ޑރ. މުއިއްޒު އަނެއްކާވެސް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

ފެބްރުއަރީ 22، 2020: ކުރީގެ ހައުސިންގ މިނިސްޓަރު މުއިއްޒު ފުލުސް އޮފީހަށް ހާޒިރުކުރުން-- ސަން ފޮޓޯ / އަހްމަދު ސައީދު

ފުލުސް އޮފީހަށް ހާޒިރުވުމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް އަންގައިފިއެވެ.

ޑރ. މުއިއްޒާ ގުޅޭގޮތުން ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލަ އަކީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އިން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހެޅި އާބިޓްރޭޝަން މައްސަލައިގައި އޭނާ އަމަލުކުރެއްވި ގޮތާ ގުޅިގެން އެޓާނީ ޖެނެރަލްގެ އޮފީހުން ހުށަހެޅި މައްސަލައެކެވެ.

އެމައްސަލައާ ގުޅިގެން މީގެ ކުރިން ވެސް ޑރ. މުއިއްޒު ވަނީ ފުލުހަށް ހާޒިރުކޮށް ސުވާލުތަކެއް ކޮށް ބަޔާން ވެސް ނަގާފަ އެވެ.

ޑރ. މުއިއްޒު "ސަން" އަށް ވިދާޅުވީ މާދަމާ ރޭ 8:15 އަށް ފުލުސް އޮފީހަށް ހާޒިރުވާން މިއަދު އޭނާއަށް ޗިޓެއް ލިބިފައިވާ ކަމަށެވެ. މިފަހަރު ވެސް އޭނާ ފުލުހަށް ހާޒިރު ކުރަނީ ހަމަ ކުރީގެ މައްސަލައިގެ ތަހުގީގަށް ކަމަށް ވިދާޅުވި އެވެ.

"ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދޭނަން. ސިފައިންނާއި ފުލުހުންގެ މަސައްކަތް އަޅުގަނޑުމެން އަބަދުވެސް އަގުވަޒަން ކުރަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބްގައި މާލެ ސިޓީގެ މޭޔަރުގެ މަގާމަށް ކުރިމަތިލައްވާނެ ކަން އިއުލާންކޮށްފަ އެވެ. އަދި މީގެ ކުރިން އޭނާ ފުލުހަށް ހާޒިރު ކުރުމުން އެކަން ސިފަކޮށްފައިވަނީ ކެމްޕެއިނަށް ހުރަސް އެޅުމަށް ކުރި ކަމެއްގެ ގޮތުގަ އެވެ.

comment ކޮމެންޓް