ދެކުނު އޭޝިއާއިން ޕްލާސްޓިކް މަދުކުރަން 50 މިލިއަން ޑޮލަރުގެ މަޝްރޫއެއް

ފެބްރުއަރީ 28، 2020: ގިނަ އަދަދެއްގެ ބައިވެރިންނާއިއެކު ހުޅުމާލޭގައި ބޭއްވި ޒީރޯ ޕްލާސްޓިކް ރަންގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެކުނު އޭޝިއާއިން ޕްލާސްޓިކް ކުނި މަދުކޮށް، ޕްލާސްޓިކް ކުނި އަލުން ބޭނުންކުރުމަށް އެހީތެރިވާން ވޯލްޑް ބޭންކް، ޕާލޭ އަދި ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަމަންޓް ޕްރޮގްރާމް (އެސްއޭސީއީޕީ) އިން 50 މިލިއަން ޑޮލަރުގެ މަޝްރޫއެއް ފަށައިފި އެވެ.

"ޕްލާސްޓިކް ފްރީ ރިވާސް އެންޑް ސީސް ފޮ ސައުތު އޭޝިއާ"ގެ ނަމުގައި ފެށި މި މަޝްރޫއުގެ ދަށުން އެއްފަހަރު ބޭނުންކޮށްފައި ހުންނަ ޕްލާސްޓިކް އަލުން ބޭނުން ކުރުމާއި މިކަމާ ގުޅޭ މަޝްރޫއުތައް ހިންގަން ކުންފުނިތަކަށް ބާރުއަޅައި، އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމާފަ އެވެ.

ޕްލާސްޓިކް ފްރީ ރިވާސް އެންޑް ސީސް ފޮ ސައުތު އޭޝިއާ ޕްރޮޖެކްޓުގެ ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށްގެންދިޔައީ އޮންލައިންކޮށް-- ފޮޓޯ/ ވޯލްޑް ބޭންކް

ދެކުނު އޭޝިއާގެ ކޯރުތަކާއި ކަނޑުތައް އެކި ގައުމުތަކުގެ ބޯޑަރާ ގުޅިފައި ހުރުމުން ސަރަހައްދީ ހުރިހާ ގައުމުތަކުން މި މަސައްކަތުގައި ގުޅިގެން މަސައްކަތް ކުރަން ވޯލްޑް ބޭންކުން ވަނީ ގޮވާލާފަ އެވެ.

ވޯލްޑް ބޭންކުގެ ވައިސް ޕްރެޒިޑެންޓް ފޮ ސައުތު އޭޝިއާ ހާޓްވިގް ޝެފާ ވިދާޅުވީ ކަނޑަށް އަޅާ ޕްލާސްޓިކް މަދުކުރުމަކީ ތިމާވެށްޓަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެއްގެ އިތުރުން، ސިއްހީ ގޮތުން ހެޔޮ ބަދަލުތަކަކާއި ކާނާގެ ޔަގީންކަން ދަމަހައްޓަން ވެސް މަގުފަހިވާނެ ކަމެއް ކަމަށެވެ.

ދެކުނު އޭޝިއާއަކީ ދުނިޔޭގެ ތިންވަނައަށް އެންމެ ގިނައިން ޕްލާސްޓިކް ކުނި ބޭރުކުރާ ސަރަހައްދު ކަމަށްވާއިރު، މިކަން ބަދަލުކުރަން ފިޔަވަޅުތަކެއް ނާޅައިފިނަމަ، 2050ވަނަ އަހަރާ ހަމައަށް ދާއިރު، މިހާރު އުފައްދާ ޕްލާސްޓިކްގެ އަދަދު ދެގުނައަށް އިތުރުވާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެ އެވެ.

ވޯލްޑް ބޭންކުން މީގެ ކުރިން ވެސް ވަނީ ޕާލޭއާއި ގުޅިގެން މިފަދަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން 2015ވަނަ އަހަރު އދ.އަށް ހުށަހެޅި "ޕާލޭ އޭއައިއާރު" ޕްރޮގްރާމު ކާމިޔާބުކަމާއެކު މަޝްހޫރު އެޑިޑާސް ކުންފުންޏާ ގުޅިގެން ރާއްޖޭގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މިފަހަރު ވޯލްޑް ބޭންކް، ޕާލޭ އަދި އެސްއޭސީޕީ ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫއުގައި އެސްއޭސީޕީގެ މެމްބަރު އަށް ގައުމުން ބައިވެރިވާނެ އެވެ.

އެސްއޭސީޕީގައި ހިމެނޭ މެމްބަރު ގައުމުތަކަކީ ރާއްޖެ، އަފްގާނިސްތާން، ބަންގްލަދޭޝް، އިންޑިއާ، ބޫޓާން، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާ އެވެ.

މި މަޝްރޫއުގައި ހިމެނޭ 50 މިލިއަން ޑޮލަރުގެ ތެރެއިން 37 މިލިއަން ޑޮލަރަކީ ވޯލްޑް ބޭންކުގެ ކޮންސެޝަނަލް ފަންޑު، އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަނުން ދޭ އެހީއެކެވެ. އަދި ބާކީ 13 މިލިއަން ޑޮލަރު ހަރަދުކުރާނީ ޕާލޭއިންނެވެ.

comment ކޮމެންޓް