އައިޖީއެމްއެޗްގެ އޯޕީޑީގެ ހިދުމަތް އަލުން ފަށަނީ

މެއި 14، 2020: އައިޖީއެމްއެޗް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް 19 އާ ގުޅިގެން މާލޭ ސިޓީގައިި އިއުލާން ކޮށްފައިވާ ފުރަބަންދަށް ލުއިތަކެއް ދިނުމުގެ ދެވަނަ މަރުހަލާގެ ދަށުން އައިޖީއެމްއެޗްގައި އަލުން އޯޕީޑީގެ ހިދުމަތްތައް ފަށަން ނިންމައިފިއެވެ.

އައިޖީއެމްއެޗް އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ އޯޕީޑީގެ ހިދުމަތް އަލުން ފަށަން ނިންމީ، ކޮވިޑް19ގެ ނުރައްކާތެރިކަން ފިލަައިގެން ގޮސްފައިވާތީ ނޫން ކަމަށާއި، ބަލި ފެތުރުމާއި ބަލީގައި ގިނަ ބަޔަކު ސީރިއަސް ވުމުގެ ނުރައްކާތެރިކަން އަދިވެސް އޮތް ކަމަށެވެ.

ނަމަވެސް އޯޕީޑީގެ ހިދުމަތް އަލުން ފަށަނީ ކޮވިޑް ނޫން އެހެން ބަލިތަކުގެ މީހުންނަށް ލިބިދޭންޖެހޭ ފަރުުވާ ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމުގައި ހޮސްޕިޓަލުން ދެކޭތީ އެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އޯޕީޑީގެ ހިދުމަތްތައް އަލުން ފެށި ނަމަވެސް މިހާރު ކުރިއަށްދާ އޮންލައިން ކޮންސަލްޓޭޝަންގެ ހިދުމަތް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް އައިޖީއެމްއެޗް އިން ބުންޏެވެ.

އޯޕީޑީއަށް އެޕޮއިންޓްމަންޓް ހެއްދުމުގައި ވަކި ޑޮކްޓަރަކަށް އެޕޮއިންޓްމަންޓް ހެއްދުމުގެ ބަދަލުގައި އެޕޮއިންޓްމަންޓު ހެއްދޭނީ ބަލިމީހާ ދައްކަންޖެހޭ ޑިޕާޓްމަންޓުގެ ހާއްސަ ޑޮކްޓަރަކަށް ކަމަށް ބަޔާނުގައިވެއެވެ.

އަދި ހުން އައުމާއި، ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ ދައްކަން ޖެހޭނީ ފްލޫ ކްލިނިކަށް ކަމަށް ވެސް ބުނެފައިވެއެވެ. އޯޕީޑީގެ ހިދުމަތް އަލުން ފެށި ނަމަވެސް ކޮވިޑް19 އާ ގުޅިގެން އަމަލުކުރަމުން އަންނަ އުސޫލުތައް ދަމަހައްޓާނެ ކަމަށް އައިޖީއެމްއެޗް އިން ބުންޏެވެ.

އެގޮތުން ވޯޑްތަކުގައި އެޑްމިޓްކޮށްފައިި ތިބޭ މީހުންނަށް ޒިޔާރަތް ކުރުން އަދިވެސް މަނާވާނެއެވެ. އަދި އެޑްމިޓްކޮށްފައި އޮންނަ މީހާގެ ކައިރީގައި އެހީތެރިއެއްގެ ގޮތުގައި ވެސް މަޑުކުރެވޭނީ އެންމެ މީހަކަށެވެ.

ހަމައެއާއެކު ބަލިވެގެން ޑޮކްޓަރަށް ދެއްކުން ނޫން ގޮތަކަށް ކުޑަކުދިން ހޮސްޕިޓަލްތަކަށް ގެންދިއުން އަދިވެސް މަނާވާނެއެވެ.

ދުރާލާ ރޭވިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ރޫޓިން އޮޕަރޭޝަންތައް އަދިވެސް ވަނީ މެދުކަނޑާލައިފައެވެ. އަދި ހޮސްޕިޓަލަށް ދާ މީހުން ހުމާއި ރޯގާގެ އަލާމާތްތަކަށް ސްކްރީން ކުރުން ކުރިއަށް ގެންދާނެއެވެ.

comment ކޮމެންޓް