ފްރާންސުން ގެނައި އިސްލާހުތަކާ ދެކޮޅަށް ފުލުހުން މުޒާހަރާކޮށްފި

ފްރާންސުގެ ސަރުކާރުން ގެނައި އިސްލާހުތަކާ ދެކޮޅަށް އިއްޔެ ފުލުހުން ވަނީ މުޒާހަރާކޮށްފަ -- ފޮޓޯ: ރޮއިޓާސް

ޕެރިސް (ޖޫން 13): ފްރާންސުގެ ފުލުހުން މީހުން ހައްޔަރު ކުރާ އިރު ކަރުގައި ހިފާ، ނޭވާ ލާން އުނދަގޫވާ ގޮތަށް އަމަލުކުރުން މަނާ ކުރުމާ ގުޅިގެން އެގައުމުގެ ފުލުހުން މުޒާހަރާކޮށްފި އެވެ.

ފްރާންސުގެ ސަރުކާރުން ފުލުހުންގެ ގަވާއިދުތަކަށް އެ އިސްލާހު ގެނައީ އެގައުމުގައި ފުލުހުންގެ އަނިޔާވެރިކަމާއި ނަސްލީ އިމްތިޔާޒުތަކާ ދެކޮޅަށް ކުރިއަށްގެންދާ މުޒާހަރާތަކާ ގުޅިގެންނެވެ. އެ މުޒާހަރާތައް ފެށުނީ މިދިޔަ މަހުގެ 25ގައި އެމެރިކާގައި ދޮން ނަސްލުގެ ފުލުހަކު ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޯއިޑް ހައްޔަރު ކުރި އިރު، އޭނާގެ ކަރުގައި ފައި ވިއްދުމުން އޭނާ މަރުވުމާ ގުޅިގެންނެވެ.

އެ މުޒާހަރާތަކާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ފްރާންްސުގެ އިންޓީރިއާ މިނިސްޓަރު ކްރިސްޓޮފް ކާސްޓަނާ ވަނީ ފުލުހުން ދެން މީހުން ހައްޔަރު ކުރާ އިރު ކަރުގައި ހިފާ، ކަރަށް ފިއްތުން މަނާ ވާނެ ކަމަށާއި އެގޮތަށް އަމަލު ކުރަން ފުލުހުންގެ އެކެޑެމީގައި ދެން ދަސްކޮށް ނުދޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ނަސްލީ ތަފާތުތައް ގެންގުޅޭ ކަމަށް ޝައްކުވާ ފުލުހެއްގެ މައްޗަށް އެ ތުހުމަތުތައް ސާބިތުވެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފަ އެވެ.

ފްރާންސުގެ އިންޓީރިއާ މިނިސްޓްރީގެ އެނިންމުންތަކާ ގުޅިގެން އިއްޔެ އެގައުމުގެ ބައެއް ސިޓީތަކުގައި ފުލުހުން ކުރި މުޒާހަރާތަކުގައި އެމީހުން ވަނީ މަގުމައްޗަށް ބިޑި އުކާފަ އެވެ. އަދި މީހަކު ހައްޔަރު ކުރަން ބިޑި އަޅުވާ އިރު އެމީހެއްގެ ބޮލުގެ ހަރަކާތްތައް ހުއްޓުވުން މުހިއްމު ކަމަށް ބުނެފަ އެވެ.

"ބިޑި އަޅުވާ އިރު ބޮލުގެ ހަރަކާތްތައް ހުއްޓުވުން ވަރަށް މުހިއްމު. އަހަރެމެން [ކަރުގައި ހިފައިގެން] އަށް މިނިޓު ވަންދެން ނުތިބޭނަން. އެމީހަކު ހިފަހައްޓާނީ ބިޑި އަޅުވަން އެކަނި،" މުޒާހަރާގައި ބައިވެރިވި ފުލުހަކު ބުންޏެވެ.

މީގެ އިތުރުން ފުލުހުން ވަނީ އާ އިސްލާހުތަކާ ގުޅިގެން ފުލުހުންގެ މައްޗަށް ނަސްލީ ތަފާތު ކުރާ ކަމުގެ ތުހުމަތު ކުރެވުނަސް ފިޔަވަޅު އަޅާފާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް އެގައުމުގެ އިންޓީރިއާ މިނިސްޓްރީން އިއްޔެ ވަނީ ފުލުހުންގެ ޔޫނިއަންތަކާ ބައްދަލުކޮށް، ފިޔަވަޅު އަޅާނީ ނަސްލީ ތަފާތު ކުރުން ގެންގުޅޭކަން ޔަގީންވާ ފުލުހުންގެ މައްޗަށް އެކަނި ކަމަށް ބުނެފަ އެވެ.

ފްރާންސުގައި ފުލުހުންގެ އަނިޔާވެރިކަމާ ދެކޮޅަށް މުޒާހަރާ ކުރާތާ މިހާރު 10 ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، މުޒާހަރާގެ ބައިވެރިން ދަނީ އެގައުމުގެ ފުލުހުން މައިނޯރިޓީ ނަސްލުތަކާ މެދު ތަފާތުކޮށް، ފުރައްސާރަ ކުރާ ކަމަށް ބުނެފަ އެވެ. އަދި ފުލުހުންގެ އަމަލުތަކުގެ ސަބަބުން ބައެއް މީހުން ހައްޔަރު ކުރާ އިރުގަ އާއި ޖަލުގައި މަރުވާ ކަމަށް ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް