަލުގައި، ޤައުމު ބައިބަޔަށާއި ގިންތިގިންތިޔަށް ބެހި، އެ ބައިތަކާއި ގިންތިތަކުގެ މެދުގައި ނަފްރަތާއި ރުޅިވެރިކަން އުފެދި، އެއް ބަޔަކު އަނެއް ބަޔަކާ ދިމާޔަށް ހުތުރު އެއްޗެތި ގޮވުމާއި، އަސާސެއް ނެތް ތުހުމަތުތައް ކުރުމާއި، އެއް ބަޔަކު އަނެއް ބަޔަކުގެ އަބުރާއި ޝަރަފަށް އަރައިގަތުން ފަދަ ކަންކަމީ، ޤައުމުގެ ދުވަހީ ދިރިއުޅުމުގެ ހުތުރު ޞޫރަ ކަމުގައި ވެދެއެވެ. ވެރިކަމަކީ، ބާރުވެރި ބަޔަކު ޤައުމުގެ ވަސީލަތްތަކުން ނާޖާއިޒު ފައިދާ ނަގައި، ރައްޔިތުން ވާ ވައްދައިގެން އަމިއްލަ އަންބޮނޑި ފުރައި، އަމިއްލަ ޒާތީ މަޞްލަޙަތުތައް ރައްކައުތެރިކޮށް، އަމިއްލަ އެދުންތައް ފުއްދުމަށް ބޭނުން ކުރާ ވަސީލަތަކަށް ވެދެއެވެ. ވެރިކަމުގެ ޙަޤީޤީ މަޤްޞަދަށް ވުރެ، ސިޔާސީ ޙަރަކާތްތަކުގެ މުހިއްމުކަން ބޮޑު ވެގެން ހިނގައިދެއެވެ. ސިޔާސީ މައިދާނަކީ އިންތިޚާބުތަކާއި ކެންޕޭނާއި، ސިޔާސީ އެއް ޖަމާޢަތަކުން ނުވަތަ ޕާޓީއަކުން އަނެއް ޖަމާޢަތަކަށް ނުވަތަ ޕާޓީއަކަށް ދޭ ޙަމަލަތަކުގެ ހަނގުރާމައިގެ މައިދާނަކަށް ވެ، ސިޔާސީ ލީޑަރުންނަކީ ޤައުމަށް ޚިދުމަތް ކުރާ، ހެޔޮ މަގުން ޤައުމު ގެންދިޔުމުގައި ހުންގާނުގައި ހިފާ މާލިމީންތައް ކަމުގެ ޙަޤީޤަތް ހަނދާން ނެތިދެއެވެ.

އަޅުގަނޑުމެންގެ ދިވެހިރާއްޖެޔަކީ ދުނިޔޭގެ ޤައުމުތަކުގެ ތެރެއިން، މި ދެންނެވި ޙާލަތު އެންމެ ބޮޑަށް ކުރިމަތި ވެފައި އޮތް އެއް ޤައުމެވެ. އަޅުގަނޑު ހިތުން، ދިވެހިރާއްޖޭގައި މި ވާހަކަޔާ މެދު ދެބަސް ވާނެ މާކަ ގިނަ ބަޔަކު ނުތިބޭނެއެވެ. ނަމަވެސް ޙަޤީޤީ ޙައްލު ހޯދުމަށް ޓަކައި އަޅުގަނޑުމެންނަށް ކުރެވޭ މަސައްކަތްތައް މަދެވެ. އޮޅުމެއް ނެތް ގޮތުގައި، މުސްލިމުންގެ މައްސަލަތަކުގެ ޙައްލަކީ މާތް ވެގެންވާ އިސްލާމް ދީނެވެ. އެ ދީނަކީ ދިވެހި ޤައުމަށް ލިބިއޮތް އެންމެ ބޮޑު ނިޢުމަތެވެ. އަޅުގަނޑުމެންނަށް ލިބުނު އެންމެ ބޮޑު ނަޞީބެވެ. އަޅުގަނޑުމެންނަށް ކުރިމަތި ވެފައި އޮތް ކޮންމެ ބޮޑު މައްސަލައެއްގެ ޙައްލަކީ އިސްލާމް ދީނެވެ. އެގޮތުން، މިއަދު ސިޔާސީ ގޮތުން ދިވެހި ޤައުމު ހަލާކާއި ފަނާގެ އަނދިރި ވަޅުގަނޑެއްގެ ތެރެޔަށް ވެއްޓިފައި އޮތް އޮތުމުގެ ފަރުވާ ވެސް އޮތީ ހަމަ އިސްލާމް ދީނުގައެވެ. ދިވެހިރާއްޖެ ވެއްޓިފައި މިއޮތް ވަޅުގަނޑުން އަރައިގަތުމަށް ޓަކައި، އަޅުގަނޑުމެން ކުރާން ޖެހޭ މަސައްކަތަކީ އިސްލާމީ ސިޔާސީ އަދި ދުސްތޫރީ ފަލްސަފާޔާއި އުޞޫލުތައް ދިރާސާ ކުރުމެވެ. އަދި އެއިގެ މައްޗަށް، އަޅުގަނޑުމެންގެ ދުސްތޫރީ ނިޒާމު ބިނާ ކުރުމެވެ. މިހެން ދެންނެވީމާ، ހަމައެކަނި ކަރުދާހުގައި ނިޒާމެއްގެ ވާހަކަ ލިޔެލައި، ވަކި ގޮތަކަށް މުއައްސަސާތަކެއް އަތުރައި ތަރުތީބު ކޮށްލުމުން، ހުރިހައި ކަމެއް ޙައްލު ވީއޭ އަޅުގަނޑު ދަންނަވަނީ ކަމަށް ހީފުޅު ނުކުރައްވާށެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި، އިސްލާމީ ސިޔާސީ އަދި ދުސްތޫރީ ފަލްސަފާޔާއި އުޞޫލުތަކަކީ ވައިގެ ތެރޭގައި، ހުސްކަމެއްގެ ތެރޭގައި ބިނާ ކުރެވޭނެ އެއްޗެއް ނޫނެވެ. އެއިގެ ފިކުރީ އަދި އަޚްލާޤީ އަސާސްތަކެއް ހުރެއެވެ. އެހެންކަމުން، އެ ނިޒާމު ބިނާ ކުރެވޭނީ އެންމެ ފުރަތަމަ ކަމަކަށް އެ އަސާސުތައް ބިނާ ކޮށްގެންނެވެ.

އިސްލާމީ ދުސްތޫރީ އަދި ފިކުރީ ނިޒާމުގެ އަސާސްތަކަކީ އިސްލާމް ދީނުގެ މައިގަނޑު މަޞްދަރުތަކުން ނެގޭ އެއްޗެކެވެ. އެ މަޞްދަރުތަކަކީ ކީރިތި ޤުރްއާނާއި، ކީރިތި މާތް ނަބިއްޔާގެ ސުންނަތެވެ. މި ދެ މަޞްދަރުން ނެގޭ އަސާސްތަކުގެ ތެރެއިން، އެންމެ މައިގަނޑު އަސާސަކީ ތައުޙީދާއި، ކީރިތި ﷲ އަށް ދައުލަތުގެ ސިޔާދަތު މިލްކު ވެގެން ވުމުގެ އަސާސެވެ. ދެވަނަ އަސާސަކީ ނުބުއްވަތު ނުވަތަ ރިސާލަތެވެ. އެއިގެ މާނަޔަކީ، އިސްލާމީ ދައުލަތުގެ މުޅި ނިޒާމަކީ މުޙައްމަދު ނަބީކަލޭގެފާނުގެ ސުންނަތާއި، އެކަލޭގެފާނުގެ ރޫޙާނީ ޤިޔާދަތުގެ ދަށުން ހިނގާ ކަމެއް ކަމުގައި ވުމެވެ. ތިންވަނަ އަސާސަކީ ޚިލާފަތެވެ. އެއީ އިންސާނާ ދުނިޔޭގައި އުޅެނީ ކީރިތި ﷲ ރުހިވޮޑިގަންނަވާ މަގުން ދުނިޔެ ތަޢުމީރު ކޮށް، އިންސާނާގެ ދިރިއުޅުމުގެ ހުރިހައި ކަމެއް ވެސް އެކަލާނގެ އެންގެވުންތަކާ އެއްގޮތަށް ގެންދިޔުމުގެ މަސްއޫލިއްޔަތާއިގެން ދުނިޔެއަށް އައިސް ހުރި، އެކަލާނގެ ޚަލީފާއެއްގެ ގޮތުގައި ކަމުގެ އުޞޫލެވެ. މި ތިން އަސާސަކީ މި ޒަމާނުގެ މަޝްހޫރު އިސްލާމީ މުފައްކިރެއް ކަމުގައި ވާ އަބުލް އަޢްލާ މައުދޫދީގެ ނަޒަރިއްޔާގައި ބަޔާން ކުރައްވާ ތިން އަސާސެވެ. އެހެން ޢިލްމުވެރީންނާއި މުފައްކިރުންގެ ވިސްނުންފުޅުތަކަށް ބަލާ އިރު، އިތުރު އަސާސްތައް ވެސް ވަކީން، ނުވަތަ މި ދެންނެވި އަސާސްތަކުގެ ދަށުން އަންނަ ކަންކަމުގެ ގޮތުގައި ބަޔާން ކުރައްވައިފައި ހުރެއެވެ. އެއިގެ ތެރޭގައި، ޝޫރާގެ އުޞޫލާއި، ޢަދުލުއިންޞާފާއި، އިސްލާމީ އަޚްލާޤިއްޔާތާއި، އިންސާނީ އުޚުއްވަތާއި، ރަޙްމާ ނުވަތަ އިންސާނީ އޯގާވެރިކަމާއި ލޯތްބާއި ހަމްދަރުދީ އާއި ކުލުނުގެ މައްޗަށް ބިނާ ވާ މުޖުތަމަޢެއް އުފެއްދުން ފަދަ ކަންކަން ހިމެނެއެވެ.

މުސްލިމް މުފައްކިރުން

މި ދެންނެވި އަސާސްތަކުގެ މައްޗަށް އިސްލާމީ ސިޔާސީ އަދި ދުސްތޫރީ ނިޒާމު ބިނާ ކުރެވޭނެ ގޮތާއި، އެ ނިޒާމުގެ އެކިއެކި ކަންކަން ބައްޓަން ވެފައި އޮންނާން ވީ ގޮތްތައް، މުސްލިމް ޢިލްމުވެރީން ވަނީ ވަރަށް ރަނގަޅަށް ލިޔުއްވައި ބަޔާން ކުރައްވައިފައެވެ. އެ ބެއިފުޅުންގެ ޢިލްމީ މަސައްކަތްޕުޅާ މެދު އަޅުގަނޑުމެންގެ އިހުމާލު ހުރި ވަރީ، ތިރީގައި އަޅުގަނޑު މި ބަޔާން ކުރާ ޢިލްމުވެރީންގެ ފޮތްތަކުގެ ތެރެއިން، ފަހުގެ ވަރަށް މަދު ފޮތެއް ފިޔަވައި، އެހެން އެއްވެސް ފޮތެއް ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޚާނާގައި ވެސް ނެތެވެ. ދިވެހިރާއްޖެޔަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި އޮންނަތާ ސާސްކަފެއް ވާން ކައިރި ވެފައިވާ ޤައުމެކެވެ.

މިއަދު އަޅުގަނޑުމެންގެ ވާޖިބަކީ އިސްލާމީ ޢިލްމުވެރީންގެ ފޮތްތައް އަޅުގަނޑުމެންގެ ކުތުބުޚާނާތަކުގެ ފަޚުރަކަށް ހެދުމެވެ. އަޅުގަނޑުމެންގެ ޔުނިވަރުސިޓީތައް ބިނާ ކުރެވޭން ޖެހޭނީ، މައިގަނޑު އެއް މަޤްޞަދަކަށް، އެ ފޮތްތައް ދިރާސާ ކޮށް، އެ ފޮތްތަކުގެ އަލީގައި އަޅުގަނޑުމެންގެ ޖީލުތައް ޢިލްމީ ގޮތުން ބިނާ ކުރުމުގެ މަސައްކަތް ކުރާ ތަންތަނުގެ ގޮތުގައެވެ. އަޅުގަނޑުމެންގެ ޝަރަފާއި ފަޚްރަކީ އެ ފޮތްތަކެވެ. އެކަން ދިވެހި އިސްލާމީ އުއްމަތުގެ އެއްވެސް ފަރުދަކު ހަނދާން ނައްތައިލައިގެން ނުވާނެއެވެ. ތެދުފުޅެކެވެ! އަޅުގަނޑުމެންގެ ތެރެއިން ވެސް ދީނަށާއި އުއްމަތަށް ޣައްދާރު ވެގެން އުޅޭ ބަޔަކު އެބަތިއްބެވެ! ނަމަވެސް އެފަދަ ޣައްދާރުންގެ ކުރިމަތީގައި ނިކަމެތި ވުމަކީ ދުވަހަކު ވެސް މުސްލިމުން ކޮށްގެން ވާނެ ކަމެއް ނޫނެވެ. އަޅުގަނޑުމެންގެ އިސްލާމީ ޝަޚްޞިއްޔަތުގެ ދިފާޢުގައި އަޅުގަނޑުމެން ކުރާން ޖެހޭ މަސައްކަތުގައި ފިޔަވަޅެއް ވެސް ފަހަތަށް ޖެހިގެން ނުވާނެއެވެ. އެހެންކަމުން، މި ދަންނަވާ ޢިލްމުވެރީންގެ މަސައްކަތްޕުޅުތައް މީގެ ކުރިޔާ ޚިލާފަށް، ދިވެހި މުޖުތަމަޢަށް ތަޢާރަފު ކޮށް، އަޅުގަނޑުމެންގެ ޢިލްމީ މަޖިލިސްތަކުގައި އެ ފޮތްތަކާ މެދު ބަޙުޘް ކުރުމާއި، އެ ފޮތްތައް ކިޔަވައި ދިރާސާ ކުރުމުގެ މުޅީން އައު މަރުޙަލާއެއް ފެށުމުގެ ވަގުތު މިއޮތީ އައިސްފައެވެ.

ތިރީގައި އަޅުގަނޑު މި ދަންނަވައިލަނީ، މިގޮތުން އަޅުގަނޑުމެން ދިރާސާ ކުރާން ޖެހޭ ބައެއް ޢިލްމުވެރީންނާއި، އެ ބެއިފުޅުންގެ މައިގަނޑު މަސައްކަތްޕުޅުތަކާ ބެހޭ ކުރު ބަޔާނެކެވެ. ބޭނުމަކީ، "ފެޑްރަލިސްޓް" މަޒުމޫނުތަކުގެ ބަޙުޘް ފަށައިގަތުމުގެ ކުރީގައި، ކިޔުންތެރީންނަށް ކުރު ގޮތަކަށް ވިޔަސް، މުސްލިމުންގެ ޢިލްމީ މަސައްކަތްޕުޅުތަކާ ބެހޭ މަޢުލޫމާތު އެރުވުމެވެ. ސިޔާސީ އަދި ދުސްތޫރީ ނިޒާމު ތަރައްޤީ ކުރުމަށް ޓަކައި އަޅުގަނޑުމެން ކުރާން ޖެހޭ އެންމެ މުހިއްމު މަސައްކަތުގެ އަމާޒަކަށް ވާންވީ ދިމާޔަށް އަވަސް އިޝާރާތަކުން ވިޔަސް އިޝާރާތް ކުރުމެވެ. މި ފޮތްތަކުގެ ވާހަކަ ކުރު ގޮތަކަށް ވިޔަސް ބަޔާން ކޮށްލުމުގައި، އަޅުގަނޑުގެ އެންމެ ބޮޑު މަޤްޞަދަކީ، އިސްލާމީ ޢިލްމުވެރީން ދުސްތޫރީ ނިޒާމާއި ސިޔާސަތާ ބެހޭގޮތުން އެއްވެސް ވާހަކައެއް ނުދައްކަވާ ކަމަށް ބަޔަކަށް ހީ ވެފައި އޮންނަ އޮތުމަކީ ކުށެއްކަން ބަޔާން ކުރުމެވެ. އަދި މި ފޮތްތަކުގެ ނަން ނުގެނެސް، ހުޅަނގުގެ ޢިލްމީ މަޞްދަރުތަކެއްގެ ވާހަކަ ދެއްކުމަކީ، މި ފޮތްތަކަށް ކުރެވޭ އިހާނާތެއް ކަމުގައި ވާތީއެވެ.

ވެރިކަން ކުރުމުގެ ނިޒާމާއި އުޞޫލުތަކާ ބެހޭގޮތުން އެންމެ ފުރަތަމަ ފޮތެއް ލިޔުއްވި މުސްލިމް ލިޔުންތެރީންގެ ތެރޭގައި އިބްނުލް މުޤައްފަޢްގެ ނަންފުޅު ފާހަގަ ކޮށްލެވެއެވެ. އޭނާ ލިޔުއްވި "އަލްއަދަބުލް ކަބީރް" އަކީ ވަރަށް ފާހަގަ ކޮށްލެވޭ ފޮތެކެވެ. ނަމަވެސް އެ ފޮތަކީ ވެރިކަމުގެ ނިޒާމަށް ވުރެ ބޮޑަށް، އަމީރެއްގެ އުޅުއްވުމާއި ވިސްނުންފުޅާއި ސުލޫކާއި ޢަމަލުފުޅުތަކާއި، ވެރިކަމުގެ ދަރުބާރުގެ ނިޒާމު ބަހައްޓަވާން ވީ ގޮތުގެ އިރުޝާދުތަކެއް ފަދަ ފޮތެކެވެ. އިޓަލީ ވިލާތުގެ މަޝްހޫރު ސިޔާސީ ފަލްސަފާވެރިޔާ ނިކޮލޯ މަކިޔާވެލީގެ "ދަ ޕްރިންސް" ލިޔުމުގެ އެތައް ޤަރުނެއް ކުރީން ލިޔުއްވި އެފަދަ އެހެން ފޮތެކެވެ. އެ ފޮތުގައި އަމީރުންނަށް ދެއްވައިފައި ވާ އިރުޝާދުތަކުގެ ތެރޭގައި، ދީންވެރި އަދި އަޚްލާޤު ރަނގަޅު މީހުން ގާތް ކުރައްވައި، ވަޒީރުންނާއި އަރިސް ބެއިފުޅުންގެ ގޮތުގައި ގެންގުޅުއްވުމަށް ނަޞޭޙަތް ދެއްވައެވެ.

އިބްނުލްމުޤައްފަޢަށް ފަހު، ދެން މަސްރަޙުން ފެންނަ އެންމެ މުހިއްމު ނަންފުޅަކީ މަޝްހޫރު ޢާލިމް ޤާޟީ އަބޫ ޔޫސުފެވެ. އިބްނުލް މުޤައްފަޢާ ޚިލާފަށް، ޤާޟީ އަބޫ ޔޫސުފަކީ އިސްލާމީ އުއްމަތުގެ ނަންހުރި ދަންނަބެއިކަލުންގެ ތެރެއިން ބެއިކަލެކެވެ. ޚަލީފާ ހާރޫނުއްރަޝީދުގެ ޚިލާފަތުގެ ދުވަސްވަރު، އިސްލާމީ ދައުލަތުގެ ޤާޟިލް ޤުޟާތު – ޗީފް ޖަސްޓިސް – ގެ މަޤާމު އަދާ ކުރެއްވި ބެއިކަލެކެވެ. އެކަލޭގެފާނު ލިޔުއްވި އެންމެ މަޝްހޫރު ފޮތަކީ "ކިތާބުލް ޚަރާޖް" އެވެ. ޚަލީފާގެ އެދިވަޑައިގަތުމަކަށް، ޤާޟީ އަބޫ ޔޫސުފް ލިޔުއްވި މި ފޮތުގައި މައިގަނޑު ގޮތެއްގައި ހުރީ ރައްޔިތުންގެ އަތުން ޓެކްސް ނުވަތަ މާމޫލު ނެގުމާއި، ދައުލަތުގެ މާލީ ކަންކަން އިންތިޒާމު ކުރުމާ ބެހޭގޮތުން، އިސްލާމީ ޝަރީޢަތާއި ފިޤްހުގެ އުޞޫލުތަކާއި ހަމަތައް ތަފްޞީލީ ގޮތެއްގައި ބަޔާން ކުރައްވައިފައެވެ. ޙަޤީޤަތުގައި، މި ފޮތަކީ އިސްލާމީ ޢިލްމުވެރިޔެއްގެ ޤަލަންކޮޅުން، ދައުލަތުގެ ނިޒާމުގެ ކަންކަން ހިންގުމާ ބެހޭގޮތުން ލިޔެވުނު ފުރަތަމަ ފޮތް ކަމުގައި ވެސް ބެލެވިދާނެއެވެ. މާމޫލާއި، މާލީ ކަންކަމާ ބެހޭ ފޮތެއް ކަމުގައި ވިޔަސް، މި ފޮތުގައި ޤާޟީ އަބޫ ޔޫސުފް ވަނީ މުޖުތަމަޢު އެ އުޞޫލުތަކެއްގެ މަތީގައި ބިނާ ކުރެވޭން ޖެހޭ އަޚްލާޤީ އަދި ޝަރުޢީ އުޞޫލުތަކާ ބެހޭގޮތުން ވެސް އެންމެ މަތީ ފެންވަރުގައި ޢިލްމީ ގޮތުން ވާހަކަފުޅު ދައްކަވައިފައެވެ. އަދި މުސްލިމް ރައްޔިތުންގެ ކަންކަން ބަލަހައްޓަވާ ބެއިފުޅެއްގެ ގޮތުގައި ޚަލީފާގެ ދައުރާއި މަސްއޫލިއްޔަތާ ބެހޭގޮތުން ވެސް ވާހަކަފުޅު ދައްކަވައިފައި ވެއެވެ. މީލާދީން 798 ގައި އަވަހާރަ ވި ޤާޟީ އަބޫ ޔޫސުފަކީ މުސްލިމުންގެ މަތިވެރި ޢިލްމުވެރިޔާ އިމާމް އަބޫ ޙަނީފާގެ އެންމެ މަޝްހޫރު ދެ ދަރިވަރުން ކުރެ އެއް ބެއިފުޅެކެވެ.

މީލާދީން 950 ގައި އަވަހާރަ ވި އަލްފާރާބީ އާއި، މީލާދީން 1037 ގައި އަވަހާރަ ވި އިބްނު ސީނާ އަކީ މުސްލިމް ފަލްސަފާވެރީންގެ ތެރެއިން އެންމެ ނަން މަޝްހޫރު އަދި އެންމެ ފުންނާބު އުސް ބެއިފުޅުންގެ ލިސްޓުން ޖާގަ ހޯއްދެވި ދެ ބެއިފުޅުންނެވެ. އެ ދެ ބެއިފުޅުންގެ ފަލްސަފީ އުނގަންނައިދެއްވުންތަކުގެ ތެރޭގައި ވެސް، ސިޔާސީ ފަލްސަފާޔާއި ފިކުރު ހިމެނެއެވެ. އަލްފާރާބީ ވަނީ "މަދީނަތުލް ފާޟިލާ" ގެ ނަމުގައި "ހެޔޮކަމާއި މާތް ސިފަތަކުން ޒީނަތްތެރި ވެގެންވާ ޝަހަރެއް" ގެ ތަޞައްވުރު ހުށައަޅުއްވައިފައެވެ. އިބްނު ސީނާގެ މަޝްހޫރު ފޮތް "އައްޝިފާ" ގައި، ސިޔާސަތަށް ވަކި ޚާއްޞަ ބާބެއް ވެއެވެ. އެ ބާބުގައި ވަނީ ﷲ ގެ ޝަރީޢަތުގެ މައްޗަށް، އަދި ކީރިތި މާތް ނަބިއްޔާގެ ޤިޔާދަތުގެ ދަށުން، ފުރިހަމަ މުޖުތަމަޢެއް ބިނާ ކުރެވޭނެ ގޮތުގެ ނަޒަރިއްޔާތީ އަސާސްތައް ބަޔާން ކުރައްވައިފައެވެ. މީލާދީން 1058 ގައި އަވަހާރަ ވި އަލްމާވަރްދީ އަކީ އިސްލާމީ ސިޔާސީ މުފައްކިރުންގެ ލިސްޓުގައި އެ ބެއިފުޅެއްގެ ނަންފުޅު ރަން އަކުރުން ލިޔެލެވޭ ބެއިފުޅެކެވެ. ބަޣްދާދުގެ އިސް ޤާޟީކަން ވެސް ކުރެއްވި އަލްމާވަރްދީ ސިޔާސަތާއި ދުސްތޫރީ ނިޒާމާ ބެހޭގޮތުން ވަރަށް މަޝްހޫރު ފޮތެއް ލިޔުއްވިއެވެ. އެ ފޮތުގެ ނަމަކީ "އަލްއަޙްކާމުއް ސުލްޠާނިއްޔާ" މިއެވެ. މީގެ އިތުރުން ވެސް އޭނާ ވެރިކަމުގެ ނިޒާމާ ބެހޭ އިތުރު އެތައް ފޮތެއް ތަޞްނީފު ކުރެއްވިއެވެ. އަލްމާވަރްދީއެކޭ އެއްފަދައިން ފާހަގަ ކޮށްލާން ޖެހޭ އަނެއް ނަންފުޅަކީ ސަލްޖޫޤީ ދައުލަތުގެ މަޝްހޫރު ބޮޑުވަޒީރު ނިޡާމުލްމުލްކެވެ. މީލާދީން 1092 ގައި އަވަހާރަ ވި ނިޡާމުލްމުލްކުގެ އެންމެ މަޝްހޫރު ފޮތަކީ "ސިޔާސަތުނާމާ" ގެ ނަމުގައި ލިޔުއްވި ފޮތެކެވެ.

މުސްލިމެއްގެ ފަރުދީ އަދި އިޖުތިމާޢީ ދިރިއުޅުމުގެ އެއްވެސް ކަމަކާ ބެހޭގޮތުން، ޢިލްމީ ގޮތުން މަގު ހޯދުމަށް ކުރެވޭ މަސައްކަތެއް ޙުއްޖަތުލް އިސްލާމް އިމާމުލް ޣަޒާލީ ރަޙިމަހުﷲ ގެ "އިޙްޔާއު ޢުލޫމުއްދީން" އާ ނުލައި ފުރިހަމައެއް ނުވާނެއެވެ. އެގޮތުން، އިސްލާމީ ސިޔާސީ ނިޒާމު ބައްޓަން ކުރުމުގައި ވެސް، އެ ފޮތުން ނުހަނު މުހިއްމު އަދި ޝާމިލު ޢިލްމީ އިރުޝާދުތަކެއް ލިބެއެވެ. މައިގަނޑު ގޮތެއްގައި، އިސްލާމީ ދައުލަތުގެ ސިޔާސީ މުއައްސަސާތަކާއި އެ މުއައްސަސާތަކުގެ ހިންގުމާ ޙަވާލު ވެގެން ތިބޭ މީހުން ތަބަޢަ ވާން ޖެހޭ ސުލޫކީ އަދި އަޚްލާޤީ އުޞޫލުތަކާ މެދުގައެވެ. އެކަލޭގެފާނު ދައްކަވައިފައި ވަނީ، ދައުލަތުގެ ސިޔާސީ ޤިޔާދަތު އިސްލާމީ އަޚްލާޤުގެ މަތިވެރި ހަމަތަކާއި އުޞޫލުތަކުގެ ތެރޭގައި، ރައްޔިތުންގެ ޙައްޤުގައި ހިނގާ، ނިޒާމަކަށް ބަދަލު ކުރެވޭނެ މަގެވެ. މީލާދީން 1111 ގައި އިމާމް ޣަޒާލީ އަވަހާރަ ވުމަށް ފަހު، ދެން މި ރޮނގުން އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަ ކޮށްލެވޭ ބެއިފުޅަކީ މީލާދީން 1209 ގައި އަވަހާރަ ވި ފަޚްރުއްދީން އައްރާޒީއެވެ. އޭނާ ހުށައެޅުއްވީ އިސްލާމީ ޢަޤީދާގެ އުޞޫލުތަކުގެ ތެރޭގައި އިބްނު ސީނާގެ ފަލްސަފާގެ ނަޒަރިއްޔާތައް ތަރުޖަމާ ކުރައްވައިގެން، ހަރުދަނާ ސިޔާސީ ނިޒާމެއް ބިނާ ކުރެވޭނެ ގޮތުގެ ވިސްނުންފުޅުތަކެވެ. މީގެ އިތުރުން، މީލާދީން 1198 ގައި އަވަހާރަ ވި މުސްލިމް ފަލްސަފާވެރިޔާ އަދި ފަޤީހް އިބްނު ރުޝްދާއި، މީލާދީން 1406 ގައި އަވަހާރަ ވި އިބްނު ޚަލްދޫނަކީ ވެސް އިސްލާމީ ސިޔާސީ ނަޒަރިއްޔާގައި ވަރަށް މުހިއްމު ފިކުރުފުޅުތަކެއް ނެރުއްވި މުފައްކިރުންނެވެ.

މި ލިސްޓު އެ ބެއިފުޅެއްގެ ނަންފުޅާ ނުލައި ފުރިހަމަ ނުވާނެ އަނެއް ބެއިފުޅަކީ، މަޝްހޫރު މުސްލިމް ޢާލިމް، ފަލްސަފާވެރިޔާ، ޅެންވެރިޔާ، އަދި ޞޫފީ މުރްޝިދް އިބްނު ޢަރަބީއެވެ. އިބްނު ޢަރަބީ އަކީ ހަނި މާނައިގައި ސިޔާސީ މުފައްކިރެއް ކަމުގައި ނުވިޔަސް، އޭނާ ހުށައެޅުއްވި "އަލްއިންސާނުލް ކާމިލް" ގެ ނަޒަރިއްޔާ އާއި، އޭނާގެ އަޚްލާޤީ، ރޫޙާނީ، އަދި ދީނީ ތަޢުލީމަކީ އިސްލާމީ ސިޔާސީ ނިޒާމު ހެޔޮ ގޮތުގައި ބައްޓަން ކުރުމުގައި ވެސް ނުހަނު ބޭނުންތެރި މަސައްކަތްޕުޅުތަކެއް ކަމުގައި މެނުވީ ނުވެއެވެ. އިބްނު ތައިމިއްޔާގެ އުނގަންނައިދެއްވުންތަކުގެ ތެރޭގައި ވެސް، އިސްލާމީ ސިޔާސީ ނިޒާމާ ބެހޭ ގިނަ ވިސްނުންފުޅުތަކެއް ހިމެނެއެވެ.

މި ޒަމާނުގައި ވެސް އިސްލާމީ ސިޔާސީ ފިކުރުގެ ވަރަށް މުހިއްމު ޢިލްމުވެރީންނާއި މުޙައްރިކުން ފެނިފައި ވެއެވެ. އޭގެ ތެރޭގައި ޖަމާލުއްދީން އަފްޣާނީ އާއި، އޭނާގެ ދަރިވަރު އަދި އިސްލާމީ ދުނިޔޭގެ މަޝްހޫރު ޢިލްމުވެރިޔާ ޝައިޚް މުޙައްމަދު ޢަބްދުހ އާއި، ޙަސަނުލްބަންނާ އާއި، ސައްޔިދު ޤުޠުބް އާއި، މައުލާނާ އަބުލްއަޢްލާ މައުދޫދީ އާއި،ޢަލީ ޝަރީޢަތީ އާއި، އާޔަތުﷲ ޚުމައިނީ އާއި، ޙަސަނުއް ތުރާބީ އާއި، ރާޝިދު ޣައްނޫޝީ އާއި، ޢައްލާމާ ޑރ. ޔޫސުފުލް ޤަރްޟާވީ އާއި، ބޮސްނިޔާގެ ކުރީގެ މުސްލިމް ރައީސް އަލިޔާ އިއްޒަތުބެގޮވިޗާއި، އަލްޙާއްޖު މަލިކުއްޝަހްބާޒް މެލްކަމް އެކްސް އާއި، ޢައްލާމާ މުޙައްމަދު އަސަދު ފަދަ ބެއިފުޅުން ފާހަގަ ކޮށްލެވެއެވެ.

މި ދެންނެވީ، ވެއަތު ވެދިޔަ ސާދަސަތޭކަ ވަރަކަށް އަހަރުގެ ތެރޭގައި އިސްލާމީ ދުނިޔޭގައި ސިޔާސީ އަދި ދުސްތޫރީ ނިޒާމާ ބެހޭގޮތުން ޢިލްމީ ގޮތުން ވާހަކަ ދެއްކެވި ހުރިހައި ބެއިފުޅުންގެ ލިސްޓެއް ނޫނެވެ. ނަމަވެސް އެއިގެ ތެރެއިން ޚާއްޞަ ގޮތެއްގައި ފާހަގަ ކޮށްލެވޭ ބައެއް ބެއިފުޅުންނާ ބެހޭ ޚުލާޞާ ބަޔާނެކެވެ. މި ބަޔާނުން ވެސް އަޅުގަނޑުމެންނަށް އެނގިގެން ދަނީ، މުސްލިމުން ވަނީ ސިޔާސަތުގެ ޢިލްމާއި ދުސްތޫރީ ނިޒާމާ ބެހޭގޮތުން ވެސް، ހުޅަނގުގެ ޢިލްމުވެރީންނަށް ވުރެ މާ ކުރީން، ފުރިހަމަ މަސައްކަތްތަކެއް ކުރައްވައިފައި ކަމެވެ. އެ މަސައްކަތްތައް އިސްލާމީ ތާރީޚުން ލިބޭ ފިލާވަޅުތަކާ އެކު އަޅުގަނޑުމެންނަށް ރަނގަޅަށް ދިރާސާ ކުރެވިއްޖެ ނަމަ، ޒަމާނީ އިސްލާމީ ސިޔާސީ އަދި ދުސްތޫރީ ނިޒާމެއް ބިނާ ކުރުމުގައި، އަޅުގަނޑުމެންނަށް ބޭނުންވާ ޢިލްމީ ބިންގާ އޮންނާނީ އެޅިފައެވެ. އަދި އެ ހިސާބުން އަޅުގަނޑުމެންނަށް ދުނިޔޭގެ އެހެން ޤައުމުތަކުގެ ތަޖުރިބާއިން ވެސް ފިލާވަޅު ލިބިގަނެ، އެހެން ޙަޟާރަތްތަކުގެ ފިކުރީ ތަޢުލީމުތައް ވެސް ފައިދާ ކުރަނިވި ގޮތެއްގައި ދިރާސާ ކުރުމުގެ މަގު މިހާރަށް ވުރެ ބޮޑަށް ތަނަވަސް ވާނެއެވެ.

މި ހިސާބުން، ދެން އަޅުގަނޑު ފަށާނީ "ފެޑްރަލިސްޓް" މަޒުމޫނުތަކަށް އިސްލާމީ އަދި ދިވެހި ނަޒަރަކުން ޝަރަޙައެއް ދިނުމުގެ މަސައްކަތެވެ. އިރާދަ ކުރެއްވިއްޔާ، ދެން ޝާއިޢު ކުރާ ކޮލަމެއްގައި، ފުރަތަމަ މަޒުމޫނުގެ މައްޗަށް ބަލައިލެވޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް