ބްރޯޑްކޮމް މެންބަރުކަމަށް އަނާ އައްޔަނު ކޮށްފި

ބްރޯޑްކޮމްގެ މެންބަރުކަމަށް އަނާ އައްޔަނު ކުރެއްވުމަށްފަހު ރައީސް އޭނާއާ ބައްދަލު ކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރުކަމަށް އާމިނަތު އަމީނާ (އަނާ) މިއަދު އައްޔަންކުރައްވައިފި އެވެ.

އަނާ އެ މަގާމަށް އައްޔަނު ކުރުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ 63 މެންބަރުން ވަނީ ވޯޓު ދެއްވާފަ އެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ.

ބްރޯޑްކޮމްގެ މެންބަރުކަމަށް އަނާ އައްޔަން ކޮށްފައިވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

އަނާ ވަނީ ޖާރނަލިޒަމް އެންޑް މީޑިއާ ކޮމިއުނިކޭޝަން ދާއިރާއިން މާސްޓާރސް ޑިގްރީ ހާސިލްކޮށްފަ އެވެ. އަދި އޭގެ ކުރިން ވަނީ ގައުމީ ޔުނިވަސިޓީން ޖާނަލިޒަމް ދާއިރާއިން ފުރަތަމަ ޑިގްރީ ވެސް ހާސިލްކުރައްވާފަ އެވެ.

އެ މަގާމަށް ހޮވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިން ހިސާބާ ޖެހެންދެން އަނާ ހުންނެވީ ވީމީޑިޔާގެ ސީނިއާ އެޑިޓަރެއްގެ މަގާމުގަ އެވެ. އަދި އޭނާ ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުން ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމް ތިން ފަހަރު ހާސިލްކުރައްވާފަ އެވެ.

އަނާގެ އިތުރުން ދެން ބްރޯޑްކޮމްގައި ހުންނަވަނީ އެ ކޮމިޝަނުގެ ރައީސް މަރްޔަމް ވަހީދާ އާއި ނައިބް ރައީސް އަހްމަދު ގައިސް އާއި ރާއްޖެ ޓީވީގެ ކުރީގެ ނިއުސް ހެޑް އަލީ ޔޫސުފު އާއި އަހްމަދު އަމްޖަދު އާއި ޒީނާ ޒާހިރު އަދި އައިމިނަތު ސަހާރަތު އިއްޒަތެވެ. ޒީނާ ޒާހިރު މަގާމުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ކުރިއަށްދެ އެވެ.

comment ކޮމެންޓް