އެމްއައިބީ އިންވެސް ހިދުމަތްދޭނީ އެޕޮއިންޓްމަންޓަށް

އެމްއައިބީ ހެޑް އޮފީސް -- ފޮޓޯ: އެމްއައިބީ

މިހަފްތާގެ ހަތަރު ދުވަހު މޯލްޑިވްސް އިސްލާމިކް ބޭންކް އިން ކަސްޓަމަރުންނަށް ހިދުމަތް ދޭނީ އެޕޮއިންޓްމެންޓަށް ކަމަށް އެ ބޭންކުން ބުނެފި އެވެ.

އިސްލާމިކް ބޭންކުން ބުނީ މާދަމާއިން ފެށިގެން ބުރާސްފަތި ދުވަހާއި ހަމައަށް ހެނދުނު 9:00 އިން މެންދުރު 2:00 އަށް ހިދުމަތް ދޭނެ ކަމަށެވެ. އެ ބޭންކުގެ މެއިން ބްރާންޗު އަދި ހުޅުމާލެ ބްރާންޗުންވެސް ހިދުމަތް ދޭނެ ކަމަށް އެމްއައިބީ އިން ބުންޏެވެ.

ހިދުމަތް ހޯދަން ބްރާންޗުތަކަށް ދިޔުމުގެ ކުރިން ހިދުމަތް ހޯދުމަށް އެދި އެޕޮއިންޓްމެންޓް ހައްދަން ޖެހެ އެވެ.

އެޕޮއިންޓްމެންޓް ހެދުމަށް: އޭޕީޓީ ޖަހައި، ބްރާންޗުގެ ނަން، ހޯދަން ބޭނުންވާ ހިދުމަތް ކުރުކޮށް، ކަސްޓަމަރުގެ ނަމާއި އައިޑީކާޑު ނަންބަރު ނުވަތަ ކުންފުނީގެ ރެޖިސްޓްރޭޝަން ނަންބަރު ޖަހައި 7970202 އަށް އެސްއެމްއެސް ކުރަން ބޭންކުން ވަނީ އެދިފަ އެވެ.

މި ދުވަސްތަކުގައި ކޭޝް އަދި ޗެކުގެ ހިދުމަތާއި އެކައުންޓު ހުޅުވުން، ކޯޕަރޭޓް އަދި ރީޓެއިލް ފައިނޭންސިން އާއި ހައުސިން ފައިނޭންސް، ޓްރޭޑް ފަައިނޭންސްގެ އިތުރުން ކާޑު އަދި އިންޓަނެޓް ބޭންކިންގެ އެޕްލިކޭޝަން ހިދުމަތް ދޭނެ އެވެ.

އެޕޮއިންޓްމެންޓް ދޫކުރާނީ ފަސްޓް ކަމް ފަސްޓް ސާވް ބޭސިސް އަށެވެ. އެމްއައިބީ އިން ބުނީ ކޮންމެ ދުވަހަކުވެސް ހިދުމަތްދޭނީ ވަކި އަދަދަކަށް ކަމަށާއި އެދުވަހަކަށް ކަނޑައެޅޭ ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށްފަހު ދެންތިބި ކަސްޓަމަރުންނަށް ހިދުމަތް ދޭނީ ޖެހިގެން އަންނަ ދުވަހު ކަމަށެވެ.

އެޕޮއިންޓްމެންޓް ކަޓްއޮފް ގަޑިއަކީ 2:00 ކަމަށާއި އެޕޮއިންޓްމެންޓް ޔަގީންވުމުން ލިބޭ އެސްއެމްއެސް ހިދުމަތް ހޯދަން އައުމަށްފަހު ދައްކަން ޖެހޭނެ ކަމަށް ބޭންކުން ބުންޏެވެ.

comment ކޮމެންޓް