ކުޅުދުއްފުށީގައި ވެސް ކޮވިޑަށް ޓެސްޓުކުރެވޭ ގޮތް ހަދަނީ

ކުޅުދުއްފުށި ސިޓީ -- ފޮޓޯ/ ޕީއެސްއެމް

ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި ކުޅުދުއްފުށި ސިޓީގައި ކޮވިޑް19 އަށް ޓެސްޓުކުރެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

އެންއީއޯސީގެ ތަރުޖަމާނު، މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ 10 ދުވަހުގެ ތެރޭގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޕީސީއާރް މެޝިނެއް ބަހައްޓާނެ ކަމަށެވެ.

އަދި އެ މެޝިނުން ދުވާލަކު 100-150 އާ ދެމެދުގެ އަދަދެއްގެ ސާމްޕަލް ޓެސްޓު ކުރެވޭނެ ކަމަށެވެ.

ކުޅުދުއްފުށި ސިޓީގެ އިތުރުން، އައްޑޫ ސިޓީގައި ވެސް ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ޕީސީއާރް މެޝިނެއް ބަހައްޓާނެއެވެ.

ޕީސީއާރަށް އައްޑޫ އަދި ކުޅުދުއްފުށިން، ކޮންމެ ސިޓީއަކުން ދެ ލެބް ޓެކްނީޝަނުން ވަނީ ތަމްރީނުކޮށްފައެވެ. ލެބް ޓެކްނީޝަނުން މިހާރު ރަށަށް ގޮސްފައި ވާއިރު، ކަރަންޓީނު މުއްދަތު ހަމަ ކުރުމަށްފަހު، ހިދުމަތަށް ނުކުންނާނެ އެވެ.

އައްޑޫ އަދި ކުޅުދުއްފުށީގެ އިތުރުން ބ. އޭދަފުށީގައި ވެސް ޕީސީއާރް މެޝިން ބަހައްޓަން ސަރުކާރުން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް