ލޮކްޑައުން މުއްދަތުގައި ކްރިމިނަލް ކޯޓުން ނުވަ މައްސަލައެއް ނިންމައިފި

އޮކްޓޯބަރު 1، 2019: ދިވެހި ރާއްޖޭގެ ކްރިމިނަލް ކޯޓު ބޭރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އާ ގުޅިގެން، އޭޕްރީލް 15 ވަނަ ދުވަހު މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިިވާއިރު، އެ ދުވަހުން ފެށިގެން އިއްޔެ އާ ހަމައަށް 34 ޝަރީއަތެއް ބާއްވައި، ނުވަ މައްސަލައެއް ނިންމާފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިިވާ މުއްދަތުގައި، ކްރިމިނަލް ކޯޓުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސް ހިސާބު ވަނީ އާންމުކޮށްފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން، އެ މުއްދަތުގައި ބަންދާމެދު ގޮތެއް ނިންމަން 940 އަޑުއެހުމެއް ވަނީ ބާއްވައިިފަ އެވެ. އަދި ބަންދު އަމުރު މުރާޖައާ ކޮށްދިނުމަށް އެދި ހުށަހެޅި އަށް މައްސަލައެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މި މުއްދަތުގައި ތަހުގީގު ކުރާ އިދާރާތަކުން ނެރެފައިވާ އެދިގެން 97 އެހެނިހެން ކޯޓު އަމުރެއް ވެސް ކްރިމިނަލް ކޯޓުން ވަނީ ނެރެދީފަ.އެވެ.

އެ މުއްދަތުގައި 97 ފޯމަކުން، 115 މައްސަލައެއް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެ އެވެ. އެ 115 ގަޞިއްޔާ ވެސް ކޯޓުން ވަނީ ބަލައިގެންފަ އެވެ.

ލޮކްޑައުން މުއްދަތުގައި 34 ޝަރީއަތުގެ އަޑުއެހުމެއް ބާއްވައި، ނުވަ މައްސަލައެއްގައި ވަނީ ހުކުމް ކޮށްފަ އެވެ. އަދި 142 ގަޑިއިރާއި 35 މިނެޓުގެ ރެކޯޑިން ލިޔެ، ގަޞިއްޔާ ނިމުނުގޮތުގެ 10 ރިޕޯޓު ވެސް ވަނީ ދޫކޮށްފަ އެވެ.

ކްރިމިނަަލް ކޯޓުން ބުނީ ލޮކްޑައުން މުއްދަތުގައި 116 ކުށުގެ ރެކޯޑެއް ވެސް ސާފުކޮށްދީފައިވާ ކަމަށެވެ.

މާލެ ސިޓީ ރެޑް އެލާޓުގައި އޮތުމުގެ ސަބަބުން މީހުން ކޯޓަށް ހާޒިރުކުރުމުގެ ބަދަލުގައި، ބަންދާމެދު ގޮތް ނިންމުމުގެ މަޖިލިސްތަކާއި ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ތުހުމަތު ކުރެވޭ މީހާއާއި ދެފަރާތުގެ ވަކީލުންނާއި އަޑުއެހުމުގައި ބައިވެރިވާންޖެހޭ އެހެނިހެން މީހުން ވެސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތުގައި ބައިވެރިކޮށްގެންނެވެ.

މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ ޝަރީއަތް ކުރިއަށް ގެންދަނީ މާފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްގެންނެވެ. ކްރިމިނަލް ކޯޓުން ބުނީ ކޯޓަށް މީހުން ހާޒިރުނުކުރެވޭތީ މާލޭ ޖަލުގައި ތިބި މީހުންގެ މައްސަލަތައް ނުހިންގޭ ކަމަށެވެ.

ލޮކްޑައުންގައި ކްރިމިނަލް ކޯޓުން މަސައްކަތް ކުރަނީ ވީހާވެސް މަދު އަދަދެއްގެ މުވައްޒަފުން އޮފީހަށް ނެރެގެންނެވެ. މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތް ހަދާފައި ވާއިިރު، ޝަރީއަތް ހިންގުމަށް ކުރަންޖެހޭ އިދާރީ މަސައްކަތާއި، ކޯޓުގެ އެހެނިހެން އިދާރީ މަސައްކަތްތަކާއި ރެކޯޑިން ލިޔުމުގެ މަސައްކަތާއި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުތައް ހެދުމާއި، ކުށުގެ ރެކޯޑު ސާފުކޮށްދިނުމުގެ މަސައްކަތާއި ރެޖިސްޓްރޭޝަންނގެ މަސައްކަތް ކުރަނީ މުވައްޒަފުން ގޭގައި ތިބެގެން ކަމަށް ކޯޓުން ބުނެފައިވެއެވެ.

comment ކޮމެންޓް