އަންނަ ހަފްތާ ހަތަރު ދުވަހު ސަރުކާރު އޮފީސްތައް ހުޅުވަން ނިންމައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު --

ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އިދާރާތައް ހުޅުވާ މުއްދަތު މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިތުރުކުރައްވައިފި އެވެ.

މިއަދުގެނިޔަލަށް ސަރުކާރުގެ އޮފީސްތައް ހުޅުވުމަށް ރައީސް ނިންމެވީ މެއި މަހުގެ 30 ވަނަ ދުވަހު އެވެ.

ރައީސް އޮފީހުން މިއަދު ބުނީ، އަންނަ އާދީއްތަ ދުވަހުން ފެށިގެން މި މަހުގެ 18 ވަނަ ދުވަހަށް ވެސް ސަރުކާރުގެ އިދާރާތައް ހުޅުވަން ނިންމާފައިިވާ ކަމަށެވެ.

އަދި ހަފްތާގެ ތިން ދުވަހުގެ ބަދަލުގައި، ކުރިއަށް އޮތް ހަފްތާގެ ހަތަރު ދުވަހު ސަރުކާރު އޮފީސްތައް ހުޅުވަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ހޯމަ، އަންގާރަ، ބުދަ، ދުވަހުގެ އިތުރަށް ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ސަރުކާރުގެ އޮފީސް ހުޅުވާގޮތަށް ރައީސް ވަނީ ހަމަޖައްސަވާފަ އެވެ.

ސަރުކާރުގެ އޮފީސްތައް ހަފުތާއަކު ހަތަރު ދުވަހު ހުޅުވާގޮތަށް ރައީސިް ހަމަޖެއްސެވި ނަމަވެސް، އެ އިދާރާތަކަށް ރައްޔިތުން ހާޒިރުވެގެން ހިދުމަތް ހޯދުމުގެ ފުރުސަތު ހުޅުވައިނުލުމަށްވެސް ސަރުކާރުގެ އޮފީސްތަކަށް ވަނީ އަންގަވާފަ އެވެ.

މީގެ އިތުރުން، ސަރުކާރުގެ އިދާރާ ހުޅުވައިގެން ކުރާނެ މަސައްކަތްތައް އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެ އިދާރާއެއްގެ އެންމެ އިސްވެރިޔާ ކަނޑައަޅުއްވަންވާނެ ކަމަށާއި، އިދާރާއެއް ހުޅުވާނީ އެ އިދާރާއަށް މުވައްޒަފުން ހާޒިރުވެގެން އެ އިދާރާއަކުން މި ދުވަސްވަރު ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެކަނި ކަމަށާއި، ވީހާވެސް މަދު އަދަދެއްގެ މުވައްޒަފުން މަސައްކަތަށް ނެރުމަށް ވަނީ ސަރުކާރުގެ އޮފީސްތަކަށް އަންގަވާފަ އެވެ.

ސަރުކާރުގެ އިދާރާތައް ހުޅުވަން ހަމަޖެއްސެވި ދުވަސްތަކާއި ވަގުތުތަކުގެ އިތުރުން އެހެން ވަގުތެއްގައި ސަރުކާރުގެ އިދާރާއެއް ހުޅުވައިގެން ކޮންމެހެން މަސައްކަތެއް ކުރަން ޖެހިއްޖެ ހިނދެއްގައި، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިއަކު ކަނޑައަޅާ ގޮތެއްގެ މަތިން އެ އިދާރާއެއް ހުޅުވައިގެން އެ މަސައްކަތް ކުރުމަށް ވެސް ރައީސް ވަނީ އަންގަވާފަ އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ސަރުކާރުގެ އިދާރާއެއް ހުޅުވައިގެން މަސައްކަތް ކުރަންވާނީ އެއިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކުގެ ތަފްސީލު ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް އެ އިދާރާއަކުން ހުށަހަޅައި، އެ އެޖެންސީން ކަނޑައަޅާ ގޮތެއްގެ މަތިން އަދި އެ އެޖެންސީން ކަނޑައަޅާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ.

ސަރުކާރުގެ އިދާރާއެއް ހުޅުވިނަމަވެސް، މިހާރެކޭވެސް އެއްފަދައިން، ގޭގައި މުވައްޒަފުން ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށާއި، އޮންލައިންކޮށް ދެވެން ހުރި ހިދުމަތްތައް އޮންލައިން ދެމުން ގެންދިއުމަށްވެސް ރައީސް ވަނީ އަންގަވާފަ އެވެ.

comment ކޮމެންޓް