އަންނަ މަހުން ފެށިގެން މާލޭގައި ކެފޭ، ރެސްޓޯރަންޓުތަކާއި ސެލޫނު، ސްޕާތައް އަދި ޖިމްތައް ހުޅުވުމުގެ ހުއްދަދިނުމަށް އެޗްޕީއޭ އިން ލަފާދީފިއެވެ.
އެންއީއޯސީގައި މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ އާމިނަތު ޝައިނާ އަބްދުﷲ ވިދާޅުވިގޮތުގައި ޖޫން 15 ވަނަ ދުވަހުން ފެށިގެން ޖުލައި މަހާއި ހަމަޔަށް ރެސްޓޯރެންޓްތަކުން ޓޭކްއަވޭގެ ޚިދުމަތް ދިނުމަށް ހުއްދަ ދެވޭނެކަމަށެވެ. އަދި ޖުލައި މަހުން ފެށިގެން ރެސްޓޯރެންޓުތަކާއި ކެފޭތައް ހުޅުވުމުގެ ހުއްދަދޭން ވަނީ ނިންމާފައެވެ.
ޓޭކްއަވޭގެ ޚިދުމަތް ހޯދަން ދާ މީހުން ވެސް އިޖުތިމާއީ ގައިދުރުކަން ބަހައްޓައި ސަލާމަތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ އެންމެ އެދެވިގެންވާ ގޮތް ކަމަށް ޝައިނާ ވިދާޅުވިއެވެ.
ޝައިނާ އިތުރަށް ވިދާޅުވިގޮތުގައި މި މަހުގެ 15 ވަނަ ދުވަހު ން ފެށިގެން މާލެ ސިޓީގެ ޕާކުތަކާއި އާންމު މައިޒާންތައް ހުޅުވުމަށްވެސް ވަނީ ލަފާ ދީފައެވެ.
"ޕާކު ތަކާއި އާންމުކޮށް ހުންނަ މައިޒާންތައް ހުޅުވިފައި ހުންނާނެ. އަދި މި ތަންތަނުގައި އަތް ދޮވެވޭނެ އިންތިޒާމު ނުވަތަ ހޭންޑް ހައިޖީން ޕްރެކްޓިސް ކުރެވޭނެ އިންތިޒާމުތައް އަޅުގަނޑުމެން ރެކޮމެންޑް ކުރަން،" ޝައިނާ ވިދާޅުވި އެވެ.
ޕާކުތައް ހުޅުވާލެވުމުން އާންމުންނަށް ވަކި ވަކިން ގޮސް ކަސްރަތު ކުރުމަށް ހުއްދަވާނެ އެވެ.
މި މަސް ނިމެންދެން ތިން މީހުންނަށް ވުރެ ގިނަ އަދަދަކަށް އާންމު އެއްވުންތައް މަނާކުރުމަށް ލަފާދީފައިވާއިރު، ޖުލައި މަހުން ފެށިގެން މި އަދަދު 10 މީހުންނަށް އިތުރު ކުރުމަށްވެސް ވަނީ ނިންމާފައެވެ.
މާލޭގައި އޭޕްރިލް 15 ވަނަ ދުވަހު އިއުލާންކުރި ފުރަބަންދުގެ މުއްދަތު މިރޭ ވަނީ ޖޫން މަހުގެ 15 ވަނަ ދުވަހާ ހަމަޔަށް އިތުރުކޮށްފަ އެވެ.
އެންއީއޯސީއިން މިރޭ ބުނިގޮތުގައި މި މުއްދަތު ހަމަވުމުން މާލެ ސިޓީގައި ހުއްދައަކާ ނުލައި އާންމުންނަށް ވަކި ގަޑިތަކެއްގައި ބޭރުގައި އުޅެވޭނެ އެވެ.