ސްޕެނިޝް ލީގު: ބާސެލޯނާ މޮޅުވި އިރު މެސީއަށް ރެކޯޑެއް

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއާއި މަލޯކާ ބައްދަލު ކުރި މެޗުގައި މެސީ ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ:ލައިވްސްކޯ

ތިން މަސް ދުވަހުގެ މެދުކަނޑުމަކަށްފަހު ސްޕެނިޝް ލަލީގާގެ މެޗުތައް މިދިޔަ ބުރާސްފަތި ދުވަހު ފެށި އިރު ރޭ ބާސެލޯނާ ކުޅުނު މެޗުން އެ ޓީމު ފަސޭހަކަމާއެކު މޮޅުވެއްޖެ އެވެ.

ރަށުން ބޭރުގައި ރޭ ބާސެލޯނާ ކުޅުނު އެ މެޗުން ރެލިގޭޝަން ޒޯނުގައި އޮތް މަލޯކާ އަތުން އެ ޓީމު ކުރި ހޯދީ 0-4 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު އެ ޓީމު މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތީ 28 މެޗު ކުޅެގެން ހޯދި 61 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑް އެއް މެޗުން މަދުން ކުޅެގެން 56 ޕޮއިންޓް ހޯދާފައިވާ އިރު މިރޭ އެއިބާ އަތުން އެ ޓީމު މޮޅުވެއްޖެ ނަމަ ބާސެލޯނާއާ ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަވާނެ އެވެ.

ކޮވިޑާ ގުޅިގެން ލަލީގާގެ މެޗުތައް މެދުކަނޑާލާފައި ވަނީ މިދިޔަ މާޗު މަހުގެ 12 ވަނަ ދުވަހުއެވެ. އެއާއެކު ތިން މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު މިދިޔަ ބުރާސްފަތި ދުވަހު ލީގުގެ ކުޅުން ފެށީ ސެވިއްޔާއާއި ރެއާލް ބެޓިސް ބައްދަލު ކުރި މެޗުންނެވެ. އަދި އެއަށްފަހު ރޭ ވެސް ލީގުގެ އިތުރު ދެ މެޗެއް ކުޅެފައިވާ އިރު ލީގު ނިމެންދެން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މެޗުތައް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއާއި މަލޯކާ ބައްދަލު ކުރި މެޗުގައި ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ:ލައިވްސްކޯ

ރޭގެ މެޗަށް ބާސެލޯނާއިން ވަރުގަދަ ސްކޮޑަކާއެކު ނުކުން އިރު އެ ޓީމުގެ ފޯވާޑް ލުއިސް ސުއަރެޒް މެޗު ފެށީ ބެންޗުންނެވެ. ތިން މަސް ދުވަހު ކުޅުމާ ދުރުގައި ތިބުމަށްފަހު އެނބުރި އައިސް ކުޅުނު އެ މެޗުގައި ބާސެލޯނާއަށް ގޯލު ހުޅުވައިދިނީ މިޑްފީލްޑަށް ކުޅެމުން އަންނަ އާތުރޯ ވިޑާލް އެވެ. އޭނާ މި ގޯލު ޖެހީ މެޗު ފެށިތާ ދެވަނަ މިނަޓުގައެވެ.

މެޗުގެ ކުރީކޮޅު ބާސެލޯނާއިން ލީޑު ނެގުމާއެކު އިދިކޮޅު މަޔޯކާއަށް އުނދަގޫތަކެއް ދިމާވި ނަމަވެސް އެ ޓީމުން ވަނީ ބާސެލޯނާގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތް ކޮށްފަ އެވެ. އެކަމަކު މަޔޯކާއިން ކުރަމުން އައި މަސައްކަތަށް ހުރަސް އެޅިގެން ދިޔައީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސެލޯނާއިން ލީޑު ފުޅާކުރުމާ ގުޅިގެންނެވެ.

މި ގޯލު އެ ޓީމަށް ޖަހައިދިނީ މިއަހަރުގެ ކުރީކޮޅު އެ ޓީމާއި ގުޅުނު މާޓިން ބްރެއިތުވެއިޓް އެވެ. މިއީ އޭނާ ބާސެލޯނާއަށް ޖަހައިދިން ފުރަތަމަ ގޯލެވެ.

ދެވަނަ ހާފު ފެށިގެން ބާސެލޯނާއިން ޓީމު ކުރިއަށް ޖައްސައިގެން ހަމަލާތައް އިތުރު ކުރި އިރު އެ ޓީމުގެ ތިންވަނަ ގޯލު ޖަހައިދިނީ އަރިމައްޗަކަށް ކުޅެމުން އަންނަ ޖޯޑީ އަލްބާ އެވެ. އެއަށްފަހު މެޗު ނިމެން ކައިރިވެފައި ވަނިކޮށް މެސީ ވަނީ ބާސެލޯނާގެ ލީޑު ހަތަރު ގޯލަށް ފުޅާ ކޮށްދީފަ އެވެ.

ރޭގެ މެޗުގައި ޖެހި ގޯލާ އެކު މެސީ މި ސީޒަނުގައި ޖެހި ގޯލުގެ އަދަދު ވަނީ 20 އަށް އަރައިފަ އެވެ. ގޯލަކާއި ދެ އެސިސްޓް އެ މެޗުގައި ހެދި މެސީ ވަނީ މީގެ ކުރިން 11 ސީޒަނުގައި ވެސް 20 އަށް ވުރެން ގިނަ ގޯލު ސްޕެނިޝް ލީގުގައި ޖަހައިފަ އެވެ. އެއާ އެކު މެސީ ވެގެން ގޮސްފައިވަނީ ވިދިވިދިގެން 12 ސީޒަނުގައި 20 އަށް ވުރެން ގިނަ ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

comment ކޮމެންޓް