އަންނަ ހަފްތާގައި ހަތަރު ދުވަހު ބެންކުތައް ހުޅުވާނެ

އެމްއެމްއޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ ހަފްތާގެ އާދިއްތަ ދުވަސް ފިޔަވާ ހަފްތާގެ ހަތަރު ދުވަހު އެމްއެމްއޭ އާއި ބޭންކުތަކުން ހިދުމަތް ދޭނެ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން ބުނެފިއެވެ.

އެމްއެމްއޭ އިން މިރޭ ބުނީ މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން އެމްއެމްއޭ އާއި ބޭންކުތައް ހުޅުވާފައި ހުންނާނީ ހޯމަ އިން ބުރާސްފައްޗަށް ހެނދުނު 9:30 އިން މެންދުރު ދޭކަށް ކަމަށެވެ.

އަދި ކޮލްޑައުން އާއި ގުޅިގެން އެމްއެމްއޭ އިން ކުރިން ދިން ވަކި ލާރި ދޫކުރުމުގެ ހިދުމަތް މެދުކަނޑާލާފައި އޮތުމަށްފަހު ލޮކްޑައުން އަށް ދިން ލުޔާއެކު އަލުން އެ ހިދުމަތްވެސް ފަށާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ. އެގޮތުން ވަކިލާރި ދޫކޮށް ބަލައިގަތުމުގެ ކަންތައް ކުރިއަށްދާނީ 16 ޖޫން އިން ފެށިގެން ކަމަށް ބުންޏެވެ.

ކޮންމެ ހަފްތާއެއްގެ އަންގާރަ އަދި ބުރާސްފަތި ދުވަހު ވަކިލާރި ދޫކުރުމާއި ބަލައިގަތުން ކުރިއަށްގެންދާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

އެ ބޭންކުން ބުނީ ހިދުމަތް ހޯދަން ދިޔުމުގެ ކުރިން ނަމާއި އައިޑީކާޑު ނަންބަރު އަދި އެޑްރެސް އާއިި ގުޅޭނެ ނަންބަރު އެ ބޭންކުގެ ނަންބަރު 7919292 އަށް އެސްއެމްއެސް ކުރަން އެދޭ ކަމަށެވެ. އަދި މި މައުލޫމާތު އެސްއެމްއެސް ނުވަތަ ވައިބާ މެދުވެރިކޮށް ފޮނުވުމުން ފުލުހުން ހޯދަންޖެހޭ ހުއްދަ ހޯދުމުގައި އެމްއެމްއޭ އިން އެހީތެރިވެދޭނެ ކަމަށްވެސް މަރުކަޒީ ބޭންކުން ބުންޏެވެ.

އަދި ހުއްދަ ލިބޭއިރު ހިދުމަތް ހޯދަން ދާނެ ދުވަސް އެމްއެމްއޭ އިން އަންގާނެ ކަމަށްވެސް ބުންޏެވެ.

އެމްއެމްއޭ އިން ވަނީ އެ އޮތޯރިޓީ އަށް ހިދުމަތް ހޯދަން ދާޢިރު މާސްކު އެޅުމަށް އިލްތިމާސް ކޮށްފައެވެ.

comment ކޮމެންޓް