މަޝްހޫރު އެކްޓަރު ސުޝާންތު މަރުވެފައި ހުއްޓާ ފެނިއްޖެ

ސުޝާންތު ސިންގް ރާޖުޕުތު ---

"ރާބްތާ" ފަދަ ފިލްމުތަކުން ފެނިފައިވާ ބޮލީވުޑްގެ މަޝްހޫރު ޒުވާން އެކްޓަރު ސުޝާންތު ސިންގް ރާޖުޕުތު ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނިއްޖެ އެވެ.

މިއަދުގެ ވަގުތެއްގައި ޝުޝާންތު މަރުވެފައިވާކަން ވަނީ އޭނާގެ ރިޕްރެޒެންޓިޓިވް ކަށަވަރުކޮށްދީފައެވެ.

ސުޝާންތު ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުނީ މުމްބާއީގެ ބޭންޑްރާގެ ގޭގެ ތެރެއިންނެވެ. އޭނާ މަރުވި އިރު އޭނާގެ އުމުރަކީ 34 އަހަރެވެ.

ސުޝާންތުގެ މަރާއެކު އޭނާގެ ފޭނުންނާއި ބޮލީވުޑްގެ ގިނަ ފަންނާނުން ވަނީ ބޮޑު ޝޮކަކަށް ގޮސްފަ އެވެ. އަދި ސުޝާންތުގެ މަރުގެ ވާހަކަ ގަބޫލު ނުކުރެވޭ ކަމަށް ބުނެ އެތައް ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރަމުންނެވެ.

ބޮލީވުޑް ޑެބިއޫގެ ކުރީން ސުޝާންތު އެންމެ ފުރަތަމަ މަސައްކަތް ކުރަމުން ދިޔައީ އިންޑިއާގެ ޑެއިލީ ސޯޕްތަކުގަ އެވެ. އެގޮތުން އެންމެ ފުރަތަމަ އޭނާ ކުޑަ ސްކްރީނުން ފެނިފައިވަނީ 2008 ވަނަ އަހަރުގައި ސްޓާޕްލަސް އިން ދައްކަން ފެށި ސީރީޒް އެއް ކަމަށްވާ "ކިސް ދޭޝް މޭ ހޭ މޭރާ ދިލް" އިންނެވެ. އެއަށްފަހު ފުރަތަމަ ލީޑް އެއް ލިބިފައިވަނީ 2009 ވަނަ އަހަރު ދައްކަން ފަށާފައިވާ ޝޯއެއް ކަމަށްވާ "ޕަވިތުރަ ރިޝްތާ" އިންނެވެ.

އެ ޝޯ 2014 ވަނަ އަހަރުގެ ނިޔަލަށް ކުރިއަށް ދިޔައިރު، ސުޝާންތު ބޮލީވުޑް ޑެބިއޫކޮށްފައިވަނީވެސް އެ އަހަރުގައެވެ. "ކައި ޕޯ ޗޭ" ނަމަކަށް ކިޔާ ފިލްމަކުން ސުޝާންތު ބޮޑު ސްކްރީނަަށް ތައާރަފުވިއިރު ބޮލީވުޑްގެ ބޮޑެތި އުފެއްދުންތައް ކަމަށްވާ "ޕީކޭ" ފަދަ ފިލްމުތަކުންވެސް އޭނާ ވަނީ ފެނިގެން ގޮސްފަ އެވެ.

ސުޝާންތު އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ނެރުނު ފިލްމު ކަމަށްވާ "ޑްރައިވް" އިންނެވެ. އެ ފިލްމުން އޭނާއާއެކު ޖެކޮލިން ފެނާންޑޭޒްވެސް ފެނިގެން ގޮސްފައިވެ އެވެ.

comment ކޮމެންޓް