61 ރަށެއްގައި އަޅާ ޖިމުގެ ސާމާނު ގެނެސްފި

އިންޑިއާ ސަރުކާރުގެ އެހީގައި އަޅާ ޖިމްތަކުގެ ކުރެހުމެއް ---

ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ "ދުޅަހެޔޮ ހަށިހެޔޮ" ސިއްހަތެއްގައި ރައްޔިތުން ބޭތިއްބުމުގެ ސިޔާސަތުގެ ތެރޭގައި ހިމެނިގެން އިންޑިއާގެ ސަރުކާރުގެ އެހީގައި ރާއްޖޭގެ 61 ރަށެއްގައި އެޅުމަށް ނިންމާފައިވާ އައުޓްޑޯރ ޖިމުތަކަށް ބޭނުންވާ ސާމާނުތަކުގެ ފުރަތަމަ ޝިޕްމެންޓް ރާއްޖެ ގެނެސްފި އެވެ.

މިހާރު އަޅާފައި ހުރި އައުޓްޑޯރ ޖިމްތަކުގެ އިތުރުން ރާއްޖޭގެ 61 ރަށެއްގައި އިތުރު ޖިމްތަކެއް އެޅުމަށް ސަރުކާރުން ނިންމާފައިވާ އިރު މިހާރު ވަނީ އެ ޖިމްތައް އަޅާނެ ރަށްރަށް ކަނޑައަޅާފަ އެވެ. އަދި އެ ޖިމުތައް އެޅުމަށް ބޭނުންވާ ސާމާނުތަކާއި އެހެނިހެން ހަރަދުތައް ކުރާނީ އިންޑިއާގެ ސަރުކާރުން ކަމަށް މީގެ ކުރިން ވަނީ ބުނެފަ އެވެ.

އެގޮތުގެ މަތިން އެ ރަށްރަށުގައި ޖިމް އެޅުމަށް ބޭނުންވާ ސާމާނުތަކާ އެކު ފުރަތަމަ ޝިޕްމެންޓެ މިއަދު އައިސްފައިވާ ކަމަށް ކުޅިވަރާއި ޒުވާނުންނާ ބެހޭ މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި އަވަސް މުއްދަތެއްގައި ބާކީ ހުރި ޝިޕްމަންޓް ރާއްޖެ އަންނާނެ ކަމަށާއި ސާމާނުތައް ހަމަވުމުން އަންނަ އޮގަސްޓް މަހުގެ ތެރޭގައި މަސައްކަތްތައް ފެށިގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި 61 ރަށެއްގަ އައުޓްޑޯ ޖިމް އެޅުމަށް ޔޫތު މިނިސްޓްރީއިން ހަވާލުކުރި ސްޕޯޓްސް ކޯޕަރޭޝަނާ އެކު އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތިންވަނަ ދުވަހު އެވެ.

މި އެއްބަސްވުމުގެ އަގަކީ ގާއްގަޑަކަށް ނުވަ ވަރަކަށް މިލިއަން ރުފިޔާ ކަމަށާއި، ޖިމްގެ ސާމާނު ރާއްޖެ ގެނެސް އަތުރާ ނިންމާލުމަށް އިތުރަށް 20 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް މިނިސްޓްރީން ވަނީ ކުރިން ބުނެފަ އެވެ.

"ޖިމްތަކަކީ އައުޓްޑޯ ޖިމްކަމަށާ އަދި ސަރުކާރުން ބޭނުންވަނީ އާމުން ރުހޭ އަދި ބޭނުންކުރަން ބޭނުންވާ ފަދަ ޖިމް ސާމާނުކަމަށް ހެދުމަށް. އިތުރު 100 ރަށެއްގައި ޖިމް ބެހެއްޓުމުގެ މަރުހަލާ ކުރިއަށް އެބަދޭ،" އިންޑިއާގެ ސަރުކާރުގެ އެހީގައި އަޅާ ޖިމްތައް ސްޕޯޓްސް ކޯޕަރޭޝަނާ ހަވާލު ކުރުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓްރު މަހްލޫފް ވިދާޅުވެފައިވެ އެވެ.

comment ކޮމެންޓް