ލަންކާއިން އިންތިހާބު ތެރޭ އަޅާނެ ފިޔަވަޅުތައް ޓެސްޓު ކުރަން 'މޮކް އިންތިހާބެއް' ބާއްވައިފި

ލަންކާގައި އިއްޔެ ބޭއްވި މޮކް އިންތިހާބުގައި މީހުން ތިބީ މާސްކު އަޅައިގެން -- ފޮޓޯ: އޭއެފްޕީ

ކޮލަމްބޯ (ޖޫން 15): ސްރީލަންކާގައި އަންނަ އޮގަސްޓު މަހު ބާއްވާ ޕާލިމެންޓު އިންތިހާބުގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާނެ ފިޔަވަޅުތައް ޓެސްޓު ކުރުމުގެ ގޮތުން އެގައުމުގައި 'މޮކް' އިންތިހާބެއް ބާއްވައިފި އެވެ.

ލަންކާގެ ހަތަރު ޑިސްޓްރިކްޓެއްގައި އިއްޔެ ބޭއްވި ޓެސްޓު އިންތިހާބުގައި ވޯޓު ލާން ދިޔަ މީހުން ތިބީ މާސްކު އަޅައިގެން، ކިޔޫގައި ތިން ފޫޓުގެ ދުރުމިން ބަހައްޓައިގެންނެވެ. އަދި އޮފިޝަލުން ތިބީ ޕްލާސްޓިކް ސްކްރީންތަކުގެ ފަހަތުގައި ނުވަތަ ފޭސް ޝީލްޑް އަޅައިގެންނެވެ.

"މިއަދުގެ ޓެސްޓުގައި ބައިވެރިވި އެންމެންވެސް މާސްކު އަޅައިގެން ތިބުމުން އަޅުގަނޑުމެން ވަރަށް އުފާވޭ،" އިލެކްޝަން ކޮމިޝަންގެ ޗެއާމަން މަހިންދަ ދޭޝަޕްރިޔާ ވިދާޅުވި އެވެ.

ލަންކާގައި އޮގަސްޓު މަހު ބާއްވާ އިންތިހާބުގައި އަޅާނެ ފިޔަވަޅުތައް ޓެސްޓު ކުރަން އިއްޔެ ބޭއްވި މޮކް އިންތިހާބު -- ފޮޓޯ: އޭއެފްޕީ

އެ މޮކް އިންތިހާބުގެ މަގުސަދަކީ އާ ފިޔަވަޅުތަކަށް މީހުން ހޭނެއްވުމާއި ވޯޓު ލާން އިތުރު ގަޑި ބޭނުން ވޭތޯ ބެލުމެވެ.

ލަންކާގެ ޕާލިމެންޓު އިންތިހާބު ބާއްވަން ފުރަތަމަ ހަމަޖެއްސި ތާރިހަކީ އޭޕްރިލް 25 އެވެ. ދެން ޖޫން 20 އެވެ. ނަމަވެސް ކޮރޯނާވައިރަހުގެ ސަބަބުން ދެ ފަހަރު ވެސް އިންތިހާބު ބާއްވަން ރައްކާތެރި ނުވުމުން އިންތިހާބު ލަސް ކުރީ އެވެ. އަދި ފަހުން ނިންމާފައި ވަނީ އޮގަސްޓު ފަހެއްގައި އިންތިހާބު ބާއްވާށެވެ.

ލަންކާގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް މީގެ ކުރިން ހަރުކަށި ފިޔަވަޅުތައް އެޅި ނަމަވެސް މިހާރު އެ ފިޔަވަޅުތައް ވަނީ ލުއިކޮށްފަ އެވެ. އެގައުމުން މިހާތަނަށް 1،889 މީހަކު ވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރެއިން 1،287 މީހުންގެ ބަލި ވަނީ ރަނގަޅުވެފަ އެވެ. އެގައުމުން ބަލީގައި މަރުވެފައި ވަނީ 11 މީހެކެވެ.

comment ކޮމެންޓް