މާދަމާއިން ފެށިގެން މާލެ ހުޅުމާލެ ބަސް ދަތުރުތައް ފަށަނީ

މާލެ ހުޅުމާލެ ބަހެއް ދަތުރުކޮށްފައި ދަނީ --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ނިއުނޯމަލްއާ އެއްގޮތަަށް މާދަމާއިން ފެށިގެން މާލެ ހުޅުމާލެ ބަސް ދަތުރުތައް ފަށަން ނިންމައި، ޝެޑިއުލް އާންމުކޮށްފި އެވެ.

މާލެ ލޮކްޑައުން ކުރުމާއެކު ބަސްދަތުރުތައް އާންމު އުސޫލުން ކުރުން މެދު ކަނޑާލާފައި އޮތުމަށް ފަހު މާދަމާ ފަށާއިރު އާންމުކޮށް އޮންނަ ޝެޑިއުލްއާ ތަފާތުވާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުންޏެވެ. މީގެ ކުރިން ބަސް ދަތުރު އޮންނަނީ ކޮންމެ 30 މިނިޓަކުންނެވެ.

އެމްޕީއެލްއިން އާންމުކޮށްފައިވާ ޝެޑިއުލްގައި ވާގޮތުން އެންމެ ފުރަތަމަ ބަސް ދަތުރު ފަށާނީ 6:30 ގަ އެވެ. އޭގެ ފަހުން ހަތަކުން ފެށިގެން ނުވައެއް ޖެހުމާ ހަމައަށް ދަތުރުތައް ބާއްވާނީ އެއް ގަޑިއިރުން އެއްގަޑި އިރުންނެވެ. އަދި މެންދުރު 12 އިން ފެށިގެން ރޭގަނޑު ނުވައެއް ޖެހުމާ ހަމައަށް ބަސް ދަތުރު ބާއްވަން މައް ޖައްސާފައި ވަނީ ކޮންމެ ދެގަޑިއިރަކުންނެވެ. ރޭގަނޑު އެންމެ ފަހު ބަސް އޮންނާނީ 23:00 ގަ އެވެ.

ގްރޭޓާ މާލެ ޓްރާންސްޕޯޓް ލިންކުން ބުނީ ބަސް ދަތުރުކުރާއިރު ބަހަށް އަރާ ފަރާތްތަކުން އަމަލުތައް ބަހައްޓަން ވާނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިނާ އެއްގޮތަށް ކަމަށެވެ.

ޕަބްލިކް ޓްރާންސްޕޯޓްގައި އަމަލުކުރާނެ ގޮތުގެ ގައިޑްލައިނެއް އެޗްޕީއޭއިން އަދި އާންމެއް ނުކުރެ އެވެ. އެޗްޕީއޭއިން ބުނެފައިވަނީ މާދަމާގެ ކުރިން ކުރިން އާންމުކުރާނެ ކަމަށެވެ. ބެލެވޭގޮތުން ބަސް ދަތުރުކުރާއިރު ދުރު ދުރުގައި ތިބުމާއި މާސްކްއެޅުން މަޖުބޫރު ކުރާނެ އެވެ.

comment ކޮމެންޓް