ރައީސް ވަހީދަށް ދޭ އިނާޔަތް ކަނޑާލަން ގޮވާލައިފި

ރައީސް ވަހީދު

ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކަށް ދެމުން އަންނަ އިނާޔަތް ކަނޑާލަން މިއަދުގެ ރަައްޔިތުންްގެ މަޖިލީހުގައި އެމްޑީޕީގެ ބައެއް މެމްބަރުން ގޮވާލައިފި އެވެ.

ޑރ. ވަހީދުގެ ދެކަނބަލުން އިއްޔެ ކަސްރަތަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް އެމްޑީޕީގެ އެކްޓިވިސްޓަކު އަނގަބަހުން ހަމަލާދިން ކަމަށް ބުނާ މައްސަލާގައި ރައީސް ވަހީދު އިތުރުފުޅު ހެއްދެވި ކަމަށް ބުނެ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ވަނީ ހުށަހަޅައިފަ އެވެ.

މަޖިލީހަށް ކުއްލި މައްސަލަ ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) އެވެ. އެ މައްސަލައަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ހުރިހާ މެމްބަރުން ވަނީ ޑރ. ވަހީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މައްސަލައަށް ބަހުސްކުރައްވަމުން ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީ ވަނީ، ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް ދޭ އިނާޔަތުގެ ގޮތުގައި ޑރ. ވަހީދަށް ދެމުން އަންނަ އިނާޔަތް ކަނޑާލަން ހުށަހަޅުއްވައިފައެވެ.

"އަޅުގަނޑު ހުށަހަޅާލަން އެރި ގޮތަކަށް ވެރިކަމަށް އަރައި ގާނޫނާ ހިލާފަށް އެއް ހަފްތާ ބާޣީ ވަހީދު ވެރިކަމުގައި ހުރީތީ އޭނާއަށް ލިބޭ ހުރިހާ އިނާޔަތްތަކެއް ކަނޑާލަން،" މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ޔޫނުސްގެ އިތުރުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު، އިވާ އަބްދުﷲ ވެސް ވަނީ އެމޭރުމުން ވާހަކަދައްކަވައިފައެވެ. އީވާ ވިދާޅުވީ، ޑރ. ވަހީދަކީ ރައްޔިތުންގެ އިންސާފާއި، ވޯޓާއި، އަސާސީ އެތައް ހައްގެއް ޖަހައިގެންފައިވާ ފަރާތެއް ކަމަށެވެ.

"ދިވެހި ރައްޔިތުންގެ އެއްޗެއް ފޭރިގަނެގެން، ޖަހައިގަނެގެން، ވައްކަންކުރާ މީހުންނަކަށް ދިވެހި ވެރިންނަށް ލިބޭ ހައްގު އިނާޔަތްތައް ލިބޭކަށް އަޅުގަނޑަކަށް ނުފެނޭ،" އީވާ ވިދާޅުވިއެވެ.

އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު ވަނީ މީހަކު ބޭނުންކުރި ލަފްޒަކާ ގުޅިގެން، ޖިސްމާނީ އަނިޔާއެއް ދިން ކަމަށް ދޭހަވާފަދަ ގޮތަކަށް ޑރ. ވަހީދު ޓުވީޓުކުރައްވާފައިިވާ ކަމަށް ވިދާޅުވެ، އެ މައްސަލައިގައި އެމަނިކުފާނު ހައްޔަރުުކުރުމަށް ގޮވާލައްވައިފައެވެ.

"އެއީ ދިވެހިރާއްޖޭގެ އަމަންއަމާންކަން ނަގާލުމަށް އޭނާ މަސައްކަތް ކުރާތީ. މި ރާއްޖޭގެ މުސްތަގުބަލު ނަގާލަން މަސައްކަތް ކުރާތީ. އަނެއްކާ އެ ދުވަސް ގެންނަން އޭނަ މަސައްކަތް އެ ކުރަނީ. އެހެންވީމަ އެކަންތަކުން ގައުމު ސަލާމަތް ކުރަންޖެހޭނެ. ހަމަ ސީދާ އެހެރީ ބަޣާވާތް ކުރަން ނުކުމެ،" މެމްބަރު ވިދާޅުވި އެވެ.

މެމްބަރު ވިދާޅުވީ ޑރ. ވަހީދު މުޖުތަމައުގެ ތެރޭގައި އުޅުމަކީ ނުރައްކާތެރި، ބިރުވެރި ކަމެއް ކަމަށެވެ. އަދި ރައީސް ވަހީދަށް ވަކި ހާއްސަ އޮފީހެއް ހުންނަން ނުޖެހޭ ކަމަށް ވިދާޅުވެ ވެސް މެމްބަރު ވަނީ ނުރުހުން ފާޅުކުރައްވައިފައެވެ.

"ރައްޔިތުން ވޯޓުލައިގެން ހޮވި ވެރިއެއް ނޫނޭ އެއީ އޭނާއަށް ބޮޑު އޮފީހެއް ދީފާ ބަހައްޓަން. އަޅުގަނޑުމެން ވެސް ކުށްވެރިވާނެ އޭނާއަށް އިނާޔަތް ދީފަ އޮފީސް ދީފިއްޔާ. މިއަދުުން މިއަދަށް އެ ކަނޑާލަން އެބަ ޖެހޭ." މެމްބަރު ވިދާޅުވިއެވެ.

ކުރީގެ ރައީސުންނަށް މާލީ އިނާޔަތުގެ ގޮތުގައި 75،000 ރުފިޔާ، އެކޮމޮޑޭޝަނަށް 10،000 ރުފިޔާ އަދި އޮފީސް ހިންގުމަށް 87،000 ރުފިޔާ ކޮންމެ މަހަކު ދެ އެވެ. ރައީސް މުހައްމަދު ނަޝީދަށާއި، ރައީސް މުހައްމަދު ވަހީދު ހަސަން މަނިކަށާއި، ރައީސް މައުމޫން އަބްދުލްގައްޔޫމަށް އެ އިނާޔަތް ލިބިވަޑައިގަންނަވަ އެވެ.

comment ކޮމެންޓް