ކަނޑުހުޅުދޫ ރޭޕްގެ މައްސަލައިގައި ދައުވާކުރާ ދެ މީހުން ކުށަށް އިންކާރުކޮށްފި

ކަނޑުހުޅުދޫ ކުޑަކުއްޖާ ރޭޕް ކުރީ ކަމުގެ ތުހުމަތު ކުރެވޭ ގއ. ކަނޑުހުޅުދޫ، ރިހިވެލި، އިބްރާހީމް ދީދީ، 62، އާއި ގއ. ކަނޑުހުޅުދޫ، އަންނާރުމާގެ، ހަސަން މޫސާދީދީ، 82 ---

ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ކުޑަކުއްޖަކު އެކި ފަހަރު މަތިން ރޭޕް ކުރި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާއަށް އެ ދެ މީހުން އިންކާރުކޮށްފި އެވެ.

މި އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅު ކަނޑުހުޅުދޫގައި ކުޑަކުއްޖަކު ރޭޕް ކުރި މައްސަލަ ފެންމަތިވީ އެ ކުއްޖާ ރޭޕްކޮށްފައި ހުރިކަން އެ ކުއްޖާގެ މަންމަ ފަރާތު އާއިލާއަށް އެނގުމުުން އެކަން ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓު ކުރުމުންނެވެ.

އެ ކުޑަކުއްޖާ ރޭޕް ކުރީ ކަމުގެ ތުހުމަތު ކުރެވެނީ އެ ކުއްޖާގެ ކާފަ ގއ. ކަނޑުހުޅުދޫ، ރިހިވެލި، އިބްރާހީމް ދީދީ، 62، އާއި މުނިކާފަ ގއ. ކަނޑުހުޅުދޫ، އަންނާރުމާގެ، ހަސަން މޫސާދީދީ، 82، ގެ މައްޗަށެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން އެ މީހުން ހައްޔަރުކުރި އެވެ.

އެ ދެ މީހުންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ކުރީ ފެބްރުއަރީ 13 ވަނަ ދުވަހު އެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި އެ ދެ މީހުންގެ މައްސަލައިގެ އިބްތިދާއި އަޑުއެހުމެއް ފެބްރުއަރީ 24ގައި ކްރިމިނަލް ކޯޓުގައި ބޭއްވި އެވެ. ޕީޖީ އޮފީހުން ބުނި ގޮތުގައި އެ އަޑުއުމުގައި އެ ދެ މީހުންވެސް ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. އެ އަޑުއެހުމުގައި އެ ދެ މީހުންވެސް ވަނީ ވަކީލުން ހަމަޖެއްސުމުގެ ފުރުސަތަކަށް އެދިފަ އެވެ.

އެ ފަހުން 16 މާޗްގައިވެސް އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައިވެއެވެ. އެ އަޑުއެހުމުގައި އެ މީހުންގެ ފަރާތުން ވަކީލެއްވެސް ހާޒިރުވިއެވެ. ވަކީލާ އެކު ކުރިއަށް ގެންދިޔަ އަޑުއެހުމުގުގައިވެސް ދައުވާއަށް އިންކާރު ކުރީއެވެ. އެ ފަހުން އަދި އެ މައްސަލައިގައި އަޑުއެހުމެއް ބާއްވާފައި ނުވެއެވެ.

އެ މައްސަލައަކީ ކުޑަކުއްޖެއްގެ ކަރާމާތާ ގުޅޭ ވާހަކަތަކެއް ހިމެނޭ މައްސަލައެއް ކަމުން އެފަދަ އެހެން މައްސަލަތަކެކޭ އެއްގޮތަށް އެ މައްސަލަވެސް ކުރިއަށް ގެންދަނީ ސިއްރުންނެވެ.

އެ ދެ މީހުންގެ މައްޗަށް ރޭޕް ކުރި މައްސަލައިގައި ދައުވާ ކުރި އިރު، ފެބްރުއަރީ 27 ވަނަ ދުވަހު ކުޑަކުއްޖާގެ މައިންބަފައިންނަށް ވަނީ އިހުމާލުގެ ދައުވާކޮށްފަ އެވެ.

އެ ދެ މީހުންގެ މައްޗަށް ކުރީ ދެ ދައުވާ އެކެވެ. އެއީ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގާކަން އެނގިހުރެ އެކަން ރިޕޯޓްނުކުރުމުގެ ކުށުގެ ދައުވާ އާއި އެކަށީގެން ނުވާ ކަމެއްކަން އެނގިހުރެ އެކަން ހިނގިޔަ ނުދިނުމަށްޓަކައި އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވުމުގެ ކުށުގެ ދައުވާ އެވެ. ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައި ނުވެއެވެ.

ކަނޑުހުޅުދޫ ކުޑަކުއްޖާ ރޭޕް ކުރި މައްސަލައިގައި ދައުލަތުގެ އިހުމާލު އޮތް ކަމަށް ބުނެ އެ ހާދިސާ ހިނގި ދުވަސްވަރު ގިނަ ބަޔަކު ކަންބޮޑުފުން ފާޅުކުރި އެވެ. އަދި ބައެއް ފަރާތްތަކުން އެކަމާ ގުޅިގެން އިހުތިޖާޖުވެސް ކުރި އެވެ. އެ މައްސަލައާ ގުޅިގެން ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، ޝިދާތާ ޝަރީފް ޖެންޑާ މިނިސްޓަރުކަމުން އިސްތިއުފާ ވެސް ދެއްވި އެވެ.

comment ކޮމެންޓް