ޖުލައި މަހުން ފެށިގެން އުފަންދުވަހުގެ ސެޓްފިކެޓް އޮންލައިންކޮށް

އުފަންވާ އަދި މަރުވާ މީހުންގެ މައުލޫމާތު އޮންލައިންކޮށް ބަލައިލެވޭ ގޮތަށް ފަރުމާކޮށްފައިވާ "ގެމެން" މޮޑިއުލްއަށް ޖުލައި މަހު އަމަލުކުރަން ފަށާނެ ކަމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީން ބުނެފި އެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު "ސަން"އަށް ވިދާޅުވީ މި މޮޑިއުލްއަށް އަމަލުކުރަން ފެށުމާއެކު މައުލޫމާތު ބަދަލުކުރުމާއި މިކަމާ ގުޅޭ ހިދުމަތްތައް ހޯދުމުގައި މިހާރު ދިމާވާ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

"މި ޖުލައިގައި އަޅުގަނޑުމެން މި ފަށައިގަންނަނީ ގެމެން މޮޑިއުލް. ގެމެން މޮޑިއުލްގައި މިކުރާ ކަމަކީ އުފަންވާ ހިސާބުން އުފަންވާ މައުލޫމާތު ހިއްސާ ކުރުމާއި މަރުވާ ހިސާބުން މަރުގެ މައުލޫމާތު ރިކޯޑު ކުރަނީ،" ސޯލިހު ވިދާޅުވި އެވެ.

ގެމެން މޮޑިއުލްއަށް މައުލޫމާތު އިތުރުކުރާ ގޮތުގެ ތަފްސީލު ވެސް އަލީ ސޯލިހު ވަނީ ހިއްސާކުރައްވާފަ އެވެ. އެގޮތުން ހޮސްޕިޓަލްތަކުން ފޫޅުމާ ފޯމު ފުރުމާ ހަމައިން އޮންލައިންކޮށް މައުލޫމާތު އިތުރުކުރެވޭނެ ކަމަށާއި އުފަންދުވަހުގެ ސެޓްފިކެޓުގެ ކޮޕީއެއް ބޭނުންވާނަމަ، ސިޓީ ކައުންސިލަށް ދިއުމުން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އުފަންދުވަހުގެ ސެޓްފިކެޓާ ހަމައަށް އައުމުން އޮޓަމެޓިކުން ދެން ދާނީ އައިޑީ ކާޑު ނަންބަރާ ހިސާބަށް. އޮޓަމެޓިކް އައިޑީ ކާޑު ނަންބަރެއް ޖެނެރޭޓްވާ ހިސާބުން އައިޑީ ކާޑު ޔުނިޓަށް ކުއްޖާގެ ފޮޓޯ ފޮނުވުމުގެ ކަންކަން ސިސްޓަމް ތެރެއިން ކުރެވެން ހުންނާނެ،" ސޯލިހު ވިދާޅުވި އެވެ.

މިބަދަލާއެކު ހިދުމަތްތަކުގައި ކަރުދާސް ބޭނުންކުރާ މިންވަރު މަދުވުމުގެ އިތުރުން މީހުންގެ ވަގުތު ސަލާމަތްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އުފަންވާ ހިސާބުން އެ ކުއްޖެއްގެ މައުލޫމާތު ހެލްތު މިނިސްޓްރީއާއި ޑީއެންއާރުގެ އިތުރުން ކަމާބެހޭ އެހެން ފަރާތްތަކަށް ވެސް އެ ސިސްޓަމް މެދުވެރިކޮށް ލިބޭނެ ކަމަށް ސޯލިހު ވިދާޅުވި އެވެ.

މީގެ އިތުރުން މީހަކު މަރުވާ ހިސާބުން ވެސް މި ސިސްޓަމަށް އަޕްޑޭޓްވާނެ ކަމަށާއި އެ މަސައްކަތް ކުރާނީ ހޮސްޕިޓަލްތަކުން ކަމަށް ސޯލިހު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި ސިސްޓަމަށް އަމަލުކުރަން ފެށުމުން މިހާރު ދިމާވާ ގިނަ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

"މިސާލަކަށް ޕެންޝަނަށް ބެލިކަމުގައި ވިޔަސް 65 އަހަރުން މަތީގެ މީހުންގެ ޕެންޝަން ފައިސާގެ މައުލޫމާތު ވެސް ކަށަވަރު ނުވޭ. އެހެންވީމަ މި ހިސާބުން [މި ސިސްޓަމާއެކު] ވަރަށް ބައިވަރު ކަންކަން ފަސޭހަވެގެންދާނެ. ދެން ސައްހަ ޑޭޓާބޭސްއެއް ކްރިއޭޓްވެގެންދާއިރު، ވޭތުވެދިޔަ ތަނުގައި ހުރި މައުލޫމާތު ވެސް މި ސިސްޓަމަށް އިތުރުކުރެވޭނެ،" ސޯލިހު ވިދާޅުވި އެވެ.

މީގެ އިތުރުން ގޯތިދެދޮރާ ބެހޭ މައުލޫމާތު ވެސް މި ސިސްޓަމުގައި ރިކޯޑު ކުރެވޭނެ އެވެ. އަލީ ސޯލިހު ވިދާޅުވީ މިހާރު ކައުންސިލްތަކުގައި ކަރުދާހުން ރައްކާކުރެވިފައި ހުރި ރަޖިސްޓްރީތައް ސިސްޓަމަށް ނެގޭނެ ކަމަށާއި މި މައުލޫމާތު ކުރިއަށް އޮތް ތަނުގައި ލިބޭނީ އޮންލައިންކޮށް ކަމަށެވެ.

ގެމެން މޮޑިއުލްގެ މަސައްކަތަކީ ކޮމިއުނިކޭޝަން މިނިސްޓްރީއާއި އެންސީއައިޓީ އަދި އެލްޖީއޭގެ އިތުރުން ޑީއެންއާރު، ހެލްތު މިނިސްޓްރީ އަދި މާލެ ސިޓީ ކައުންސިލް ގުޅިގެން ކޮށްފައިވާ މަސައްކަތެކެވެ.

comment ކޮމެންޓް