ސުވިޑަންގެ ކުރީގެ ބޮޑުވަޒީރު އަވަހާރަކޮށްލި މައްސަލައިގެ ތަހުގީގު ނިންމާލައިފި

ސްވިޑަންގެ ކުރީގެ ބޮޑުވަޒީރު އޯލޮފް ޕާމާ އަވަހާރަކޮށްލި ކަމަށް ބެލެވޭ މީހާގެ މައުލޫމާތު ވަނީ އާއްމުކޮށްފަ -- ފޮޓޯ: ގެޓީ

ސްޓޮކްހޯމް (ޖޫން 10): ސްވިޑަންގެ ކުރީގެ ބޮޑުވަޒީރު އޯލޮފް ޕާމް 1986 ވަނަ އަހަރު އަވަހާރަކޮށްލި ކަމަށް ބެލެވޭ މީހާގެ މައުލޫމާތު ހާމަކޮށް، އެގައުމުން އެ ތަހުގީގު ނިންމާލައިފި އެވެ.

އެ މައްސަލަ ބެއްލެވި ޗީފް ޕްރޮސެކިއުޓަރު ކްރިސްޓާ ޕެޓާސަން ވިދާޅުވި ގޮތުގައި ތަހުގީގުން ދެއްކި ގޮތުގައި ޕާމް އަވަހާރަކޮށްލި ކަމަށް ބެލެވެނީ ސްޓިގް އެންގްސްޓްރޮމް ކިޔާ މީހެކެވެ. ނަމަވެސް 2000 ވަނަ އަހަރު އޭނާ ވަނީ އަމިއްލައަށް މަރުވެފައި ކަމުން، އެ މައްސަލައިގެ ތަހުގީގު މިހާރު ވަނީ ނިންމާލާފަ އެވެ.

އަށާވީސް ފެބްރުއަރީ 1986ގައި ޕާމް އަވަހާރަކޮށްލީ އޭނާގެ އަނބިކަނބަލުންް ލިޒްބެތު އާއި ދަރިކަލުންނާ އެއްކޮށް ސްޓޮކްހޯމްގެ ސިނަމާއަކަށް ވަޑައިގަތުމަށް ފަހު ފައިމަގުން ގެކޮޅަށް ވަޑައިގެންނެވި މަގުމަތީގަ އެވެ. އެދުވަހު އޭނާ ސިނަމާއަށް ވަޑައިގެންނެވީ ބޮޑީގާޑުންނާ ނުލައި އެވެ. އަދި އެ އާއިލާގެ މެމްބަރުންގެ ފަހަތުން މީހަކު ގޮސް، ޕާމްގެ ގަޔަށް ބަޑި ޖެހުމުން އޭނާ ވަގުތުން އަވަހާރަވި އެވެ.

އެންގްސްޓްރޮމް އަކީ އެ ހާދިސާ ހިނގި މަގާ ކައިރީގައި ހުރި ސްކަންޑިއާ އިންޝޫރެންސް ކުންފުނީގެ މުވައްޒަފެކެވެ. އަދި ޕާމް އަވަހާރަކޮށްލި ދުވަހު އޭނާ ވަރަށް ލަސްވަންދެން އެ އޮފީހުގައި މަސައްކަތް ކުރި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

މީގެ އިތުރުން ޕާމް އަވަހާރަކޮށްލި މަންޒަރު ދުށް 20 ވަރަކަށް މީހުންގެ ތެރޭގައި އެންގްސްޓްރޮމް ވެސް ހިމެނުނެވެ. އަދި އޭނާ ޕާމް ސަލާމަތް ކުރަން އުޅުނު ކަމަށާއި ލިޒްބެތު އާއި ފުލުހުންނާ ވާހަކަ ދެއްކި ކަމަށް ބުނެ އޭނާ މީޑިއާއަށް މައުލޫމާތު ދިނެވެ.

އެ މައްސަލައިގައި ފުރަތަމަ ސްވިޑަންގެ ފުލުހުން އެންގްސްޓްރޮމްގެ މައްޗަށް ތުހުމަތުތަކެއް ކުރި ނަމަވެސް ފަހުން އޭނާއަކީ އެ ތަހުގީގަށް މުހިއްމު މީހެއް ނޫން ކަމަށް ނިންމި އެވެ. އަދި 1989ގައި ލިޒްބެތުގެ ހެކި ބަހަށް ބިނާކޮށް ކްރިސްޓާ ޕެޓާސަން ކިޔާ މީހަކު ޖަލަށްލި އެވެ. ނަމަވެސް ޕާމްއަށް ހަމަލާ ދޭން ބޭނުން ކުރި ބަޑި ނުފެނުމުންނާއި ޕެޓާސަން އެ ހަމަލާ ދިން ސަބަބެއް ނުހޯދުމުން އޭނާ ޖަލުން ދޫކޮށްލި އެވެ. އޭގެ ފަހުން 2004ގައި ޕެޓާސަން ވަނީ މަރުވެފަ އެވެ.

ސްވިޑަންގެ ފުލުހުން ބުނި ގޮތުގައި އެންގްސްޓްރޮމް އަކީ ޕާމް ގެންގުޅުއްވި ވާތު ފިޔައިގެ ފިކުރުތަކަށް ނަފްރަތު ކުރި މީހެކެވެ. އަދި އޭނާ ބޮޑުވަޒީރު އަވަހާރަކޮށްލީ އޭގެ ސަބަބުން ކަމަށް ބެލެވެ އެވެ.

ސްވިޑަންގެ ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ލީޑަރުގެ ގޮތުގައި ހުންނަވައިގެން ޕާމް ދެ ދައުރެއްގައި ބޮޑުވަޒީރުކަން ކުރެއްވި އެވެ. އެއީ 1969އިން 1976އަށް އަދި 1982އިން ފެށިގެން އޭނާ އަވަހާރަކޮށްލަންދެނެވެ.

ޕާމްގެ އަވަހާރަކޮށްލުމާ ބެހޭ ގޮތުން މީގެ ކުރިން އެކި ވާހަކަތައް ދެކެވިފައިވެ އެވެ. އެގޮތުން އޭނާ އަވަހާރަކޮށްލުމުގައި ބޭރުގެ ފަރާތްތަކުގެ ބައިވެރިވުން އޮތް ކަމަށާއި އޭނާ އަވަހާރަކޮށްލީ ސްވިޑަންގެ ފުލުހުންގެ ތެރޭގައި ހިމެނޭ ކަނާތު ފިޔައިގެ ބަޔެއް ކަމަށް އެކި މީހުން ބުނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް