ސްކޫލު އަޅަން ނެގި ދެ ވޮލީ ކޯޓުގެ ބަދަލުގައި އިތުރު ތިން ކޯޓް އަޅަނީ

ވޮލީ ކޯޓު އެޅުމަށް ދޫކޮށްފައިވާ ބިން ބަައްލަވާލެއްވުމަށް މިނިސްޓަރު މަހްލޫފް އެ ސަރަހައްދަށް ވަޑައިގެން --- ފޯޓޯ/ ޓްވިޓާ

ދަރުމަވަންތައިގެ އާ ސްކޫލު އެޅުމަށް އެލްޓީ އެންޑް ބްރަދަހޫޑް ފުޓްސަލް ދަނޑާއެކު އިންވެގެން އޮންނަ ދެ ވޮލީ ކޯޓުވެސް އެޑިއުކޭޝަން މިނިސްޓްރީން ނަގާފައިވާތީ އޭގެ ބަދަލުގައި މާލޭގެ އެހެން ސަރަހައްދެއްގައި އިތުރު ތިން ވޮލީ ކޯޓު އެޅުމަށް ނިންމައިފި އެވެ.

މާލެ ވިލާ ކޮލެޖް ދޮރު މަތީ އޮންނަ 369 ނަމްބަރު ކޮށީގައި އަޅާފައިވާ ފުޓްސަލް ދަނޑާއި ދެ ވޮލީ ކޯޓު ހުރިތަން ރޫޅާ ސާފު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީގެ އެދުމުގެ މަތިން ކޮންސްޓްރަކްޝަން ކުންފުންޏަކުން ވަނީ މިހާރު އެތަން ބަންދު ކޮށްފަ އެވެ. އެއާ އެކު އެ ތަން މީގެ ކުރިން ބޭނުން ކުރަމުން އައި ޒުވާނުންގެ ކަންބޮޑުވުންތައް ވަނީ ފާޅުކޮށްފަ އެވެ.

މީގެ ކުރިން "ސަން" އަށް މައުލޫމާތު ދެމުން އެތަނުގައި އަޅާފައިވާ ފުޓްސަލް ދަނޑާ ހަވާލުވެގެން ހުރި ބްރަދަހުޑް ސްޕޯޓްސްގެ މެނޭޖަރު މުހައްމަދު ޖަޒްލާން ވިދާޅުވީ އެ ދަނޑަކީ ކުރީ ސަރުކާރުން 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން އެންގްރީމެންޓް އެއް ހެދުމަށްފަހު ދީފައިވާ ދަނޑެއް ކަމަށެވެ.

https://sun.mv/137787

އަދި އެއާ އެކު މިހާރު އެތާ އަޅައިފާވާ ޓާފް ދަނޑަކީ ބްރަދަހޫޑްއާއި އެލްޓީ ގުޅިގެން އަމިއްލައައް ހަރަދު ކޮށްގެން އަޅާފާވާ ފެންވަރު ރަނގަޅު ފުޓްސަލް ދަނޑެއް ކަމަށާއި، މާލޭގައި ފުޓްސަލް ކުޅޭ ގިނަބަޔަކު ކޮރޯނާ ވައިރަހުގެ ސަބަބުން ދަނޑު ބަންދު ކުރަންދެން އެ ދަނޑު އައީ ބޭނުން ކުރަމުން އައި ކަމަށެވެ.

އެކަމަކު އެއްބަސްވުމަށް އިހުތިރާމް ނުކޮށް އެ ދެ ކުލަބަށް ވެސް އެންގުމެއް ނެތި ކުއްލިއަކަށް އައިސް ދަނޑު އަތުލުމަކީ ވަރަށް ތާކުން ތާކު ނުޖެހޭ އަމަލެއް ކަމަށް ޖަޒްލާން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ޔޫތް މިނިސްޓްރީގެ ބަހެއް ހޯދުމަށް "ސަން" އިން ސުވާލު ކުރުމުން އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެކަމަކީ އެ މިނިސްޓްރީގެ ދަށުން ބަލަމުންދާ ކަމެއް ނޫން ކަމަށެވެ.

ނަމަވެސް އެތާނގައި އަޅާފައިވާ ދެ ވޮލީ ކޯޓުގެ ބަދަލުގައި މާލޭގައި މިހާރު ހޭންޑްބޯޅަ ކުޅެމުންދާ ދަނޑާއި އިންވެގެން އޮތް ހުސްބިމުގައި އިތުރު ތިން ވޮލީ ކޯޓު އެޅުމަށް އެ މިނިސްޓްރީން ނިންމާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އަދި މިވަގުތު އެ ބިމުގައި އަޅަމުންދަނީ ވަގުތީ ތިން ކޯޓު ކަމަށާއި، އެ ބިމަކީ ވޮލީއަށް ދޫކޮށްފައިވާ ބިމެއް ކަމުން ކުރިއަށް އޮތްތާ އެންމެ ފެންވަރު ރަނގަޅު ވޮލީ ކޯޓުތަކެއް އެބިމުގައި އަޅާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް މިއަދު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް