އީޔޫގެ ގައުމުތަކުގެ ބޯޑަރުތައް އަންނަ މަހު ބޭރު ގައުމުތަކަށް ހުޅުވާލަނީ

ޔޫރަޕްގެ ބައެއް ގައުމުތަކުން މިހާރުވެސް ވަނީ ބޯޑަރުތައް ހުޅުވާލާނެ ދުވަސްތައް އިއުލާންކޮށްފަ -- ފޮޓޯ: އޭޕީ

އީޔޫ (ޖޫން 11): ކޮރޯނާވައިރަހާ ގުޅިގެން ބަންދު ކުރި ޔޫރަޕިއަން ޔޫނިއަންގެ ބޯޑަރުތައް އަންނަ މަހު ބޭރުގެ ގައުމުތަކަށް ހުޅުވާލަން އެ އިއްތިހާދުގެ އިސް އޮފިޝަލުން ލަފާ ދީފި އެވެ.

އީޔޫގެ 26 ގައުމާއި އައިސްލޭންޑާއި ލިކްޓެންސްޓެއިން އާއި ނޯވޭ އާއި ސްވިޒަލޭންޑް ހިމެނޭ ގޮތަށް، އެގައުމުތަކުގެ ބޯޑަރުތައް ދުނިޔޭގެ އެހެން ގައުމުތަކަށް ބަންދު ކުރީ މިދިޔަ މާޗް މަހުގެ މެދުތެރޭގަ އެވެ. އޭރު ބޯޑަރު ބަންދު ކުރީ 30 ދުވަހަށް ކަމަށްވީ ނަމަވެސް ފަހުން އެ މުއްދަތު ވަނީ ދެ ފަހަރަކު އިތުރުކޮށްފަ އެވެ.

އެ 26 ގައުމަކީ، އޮސްޓްރިއާ، ބެލްޖިއަމް، ބަލްގޭރިއާ، ކްރޮއޭޝިއާ، ސައިޕްރަސް، ޗެކް ރިޕަބްލިކް، ޑެންމާކް، އެސްޓޯނިއާ، ފިންލޭންޑް، ފްރާންސް، ޖަރުމަނު، ގްރީސް، ހަންގޭރީ، އިޓަލީ، ލަޓްވިއާ، ލިތުއޭނިއާ، ލަގްޒެމްބާގް، މަލްޓާ، ނެދަލޭންޑްސް، ޕޮލޭންޑް، ޕޯޗުގަލް، ރޯމޭނިއާ، ސްލޮވޭކިއާ، ސްލޮވީނިއާ، ސްޕެއިން އަދި ސްވިޑެން އެވެ.

އެ ބޯޑަރުތައް ހުޅުވާލަން އެންމެ ފަހުން ހަމަޖެހުނީ އަންނަ ހޯމަ ދުވަހު ކަމަށްވީ ނަމަވެސް މިއަދު ޔޫރަޕިއަން ކޮމިޝަނުން ވަނީ އެސަރަހައްދުގެ ބޯޑަރުތައް އިތުރު ދެ ހަފްތާ ވަންދެން ބޭރުގެ ގައުމުތަކަށް ބަންދު ކުރަން ލަފާ ދީފަ އެވެ.

ޔޫރަޕިއަން ކޮމިޝަނުން ނެރުނު ބަޔާނެއްގައިވާ ގޮތުން އީޔޫއަށް ބޭރު މީހުންނަށް ވަދެވޭ ގޮތް ހަދަންވީ އެ އިއްތިހާދުގެ އެތެރޭގެ ބޯޑަރުތައް ފުރަތަމަ ހުޅުވުމަށް ފަހުގަ އެވެ. އަދި ބޭރު ގައުމުތަކުން އެ ސަރަހައްދަށް މީހުން ދިޔުން ހުއްދަ ކުރާ އިރު، ފުރަތަމަ ބަލަން ޖެހެނީ ޔޫރަޕާ އެއްވަރަކަށް ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކޮށްފައިވާ ގައުމުތަކަށެވެ. އީޔޫ އޮފިޝަލުން އުއްމީދު ކުރަނީ މި މަސް ނިމޭ އިރު ހުރިހާ މެމްބަރު ގައުމަކުންވެސް އެތެރޭގެ ބޯޑަރުތައް ހުޅުވާލާނެ ކަމަށެވެ.

"އީޔޫއަށް ވަންނަ މީހުންނަށް އެއް ގައުމުން އަނެއް ގައުމަށް ދަތުރު ކުރެވޭނެތީ މެމްބަރު ގައުުތަކުން ދަތުރުފަތުރާ ގުޅުން ހުރި ފިޔަވަޅުތައް ލުއި ކުރުމުގައި އެއްކޮށް މަސައްކަތް ކުރުން މުހިއްމު. އެހެންކަމުން، ޖުލައި އެކަކުން ފެށިގެން އީޔޫއަށް ވަދެވޭނެ ގައުމުތަކުގެ ލިސްޓެއް މެމްބަރު ގައުމުތަކުން ގުޅިގެން އެބަ އެކުލަވާލަން ޖެހޭ،" އީޔޫ ކޮމިޝަންގެ ބަޔާނުގައިވެ އެވެ.

ޔޫރަޕްގެ ބައެއް ގައުމުތަކުން މިހާރުވެސް ވަނީ ބޯޑަރުތައް ހުޅުވާލާނެ ތާރިހުތައް އިއުލާންކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް ގައުމުތަކަށް ދާ އެންމެން 14 ދުވަހަށް ކަރަންޓީނު ވާން ޖެހޭ އިރު އެހެން ގައުމުތަކަށް ކޮވިޑް-19 ޓެސްޓު ހަދައިގެން ދިޔުމުން ކަރަންޓީނު ވާން ނުޖެހެ އެވެ.

ޔޫރަޕްގައި ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރުނު ގައުމުތަކުގެ ތެރޭގައި ހިމެނޭ އިޓަލީ، ސްޕެއިން އަދި ޖަރުމަނުގައި މިހާރު ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ވުރެ، ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.

comment ކޮމެންޓް