ހުޅުމީދޫ ބަހާއުއްދީން މަގުގައި ތާރުއަޅައި ނިންމައިފި

ބަހާއުއްދީން މަގު ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން -- ފޮޓޯ: އެމްޓީސީސީ

ސ. ހުޅުމީދޫ ބަހާއުއްދީނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެ މަގުގައި ތާރު އަޅައި ނިންމައިފި އެވެ.

އެމްޓީސީސީ އިން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން 2.2 ކިލޯ މީޓަރުގެ ސަރަހައްދެއްގައި 50 މިލިމީޓަރުގެ ބޯމިނުގައި ތާރު އަޅާފައިވެ އެވެ.

މި މަސައްކަތުގެ ދަށުން އެ މަގުގައި އިތުރަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މިހާރު ވަނީ ތައްޔާރުވެފަ އެވެ.

ބަހާއުއްދީން މަގު ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން އެ މަގުގައި ސްޓޯމް ވޯޓާ މެނޭޖުމެންޓު ސިސްޓަމެއް ގާއިމްކޮށް، ޕޭވްމެންޓު ހަދާނެއެވެ. ސްޕީޑް ބްރޭކަރު ހަރުކުރުމާއި ޒިބްރާ ކްރޮސިން ގާއިމްކޮށް ގަސް އިންދަން ހާއްސަ ސަރަހައްދުތައްވެސް ހަދާނެ އެވެ.

އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު ރަމްޒީ އަބޫބަކުރު މިއަދު "ސަން" އަށް ވިދާޅުވީ ބަހާއުއްދީން މަގު ތަރައްގީ ކުރުމުގެ މަސައްކަތުގެ 80 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

މި މަސައްކަތުގެ ދަށުން ޕޭވްމެންޓުގައި ގާ އެތުރުމުގެ މަސައްކަތް މިމަހުގެ ފަހުކޮޅު ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕޭވްމެންޓް ބްލޮކްސް ލިބުމުގައި ތާއްޓެއް އުޅުނު. އިންޑިއާ އިން މިތަކެތި ގެންނަނނީ. ލޮކްޑައުންގެ ސަބަބުން އެތަކެތި ގެނައުމުގައި ޑިލޭ އެއް އުޅުނު ނަމަވެސް މިމަހުގެ 20 ހިސާބުގައި ޝިޕްމެންޓް ލިބޭނެ،" ރަމްޒީ ވިދާޅުވި އެވެ.

މި މަސައްކަތަށް 42.5 މިލިއަން ރުފިޔާ ހަރަދު ކުރާނެއެވެ. މި ޕްރޮޖެކްޓު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗު 27 ގައެވެ. އެ ކުންފުނިން ބުނީ އޮގަސްޓުމަހުގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

comment ކޮމެންޓް