ބާސާ މެޗުގެ ކުރިން މަލޯކާ ކޯޗުގެ ތައުރީފް މެސީއަށް

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ --- ފޮޓޯ/ ޖޯ ރައިޓް

ކޮވިޑް 19އާ ގުޅިގެން ތިން މަސް ދުވަހަށް މެދުކަނޑާލުމަށް ފަހު ސްޕެނިޝް ލަލީގާގެ މެޗުތައް މިދިޔަ ބުރާސްފަތި ދުވަހު ފެށި އިރު ބާސެލޯނާއާ ދެކޮޅަށް މިރޭ ނުކުންނަ ރެއާލް މަލޯކާގެ ކޯޗު ވިސެންޓް މޮރީނޯ އިދިކޮޅު ޓީމުގެ ފޯވާޑް ލިއޮނެލް މެސީއަށް ތައުރީފް ކޮށްފި އެވެ.

ކޮވިޑާ ގުޅިގެން ލަލީގާގެ މެޗުތައް މެދުކަނޑާލާފައި ވަނީ މިދިޔަ މާޗު މަހުގެ 12 ވަނަ ދުވަހުއެވެ. އެއާ އެކު ތިން މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު މިދިޔަ ބުރާސްފަތި ދުވަހު ލީގުގެ ކުޅުން ފެށީ ސެވިއްޔާއާއި ރެއާލް ބެޓިސް ބައްދަލު ކުރި މެޗުންނެވެ. އަދި އެއަށްފަހު ރޭ ވެސް ލީގުގެ އިތުރު ދެ މެޗެއް ކުޅެފައިވާ އިރު ލީގު ނިމެންދެން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މެޗުތައް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

އެގޮތުން ލީގު މެދުކަނޑާލި އިރު ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއިން މިރޭ އަވޭ ސްޓޭޑިއަމުގައި ނުކުންނާނީ ރެލިގޭޝަން ޒޯނުގައި އޮތް މަލޯކާއާ ދެކޮޅަށެވެ. ވާދަވެރި ރެއާލް މެޑްރިޑަށް ވުރެން ބާސެލޯނާ މިވަގުތު ދެ ޕޮއިންޓް ކުރީގައި އޮތް އިރު ބާކީ ހުރި މެޗުތަކަކީ އެ ޓީމަށް އެއްވަނައިގައި ދެމިއޮތުމަށް މުހިއްމު މެޗުތަކެކެވެ.

އެހެން ކަމުން މިރޭގެ މެޗަށް ވަރުގަދަ ސްކޮޑަކާ އެކު ބާސެލޯނާއިން ނުކުންނާނެ ކަމުގެ އިޝާރާތެއް އެ ޓީމުގެ ކޯޗު ކޮށްފައިވާ އިރު މަލޯކާގެ ކޯޗު ވެސް ވަނީ ބާސެލޯނާގެ ކުޅުންތެރިންނަށް، ހާއްސަކޮށް ކެޕްޓަން މެސީއަށް ތައުރީފްކޮށްފަ އެވެ.

މެސީ ވަނީ ބާސެލޯނާގެ ކޭމްޕް ނޫ ސްޓޭޑިއަމުގައި އެންމެ ފަހުން މި ދެ ޓީމު ކުރިމަތިލި އިރު މަލޯކާ ކޮޅަށް ހެޓްރިކެއްހ ހަދައިފަ އެވެ. މި ސީޒަނުގައި އަނިޔާގެ ސަބަބުން މެސީ ގިނަ މެޗުތަކެއް ކުޅެފައި ނުވި ނަމަވެސް އޭނާ ވަނީ ބާސެލޯނާ ތާވަލުގެ އެއްވަނައަށް އެރުމުގައި މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ. އެގޮތުން މެސީ ވަނީ ލީގުގައި މިހާތަނަށް 19 ގޯލު ޖަހައި 12 އެސިސްޓް ހަދައިފަ އެވެ.

"އަހަރަމެން މިރޭ ނުކުންނަން މިޖެހެނީ ތާރީހުގައި ވެސް ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ [މެސީ] އާ ދެކޮޅަށް. ބާސެލޯނާ އަކީ ހުނަރުން ފުރިގެންވާ އެތައް ކުޅުންތެރިންނެއް ތިބި ޓީމެއް. އެކަމަކު އެ ޓީމުގެ އެންމެ ބޮޑު ތަފާތަކީ މެސީ،" މަލޯކާގެ ކޯޗު ވިސެންޓް މޮރީނޯ ބުންޏެވެ.

މޮރީނޯ ބުނީ، މިރެޔަކީ މެސީގެ ކުޅުން ހަމަލޮލުން ބަލާލަން ލިބޭ ފުރުސަތެއް ކަމަށާއި، ފުޓުބޯޅައިގެ ހުރިހާ ސަޕޯޓަރުން ވެސް އޭނަގެ ކުޅުން ފެނި އާޝޯހް ވާނެ ކަމަށެވެ. އެކަމަކު އަނެއް ކޮޅުން އިދިކޮޅު ޓީމަށް މިރެޔަކީ އުނދަގޫވާނެ މެޗެއް ކަމަށާއި، ކުރީ މެޗުގައި މެސީ ޖެހި ގޯލުތަކަކީ މިރޭގެ މެޗަށް ނުކުންނަ އިރު ޓީމަށް ލިބުނު ތަޖުރިބާއެއް ކަމަށް ކޯޗު ވަނީ ބުނެފަ އެވެ.

"މެސީގެ އެންމެ ބޮޑު ތަފާތަކީ އޭނާ ބޭނުން ވެއްޖެ ނަމަ ނަތީޖާ ކޮންމެ ވަގުތަކުވެސް އަނބުރާލާނެ. އެވަގުތަކީ އިތުރު އެއްވެސް ކުޅުންތެރިއަކަށް އޭނާ ހުއްޓުވޭނެ ވަގުތެއް ނޫން."

ސްޕެނިޝް ލީގުގައި މިރޭ ބާސެލޯނާއާއި މަލޯކާ ބައްދަލު ކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން ދަންވަރު 1:00 ޖަހާއިރު އެވެ.

comment ކޮމެންޓް