ޕްރިމިއާ ލީގު: ފަހުގެ ޓެސްޓުތަކުން އިތުރު ޕޮޒިޓިވް ކޭހެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު މެޗެެއްގެ ތެރެއިން --- ފޮޓޯ: އޭޕީ

ޕްރިމިއާ ލީގުގެ ކުޅުންތެރިންނާއި އޮފިޝަލުން ހިމެނޭ ގޮތަށް އެންމެ ފަހުން ނެގި ހުރިހާ ޓެސްޓެއް ނެގެޓިވްވެފައިވަނިކޮށް، ހަތްވަނަ ބުރުގެ ސާމްޕަލްތަކުން އަނެއްކާވެސް ޕޮޒިޓިވް ކޭހެއް ފެނިއްޖެ އެވެ.

ކޮވިޑް-19 ގެ ސަބަބުން މާޗު މަހު މެދުކަނޑާލި ޕްރިމިއާ ލީގު މި މަހު 17 ގައި އަލުން ފެށުމަށްޓަކައި ހަތް ބުރެއްގެ މަތިން ކުޅުންތެރިންނާއި ސްޓާފުން ވަނީ މިހާތަނަށް ޓެސްޓްކޮށްފަ އެވެ. އެއީ ހަފުތާއަކު ދެ ފަހަރުގެ މަގުންނެވެ، އެގޮތުން މިހާތަނަށް ހެދި 7،487 ޓެސްޓުގެ ތެރެއިން ފެނިފައިވަނީ ޕޮޒިޓިވް އެންމެ 14 ކޭހެވެ.

އެގޮތުން މިދިޔަ ހަފުތާ ސާމްޕަލް ނެގި 1195 ކުޅުންތެރިންނާއި، އޮފިޝަލުންގެ ހުރިހާ ނަތީޖާއެއްވެސް ވައިރަހަށް ނެގެޓިވް ވެފައިވާއިރު މި ހަފުތާ ނެގި ސާމްޕަލްތަކުގެ ތެރެއިން އަނެއްކާވެސް އެކަކު ޕޮޒިޓިވްވެފައިވާ ކަމަށް ޕްރިމިއާ ލީގުން ވަނީ ބުނެފަ އެވެ.

އެކަމަކު ޕޮޒިޓިވްވީ ކޮން ކުލަބެއްގެ ކާކުކަމެއް ޕްރިމިއާ ލީގުން ހާމަކޮށްފައެއް ނުވެ އެވެ. ޕްރިމިއާ ލީގުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި ޕޮޒިޓިވްވާ މީހުން ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރުމަށް ކުލަބާއި ދުރުގައި ދުވަސްތައް ހޭދަކުރި ނަމަވެސް ބާކީ ތިބި މީހުންނަށް އެމީހެއްގެ މަސްއޫލިއްޔަތު އަދާ ކުރެވޭނެ އެވެ.

މާޗު މަހުގެ އަށްވަނަ ދުވަހު ޕްރިމިއާ ލީގު ކުޅުން ހުއްޓާލިއިރު، ލީގުގައި ވާދަކުރާ 20 ޓީމުގެ ތެރެއިން 16 ޓީމަކަށް ބާކީ އޮތީ ނުވަ މެޗެވެ. ދެން އޮތް ހަތަރު ޓީމަށް 10 މެޗު އެބައޮތެވެ.

ލީގުގެ އެއް ވަނައިގައި ލިވަޕޫލް 25 ޕޮއިންޓުގެ ލީޑަކާ އެކު އޮތްއިރު، 30 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ލީގުގެ ތަށި އުފުލާލަން އެ ޓީމަށް ބޭނުންވަނީ ދެ މޮޅެވެ. އެކަމަކު ލީގު ފުރަތަމަ ފަށާއިރު ސިޓީ އަތުން އާސެނަލް މޮޅުވެ، ލިވަޕޫލް ކުޅޭ މެޗުން އެ ޓީމު އެވަޓަން ބަލިކޮށްފިނަމަ ލީގު ޗެމްޕިއަން ޔަގީންވާނެ އެވެ.

ޕްރިމިއާ ލީގުގެ ޗީފް އެގްޒެކެޓިވް ރިޗަޑް މާސްޓަސް ދާދި ފަހުން ވިދާޅުވެފައިވާ ގޮތުގައި ޖޫން 17 ގައި އަލުން ފަށަން އެއްބަސްވި ނަމަވެސް ސަލާމަތީ ކަންކަން ފުރިހަމަނުވާ ނަމަ މި ދުވަސް ކަށަވަރެއް ނުކުރެވޭނެ ކަމަށެވެ. ސަބަބަކީ އޭނާ ވިދާޅުވި ގޮތުގައި އެންމެ އިސްކަންދޭނެ ކަމަކީ ހުރިހާ ބައިވެރިންނާއި ސަޕޯޓަރުންގެ ސިއްހަތު ކަމަށްވާތީ އެވެ.

comment ކޮމެންޓް