މާފަރު އެއާޕޯޓު ބޮޑުކުރުމުގެ މަޝްރޫއުގެ ބީލަމަށް އަނެއްކާވެސް ހުޅުވާލައިފި

މާފަރު އެއާޕޯޓު -- ސަން ފޮޓޯ: އާއިޝަތު ފަރީހާ އަބްދުﷲ

ނ. މާފަރު އިނޭޝަނަލް އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަޝްރޫއުގެ ބީލަން މުއްދަތު އަނެއްކާވެސް އިތުރު ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނީ ނ. މާފަރު އެއާޕޯޓުގެ ރަންވޭ އެކްސްޓެންޝަންގެ މަސައްކަތް އީޕީސީ ޓާންކީ އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި އިއުލާނުގެ ސުންގަޑި ބަދަލުކޮށްފައިވާ ކަމަށެވެ.

މި ޕްރޮޖެކްޓުގެ ބީލަމަށް އެންމެ ފުރަތަމަ ހުޅުވާލީ އޭޕްރީލް މަހު އެވެ. އޭގެ ފަހުން މެއި މަހުވެސް ވަނީ ބީލަން މުއްދަތު އިތުރުކޮށްފަ އެވެ.

އެގޮތުން މި ޕްރޮޖެކްޓާ ގުޅޭ އެއްވެސް ސުވާލެއް ވާނަމަ ޖޫން 25 ގެ ކުރިން ފިނޭންސް އަށް އީމެއިލް ކުރުމަށް އިއުލާނުގައިވެ އެވެ. މީގެ އިތުރުން ޕްރީކޮލިފިކޭޝަން އެޕްލިކޭޝަން ހުޅުވުން ޖުލައި މަހުގެ ނުވަ ވަނަ ދުވަހު އޮންނާނެ ކަމަށް ފިނޭންސް އިން ބުންޏެވެ.

މި ޕްރޮޖެކްޓަކީ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓުގެ އެހީގައި ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރީ ކޮލިފިކޭޝަންގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ (32 ޑޮލަރުގެ) ނަން ރިފަންޑަބްލް ރެޖިސްޓްރޭޝަން ފީ އެއް ދައްކަން ޖެހެ އެވެ. ޖުލައި މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ފައިސާ ބަލައިގަންނާނެ އެވެ.

ނ. މާފަރުގައި ތަރައްގީކޮށްފައިވާ އެއާޕޯޓު ހުޅުވީ މިދިޔަ ޑިސެމްބަރު އެއްވަނަ ދުވަހު އެވެ.

އަބޫދާބީ ފަންޑުގެ އެހީގައި ތަރައްގީކޮށްފައިވާ އެ އެއާޕޯޓަކީ އެއާބަސް އޭ320 އަދި ބޮއިންގް 737 ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ. މާފަރު އެއާޕޯޓުގެ ރަންވޭ ބޯއިން 777 ޓްވިން ޖެޓް ޖެއްސޭ ވަރަށް ބޮޑު ކުރުމަށް ނިންމާ، އެ މަޝްރޫއަށް އަބޫދާބީ ފަންޑުން އެހީދޭން ވަނީ ނިންމައިފަ އެވެ.

ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަހުމަދު ޒުހައިރު ވިދާޅުވީ މާފަރު އެއާޕޯޓަށް ދީފައި އޮންނާނީ ވަގުތީ އިންޓަނޭޝަނަލް ހުއްދަ އެއް ކަމަށާއި އިންޓަނޭޝަނަލް ޕެސެންޖާ ފްލައިޓްސް ޖަައްސައި ހިދުމަތް ދޭނެ ކެޕޭސިޓީ އަދި އެ އެއާޕޯޓްގައި ނެތްކަމަށެވެ.

https://sun.mv/138005

comment ކޮމެންޓް