އީރާނާ ދެކޮޅަށް ގަރާރެއް ފާސްކުރަން އެމެރިކާ ކުރާ މަސައްކަތަށް ރަޝިއާ އާއި ޗައިނާ ހުރަސްއަޅަނީ

އދ. ގެ ސަލާމަތީ މަޖިލިސް

ނިޔުޔޯކް (10 ޖޫން 2020): އީރާނަށް ހަތިޔާރު ވިއްކުން މަނާކުރުމާބެހޭ އައު ގަރާރެއް ފާސްކުރަން ސަލާމަތީ މަޖިލީހުން ކުރާ މަސައްކަތްތަކަށް ހުރަސްއަޅާނެކަން ޗައިނާއާއި ރަޝިއާ ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެދެގައުމުގެ ޚާރިޖީ ވަޒީރުން ވަކިވަކިން އދ. ގެ ސަލާމަތީ މަޖިލީހަށް ފޮނުއްވި ސިޓީތަކުގައެވެ. ރަޝިޔާގެ ޚާރިޖީވަޒީރު ސަރްގޭ ލަވްރޯވް އާއި ޗައިނާގެ ޚާރިޖީވަޒީރު ވާންގް ޔީ ވަނީ ސަލާމަތީ މަޖިލިހަށާއި އދ. ގެ ސެކްރެޓަރީ ޖެނެރަލް އަށް ފޮނުއްވި ސިޓީތަކުގައި ވިދާޅުވެފައިވަނީ އީރާނަށް ހަތިޔާރު ވިއްކުން މަނާކުރުމާބެހޭ ގަރާރު އައުކުރުމަށް އެމެރިކާ ކުރާ މަސައްކަތާ އެދެގައުމު ދެކޮޅު ކަމަށާ އެކަމަށް ހުރަސްއެޅުމަށް ކުރަންޖެހޭ ކަންކަން ކުރާނެކަމުގައެވެ.

އީރާނަށް ހަތިޔާރު ވިއްކުން މަނާކުރުމަށް އެމެރިކާ އިސްނަގައިގެން އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރުގެ މުއްދަތު ހަމަވަނީ އަންނަ އޮކްޓޯބަރު މަހުގެ 18 ގައެވެ. 2015 ގައި އީރާނުން ދުނިޔޭގެ ބޮޑު 5 ބާރާ އަދި ޖަރުމަނާއެކު ސޮއިކުރި ނިއުކްލިޔާ އެގްރިމެންޓްގައި އެ ގައުމުތަކުން ވަނީ އީރާނަށް ހަތިޔާރު ވިއްކުން މަނާކުރުމާބެހޭ ގަރާރުގެ މުއްދަތު ހަމަވުމުން އެމުއްދަތު އަލުން އިތުރު ނުކުރުމަށް އެއްބަސްވެފައެވެ.

އެމެރިކާވަނީ އެކަހެރި ގޮތެއްގައި 2018 ވަނަ އަހަރު އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުން ވަކިވެފައެވެ. ނަމަވެސް އެކަހެރިގޮތެއްގައި އެމެރިކާ މިހާރު މަސައްކަތް ކުރަނީ އީރާނަށް ހަތިޔާރު ވިއްކުން މަނާކުރުމުގެ އައު ގަރާރެއް ފާސްކޮށްގެން އެ މުއްދަތު އަލުން އިތުރުކުރުމަށެވެ. މިކަމާބެހޭ ގަރާރެއް ގެ ދެލިކޮޕީ ތައްޔާރުކޮށް އދ. ގައި ހުންނަވާ އެމެރިކާގެ މަންދޫބުވަނީ އެ ދެލިކޮޕީ ސަލާމަތީ މަޖިލީހުގެ މެންބަރުންނަށް ފޮނުއްވާފައެވެ.

މިގަރާރު ފާސްކުރެވޭނީ ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ 5 ގައުމުގެ ތެރެއިން ގައުމަކުން ވީޓޯ ނުކޮށްފިނަމައެވެ. ޗައިނާއާއި ރަޝިއާއިން އެ ގަރާރާ ދެކޮޅަށް ވިޓޯކޮށްފާނެކަމުގެ ބިރު އެމެރިކާ އިޙްސާސް ކުރެއެވެ. މިކަމާގުޅޭގޮތުން އެމެރިކާގެ މަންދޫބު ކެލީ ކްރާފްޓްވަނީ ޗައިނާއާއި ރަޝިއާއިން އެ ގަރާރާ ދެކޮޅަށް ވިޓޯކޮށްފިނަމަ އީރާނާދެކޮޅަށް އިގްތިސާދީގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ އެހެން ގަރާރެއް ސަލާމަތީ މަޖިލީހަށް ހުޅަހަޅުއްވާނެކަމުގެ އިންޒާރު ދެއްވާފައެވެ.

އެފަދަ ގަރާރެއް ހުށަހެޅިނަމަވެސް އެގަރާރުވެސް ފާސްވާނީ ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ގައުމަކުން ވީޓޯ ނުކޮށްފިނަމައެވެ. ޗައިނާއާއި ރަޝިއާއަކީ ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ދެގައުމެވެ.

2015 ގައި އީރާނުން ސޮއިކުރި ނިއުކްލިޔާ އެއްބަސްވުމަށްފަހު ސަލާމަތީ މަޖިލީހުންވަނީ އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާފައެވެ. ނަމަވެސް 2018 ވަނަ އަހަރު އެ އެއްބަސްވުމުން އެމެރިކާ ވަކިވުމަށްފަހު އެމެރިކާ ވަނީ އެކަހެރިގޮތެއްގައި އެމެރިކާ އަމިއްލަގޮތުން އދ. ގެ ނިޒާމުން ބޭރުގައި އީރާނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

އީރާނަށް ހަތިޔާރު ވިއްކުން މަނާކުރުމާބެހޭ އައު ގަރާރެއް ފާސް ނުވެއްޖެނަމަ އަންނަ އޮކްޓޯބަރު 18 ގެ ފަހުން އީރާނަށް ހަތިޔާރު ވިއްކުމުގެ ފުރުސަތު ޗައިނާއާއި ރަޝިއާއަށް ތަނަވަސްވެގެން ދާނެއެވެ. އަދި އީރާނަށްވެސް އެހެންގައުތަކަށް ހަތިޔާރު ވިއްކުމުގެ ފުރުސަތު ލިބިގެންދާނެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް