ކަސްޓަމަރުންނަށް މަކަރު ހެދި ތައިލޭންޑުގެ ރެސްޓޯރެންޓެއްގެ ވެރިން 1،446 އަހަރަށް ޖަލަށް

ލައެމްގޭޓް ރެސްޓޯރެންޓުންގެ ދެ ވެރި ފަރާތުގެ ތެރެއިން އެކަކު އެ ރެސްޓޯރެންޓުގައި -- ފޮޓޯ: އެސްއެމްއީތައިލޭންޑް

ބޭންކޮކް (ޖޫން 11): ތައިލޭންޑުގެ ވެރިރަށް ބޭންކޮކްގައި ހުރި ރެސްޓޯރެންޓެއްގެ ވެރިން ކަސްޓަމަރުންނަށް އޮޅުވާލާ، މަކަރު ހެދި މައްސަލައިގައި އެ ދެ މީހުން 1،446 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

ބެންކޮކްގައި ހުރި ލައެމްގޭޓް ސީފުޑް ރެސްޓޯރެންޓުގެ ވެރިންގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގައިވާ ގޮތުން މިދިޔަ އަހަރު އެ ރެސްޓޯރެންޓުން އޮންލައިން ޕްރޮމޯޝަނެއް ފެށި އެވެ. އެ ޕްރޮމޯޝަންގެ ދަށުން އެޑްވާންސްކޮށް ފައިސާ ދައްކާ މީހުންނަށް ވައުޗަރެއް ދޭނެ ކަމަށް ރެސްޓޯރެންޓުން ބުންޏެވެ.

އޭގެ ތެރޭގައި 10 މީހުންނަށް 28 ޑޮލަރަށް ކަނޑުމަހުގެ ކެއުމެއް ލިބޭ ވައުޗަރެއްވެސް ހިމެނުނެވެ.

ތައި ޕަބްލިކް ބްރޮޑްކާސްޓިން ސާވިސް (ޕީބީއެސް)އިން ރިޕޯޓު ކުރި ގޮތުގައި އެ ވައުޗަރު ފުރަތަމަ ގަތް މީހުންނަށް ހިދުމަތް ލިބުނެވެ. ނަމަވެސް ފަހުން ވައުޗަރުތައް ގަތް މީހުން ގިނަވެ، ބައެއް މީހުންނަށް ޖާގައެއް ލިބުމުގެ އެތައް މަހެއް ކުރިން ފައިސާ ދައްކަން ޖެހުނެވެ.

ޕީބީއެސްއިން ބުނި ގޮތުގައި އެ ޕްރޮމޯޝަންގެ ދަށުން 20،000 ވަރަކަށް މީހުން 1.6 މިލިއަން ޑޮލަރުގެ ވައުޗަރު ގަތެވެ.

ނަމަވެސް އެ ރެސްޓޯރެންޓަށް ޑިމާންޑާ އެއްވަރަށް ކަނޑުމަސް ނުލިބޭ ކަމަށް ބުނެ، މިދިޔަ މާޗް މަހު ލައެމްގޭޓް ކުންފުނިން އެ ރެސްޓޯރެންޓު ބަންދު ކުރި އެވެ. އަދި ވައުޗަރު ބޭނުން ނުކުރެވޭ މީހުންނަށް އަނބުރާ ފައިސާ ދޭނެ ކަމަށް ބުންޏެވެ. ނަމަވެސް ފައިސާ ލިބުނީ ޝަކުވާ ކުރި 818 ކަސްޓަމަރުންގެ ތެރެއިން 375 މީހުންނަށް ކަމަށް ޕީބީއެސްއިން ހާމަ ކުރި އެވެ.

އޭގެ ތެރެއިން ފައިސާ ނުލިބޭ ގިނަ އަދަދެއްގެ މީހުން އެ މައްސަލަ ކޯޓަށް ހުށަހެޅި އެވެ. އަދި އިއްޔެ ކޯޓުން ނިންމީ މަކަރާއި ހީލަތުގެ ދައުވާގައި އެ ރެސްޓޯރެންޓްގެ ދެ ވެރިން 1،446 އަހަރަށް ޖަލަށްލުމަށެވެ. ނަމަވެސް ތައިލޭންޑުގެ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން އެ ދެ މީހުން ޖަލުގައި ހޭދަ ކުރާނީ ގިނަވެގެން 20 އަހަރެވެ.

މީގެ އިތުރުން ކޯޓުން ވަނީ ލައެމްގޭޓް ކުންފުނި 58،064 ޑޮލަރުން ޖޫރިމަނާކޮށް، ކަސްޓަމަރުންނަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 80،642 ޑޮލަރު ދިނުމަށް އަންގާފަ އެވެ.

ތައިލޭންޑުގައި މަކަރާއި ހީލަތް ހެދުމުގެ މައްސަލަތަކުގައި ދައުވާ ލިބޭ ފަރާތާ ދެކޮޅަށް ކުރާ ޝަކުވާތަކުގެ އަދަދަށް ބަލައި، އެ މީހަކު ދިގު މުއްދަތަކަށް ޖަލަށް ލުމަކީ އާއްމު ކަމެކެެވެ. ނަމަވެސް އެގައުމުގެ ގާނޫނު އަސާސީން ވަނީ އެ ދައުވާގައި ޖަލު ހުކުމް ތަންފީޒު ކުރެވޭނީ ގިނަ ވެގެން 20 އަހަރަށް ކަމަށް ކަނޑައަޅާފަ އެވެ.

comment ކޮމެންޓް