ގެސްޓްހައުސްތަކުގައި ރޭޕް ކުރުން، ކުއްޔަށް ދޫކުރަނީ ހުއްދަ ނެތި

ޖެނުއަރީ 24، 2020: ރޭޕް ކުރުމާއި ޖިންސީ އަނިޔާއާއި ދެކޮޅައް މި ހުކުރު ދުވަހު މާލޭގައި ކުރިއަށް ގެންދިޔަ ހިގާލުމުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މާލޭގެ ގެސްޓްހައުސްގައި މި ފަހުން ކުޑަ ދެ ކުއްޖަކު ރޭޕްކޮށްފައިވާއިރު، ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް އެއްވެސް ހުއްދައެއް ނެތި ދުވަހު ކުއްޔަށް ކޮޓަރިތައް ދޫކުރަމުންދާކަމަށް، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރާ، އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން، (އާކް) އިން ބުނެފިއެވެ.

އުމުރުން 11 އަހަރާއި 16 އަހަރުގެ ދެ ކުއްޖެއް މާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި ރޭޕްކުރި މައްސަލަތަކާ ގުޅިގެން މިއަދު ނެރުނު ބަޔަާނެއްގައި އާކުން ވަނީ އެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

އާކުން ބުނީ މިނިސްޓްރީ އޮފް ޓޫރިޒަމްގައި ގެސްޓްހައުސްތަކުގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ތަންތަން ގަވާއިދުން މޮނިޓާ ނުކުރެވޭކަމަށާއި، ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް އެއްވެސް ހުއްދައެއް ނެތި ދުވަހު ކުއްޔަށް ކޮޓަރިތައް ދޫކުރަމުންދާކަން ފާހަގަކުރެވިފައިިވާ ކަމަށެވެ.

އެހެންކަމުން ގެސްޓްހައުސްތަކުގައި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއާއި ނާޖާއިޒް ފައިދާ ނެގުމުގެ މައްސަލަތައް ނުވަތަ އެކްސްޕްލޮއިޓޭޝަން ހުއްޓުވުމަށްޓަކައި ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އާކް އިން ވަނީ ގޮވާލައިފަައެވެ.

އަދި އެކްސްޕްލޮއިޓް ކުރުމުގެ މަގުސަދުގައި ކުޑަކުދިން އެއް ރަށުން އަނެއް ރަށަށް ގެންދާކަމަށް ރިޕޯޓްކުރެވޭ މައްސަލަތައް އިތުރުވަމުން އަންނަ ކަމަށާއި، އިންސާނީ ވަގުފާރިން ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި ދަތުރުފަތުރުކުރުމާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތައް އިތުރަށް ހަރުދަނާކުރުމަށްވެސް އާކުން ގޮވާލާފައިވެއެވެ.

މީގެ އިތުރުން މި ދެ މައްސަލަ ފުރިހަމައަށް ތަހުގީގުކޮށް 2019 އަހަރު ފާސްކުރި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 122، 123، 124، 125 އަދި 126 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމަށްވެސް ވަނީ ގޮވާލައިފައެވެ.

އެ މާއްދާތަކުގައި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ކުށާއި، ގްރޫމްކުރުމުގެ ކުށާއި، ކުޑަކުއްޖަކާމެދު އިހުމާލުވުމުގެ ކުށާއި ކުޑަކުއްޖަކު އަނިޔާގެ އަމަލަކުން ސަލާމަތްކުރުމުގައި އިހުމާލުވުން އަދި ކުޑަކުއްޖަކަށް އަނިޔާކުރުމުގެ ކުށެއް ރިޕޯޓުނުކުރުމުން އަޅާނެ ފިޔަވަޅުތައް ކަނޑައަޅާފައިވެއެވެ.

ކުޑަކުދިން ރައްކާތެރިކުރުމުގެ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތަކާމެދު ކަންބޮޑުވުން ފާޅުކޮށް، ހާއްސަގޮތެއްގައި ގާނޫނު ތަންފީޒުކުރާ ފަރާތްތަކާއި، ޝަރުއީ އަދި އިޖްތިމާއީ ދާއިރާގައި ރަނގަޅުކުރަން ހުރި ގިނަ ކަންތައްތަކެއްގެ ސަބަބުން ކުޑަކުދިން އަނިޔާއިން ރައްކާތެރިކުރުމަށް ބޮޑެތި ހުރަސްތަކެއް ހުރިކަންވެސް އާކުން ވަނީ ފާހަގަކޮށްފައެވެ.

ކުޑަކުދިން އަނިޔާއިން ރައްކާތެރިކުރުމުގައި ބެލެނިވެރިންނާއި މުޖުތަމައުން އިތުރު ސަމާލުކަން ދިނުން ވަރަށް މުހިއްމުކަމަށާއި ކުޑަކުއްޖަކަށް އަނިޔާއެއް ލިބެމުންދާކަމަށް ޝައްކު ކުރެވޭނަމަ ލަސްނުކޮށް ޗައިލްޑް ހެލްޕްލައިން 1412 ނުވަތަ ފުލުހުންގެ ހެލްޕްލައިން 3000600 އަށް ރިޕޯޓްކުރުމަށް އާކުން ވަނީ އިލްތިމާސްކޮށްފައެވެ.

މި މަހުގެ 10 ވަނަ ދުވަހު، މާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި އުމުރުން 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި 38 އަހަރުގެ މީހަކު ރޭ ވަނީ ހައްޔަރު ކޮށްފައެވެ.

މާލޭ ސިޓީ ލޮކްޑައުން ކޮށްފައި ވަނިކޮށް، އަދި ފުލުހުންގެ ހާއްސަ ހުއްދައެއް ނަގައިގެން ނޫނީ ބޭރަށް ނުކުތުންް މަނާކޮށްފައި ވަނިކޮށް، ކުޑަ ކުއްޖަކު ގެސްޓަހައުސް އަކަށް ގެންދިޔަ ގޮތެއް ސާފެއް ނުވެއެވެ.

މިދިޔަ މަހުގެ ފަހުކޮޅު، އުމުރުން 16 އަހަރުގެ ކުޑަ އަންހެންކުއްޖަށް ބިރުދައްކައިގެން، އެކުއްޖާއާއި އާއިލާ ބްލެކްމެއިލްކޮށް، އެކުއްޖާ މާލެ ގެނެސް ރޭޕްކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.

އޮޅުވާލައިގެން އުމުރުން 16 އަހަރު ނުވާ ކުއްޖަކު މާލެ ގެނެސް އެކުއްޖާ ވީނުވީއެއް ނޭނގި ނުރައްކަލަށް ހުށަހެޅިފައިވާ މައްސަލައެއް ހުށަހެޅީ މެއި މަހުގެ 28 ވަނަ ދުވަހުއެވެ.

އަދި އެ މައްސަލަ ހުށަހެޅުމާއެކު އެކުއްޖާ ހޯދުމަށް ކުރި މަސައްކަތުން ކުއްޖާ ފެނިފައިވަނީ މާލޭގެ ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގެ ތެރެއިން އެހެން މީހަކާ އެކުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދީ، މައްސަލައާ ގުޅިގެން، ކުށުގެ ރެކޯޑު އޮންނަ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

މައްސަލައާ ގުޅިގެން ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން އަންހެން ކުއްޖާގެ މައިންބަފައިން ކުއްޖާ މާލެ ފޮނުވާފައިވަނީ ކުއްޖާ އަދި މައިންބަފައިންވެސް ނުދަންނަ މީހެއް ކައިރިއަށް، ކުއްޖާ އެކަނިކަން ވަނީ އެނގިފައެވެ.

އަދި އަންހެން ކުއްޖާ މާލެ ގެނައުމުގައި ފައިސާއާ ގުޅުން ހުރި ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާ، ބްލެކްމެއިލްކޮށް ބިރުދައްކާފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

comment ކޮމެންޓް