ބާރަށަށް އައުޓްޑޯރު ޖިމަކާއި، ކުޑަކުދިންގެ ޕާކެއް

ހުޅުމާލޭ ސެންޓްރަލް ޕާކުގައި އަޅާފައިވާ އައުޓްޑޯރ ޖިމް ---

ހއ. ބާރަށުގައި އައުޓްޑޯރ ޖިމަކާއި، ކުޑަކުދިންގެ ޕާކެއް އެޅުމުގެ އިތުރުން އެރަށު ޒުވާނުންނަށް ވިނަ ކޮށާ މެޝިނެއް ދިނުމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވައުދުވެ ވަޑައިގެންފި އެވެ.

މިނިސްޓަރު މަހްލޫފް ރޭ ވަނީ ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު އަބްދުﷲ އާއި އެ ރަށުގެ ޒުވާނުންނާ ބައްދަލުކޮށް އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ޙިޔާލުތައް އަޑުއައްސަވައިފަ އެވެ.

މި ބައްދަލުވުމުގައި ބާރަށަށް އައުޓްޑޯރ ޖިމަކާއި ކުޑަކުދިންގެ ޕާކެއްގެ އިތުރުން އެ ރަށުގެ ފުޓުބޯޅަ ދަނޑުގެ ވިނަގަނޑު އެއްވަރުކޮށް ކޮށުމަށް ބޭނުންކުރާ މެޝިނެއް މިނިސްޓްރީން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން މަހްލޫފް ވަނީ ދެއްވައިފަ އެވެ.

މުޖުތަމައު ބާރުވެރިކުރުމަށް މިނިސްޓްރީއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޖުމްލަ 50 ރަށެއްގައި ކުޑަކުދިންގެ ޕާކް ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށް މިނިސްޓްރީން މިދިޔަ މާރޗް މަހު ވަނީ ބުނެފަ އެވެ.

އެގޮތުން ބައެއް ރަށްރަށުގައި ޕާކް ގާއިމްކުރުމަށް ބޭނުންވާ ސާމާނު މާލެއަށް ގެނެވިފައިވާއިރު މިނިސްޓްރީއިން މިހާރު އެ ސާމާނުތައް ބައެއް ރަށްރަށުގެ ކައުންސިލްތަކަށް ދޫކޮށްފައިވާ ކަމަށްވެސް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ކުރިޔަށް އޮތްތާނގައި 63 ރަށަށް ކުޑަކުދިންގެ ޕާކް ހެދުމަށް ބޭނުންވާ ތަކެތި ދިނުމަށް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓްރީން ނިންމާފައިވާ ކަމަށް އެ މިނިސްޓްރީގެ އޮފިޝަލަކު ވަނީ ބުނެފަ އެވެ.

comment ކޮމެންޓް