މިއަހަރު އެއާލައިންތަކަށް 84 ބިލިއަން ޑޮލަރުގެ ގެއްލުން ވާނެ: އަޔާޓާ

އެމިރޭޓްސް ގެ ފްލައިޓެއް ވީއައިއޭގައި ---- ސަން ފޮޓޯ

މި އަހަރު އެއާލައިންތަކަށް 84 ބިލިއަން ޑޮލަރުގެ ގެއްލުން ވާނެ ކަމަށް އިންޓަނޭޝަނަލް އެއާޓްރާންސްޕޯޓު އެސޯސިއޭޝަން (އަޔާޓާ) އިން ބުނެފިއެވެ.

މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް19 ބަލިމަޑުކަމާއެކު އެއާލައިންތަކުގެ އޮޕަރޭޝަންތަކަށް ވަނީ މަޑުޖެހުމެއް އައިސްފައެވެ. ބަލި ކޮންޓްރޯލު ކުރުމަށް ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް ދަތުރުފަތުރު ހުއްޓިފައިވާއިރު އަޔާޓާ އިން ލަފާކުރާގޮތުގައި ބަލީގެ ދެވަނަ ރާޅެއް އައިސްދާނެ ކަމުގެ އަޑާއެކު އިންޑަސްޓްރީ އަށް އޮތް ބިރުވެރިކަން ވަނީ ބޮޑުވެފައެވެ.

އެ ޖަމްއިއްޔާ އިން ދނެރުނު ނޫސްބަޔާނެއްގައި ބުނީ މި ހިނގާ 2020 ވަނަ އަހަރަކީ މިހާތަނަށް އޭވިއޭޝަން ދާއިރާ އަށް އެންމެ ބޮޑު ގެއްލުމާ ކުރިމަތިލާން ޖެހޭނެ އަހަރު ކަމަށެވެ.

"މާލީގޮތުން 2020 ވަނަ އަހަރަކީ މި ދާއިރާ އަށް އެންމެ ބޮޑު ގެއްލުން ލިބޭނެ އަހަރު. އަހަރުގެ ކޮންމެ ދުަވަހަކު އެވްރެޖުކޮށް 230 މިލިއަން ޑޮލަރުގެ ގެއްލުން ވަމުން ދޭ. އޭގެ މާނައަކީ މިއަހަރު ކުރިން ލަފާކޮށްފައިވާގޮތަށްނަމަ، 2.2 ބިލިއަން ފަސިންޖަރުންނަށްބަލާ، ކޮންމެ ފަސެންޖަރަކަށް އެވްރެޖުކޮށް 37.54 ޑޮލަރުގެ ގެއްލުމެއް،" އެ ޖަމްއިއްޔާގެ ބަޔާނުގައި ބުނެފައި ވެއެވެ.

ބަލީގެ ދެވަނަ ރާޅެއް ނައި ނަމަވެސް ވައިގެ ދަތުރުފަތުރުގެ ދާއިރާ އަށް މި އަހަރަކީ ފަޅު އަހަރަކަށް ވާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ޖަމްއިއްޔާ އިން ލަފާކޮށްފައިވާ ގޮތުން އުތުރ އެމެރިކާ ސަރަހައްދުގެ އެއާލައިންތަކަށް 23 ބިލިއަން ޑޮލަރުގެ ގެއްލުންވާނެއެވެ. ޔޫރަޕުގެ އެއާލައިންތަކަށް 21 ބިލިއަން ޑޮލަރުގެ ގެއްލުން ވާނެ ކަމަށް ލަފާކޮށްފައި ވާއިރު، އޭޝިއާ ޕެސިފިކް ގައިމިތަކުގެ އެއާލައިންތަކަށް 29 ބިލިއަން ޑޮލަރުގެ ގެއްލުން ވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި މެދުއިރުމަތީގެ އެއާލައިންތަކާއި ލެޓިން އެމެރިކާގެ އެއާލައިންތަކަށްް ހަތަރު ބިލިއަން ޑޮލަރުގެ ގެއްލުން ވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެފްރިކާގެ އެއާލައިންތަކަށް ދެ ބިލިއަން ޑޮލަރުގެ ގެއްލުން ވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ސަލާމަތީ ގޮތުން ގިނަ ފިޔަވާޅުތަކެއް އަޅައިގެން ފަސިންޖަރުން ދަތުރު ކުރުމަށް އައިކާއޯ އިން ގައިޑްލައިނެއް އެކުލަވާލާފައިވާއިރު މިއީ އަހަރުގެ ތެރޭގައި އޭވިއޭޝަން ދާއިރާ އަށް އަލުން ކުޑަނަމަވެސް ދިރުމެއް އަންނާނެ ކަމެއްކަން ފާހަގަކޮށްފައިވެއެވެ. އެ ބަޔާނުގައި ބުނީ ދުނިޔޭގެ ޖީޑީޕީގެ 10 ޕަސެންޓަކީ ޓޫރިޒަމް ކަމަށާއި ގައުމުތަކުގެ އިގްތިސޯދު އަލުން ފެށުމަށް ޓޫރިޒަމް މުހިއްމު ވާއިރު، ފަތުރުވެރިން ސަލާމަތްތެރިކަމާއެކު އެތަނުން އަނެއްތަނަށް ގެންދިޔުމުގައި އެއާލައިން ތަކުގެ ރޯލު މުހިއްމު ކަން އަޔާޓާ އިން ފާހަގަ ކުރެއެވެ.

މިއަހަރުގެ އޭޕްރީލް މަހާއި ހަމައަށް ބަލާއިރު، އޭވިއޭޝަން ދާއިރާގެ ދަތުރުތަކުގެ 95 ޕަސެންޓް އޮތީ ހުއްޓިފައެވެ. މި އަހަރުގެ ބާކީ އތްތަނުގައިވެސް ދަތުރު ކުރާ މީހުންގެ އަދަދު މަދުވާނެ ކަމަށާއި ލަފާކުރެވޭގޮތުގައި މިއަހަރުގެ ކުރިއަށް އޮތްް ދުވަސްތަކުގައި ވައިގެ ދަތުރުފަތުރުގެ ފަސިންޖަރުންގެ އަދަދު ހުންނާނީ 2006 ވަނަ އަހަރު އެ އަދަދު ހުރި މިންވަރުގައި ކަމަށް އަޔާޓާ އިން ބުންޏެވެ.

ދަތުރުކުރާ މީހުންގެ އަދަދު މަދުވާނެތީ ފަސިންޖަރުންގެ އަދަދު ގިނަ ކުރުމަށް އެއާލައިންތަކުން އަގުހެޔިކޮށް ޓިކެޓު ވިއްކާނެ ކަމަށައި އެއާލައިންތަކުގެ އާމްދަނީ އިން 241 ބިލިއަން ޑޮލަރު ގެއްލުންވާނެ ކަމަށް އެ ޖަމްއިއްޔާ އިން ލަފާ ކުރެއެވެ.

ޑިމާންޑު ނެތްނަމަވެސް، ހަރަދު ދަށް ނުވާކަން ފާހަގަކޮށް އަޔާޓާ އިން ބުނީ އެއާލައިންތަކުގެ ހަރަދު 517 ބިލިއަނުގައި ހުންނާނެ ކަމަށެވެ. ނަމަވެސް މިހާރު ޖެޓް ފިއުލްގެ އަގު ދަށްވެފައިވާކަން އެ ޖަމްއިއްޔާ އިން ފާހަގަ ކުރެއެވެ.

ފަސިންޖާ ފްލައިޓުތައް ހުއްޓިފައި އޮތްނަމަވެސް ކާގޯ ފްލައިޓުތަކުގެ އަދަދު އިތުރުވަމުންދާ ކަމަށާއި، މިދިޔަ އަހަރާ އަޅާބަލާއިރު ކާގޯ ފްލައިޓުތަކުން ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ލަފާކުރާ ކަމަށް އަޔާޓާ އިން ނެރުނު ބަޔާނުގައިވެއެވެ.

އެގޮތުން މި އަދަދު 30 ޕަސެންޓު އިތުރު ވާނެ ކަމަށާއި، ކާގޯ ރެވެނިއުގެ ގޮތުގައި 110.8 ބިލިއަން ޑޮލަރު އެއާލައިންތަކަށް ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އެ ޖަމްއިއްޔާ އިން ލަފާކުރާގޮތުގައި އަންނަ އަަހރު އެއާލައިން އިންދަސްޓްރީ މަޑުމަޑުން ކޮޅަން ޖެހެން ފަށާނެއެވެ. ބޯޑަރުތައް ހުޅުވި ދަތުުރު ފަތުރަށް އޮންނަ ޑިމާންޑު އިތުރުވުމުގެ ސަބަބުން އެއާލައިންތަކަށް ލިބޭ ގެއްލުމުން 15.8 ބިލިއަން ޑޮލަރު މަދު ކުރެވޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އަންނަ އަހަރު 3.38 ބިލިއަން ޕަސިންޖަރުން ދަތުުރުކުރާނެ ކަމަށް ލަފާކޮށްފައިވާއިރު މިއީ2014 ވަނަ އަހަރާ އެއްވަރުގެ އަދަދެކެވެ. މިދިޔަ 2019 ވަނަ އަހަރު އެއާ ޓްރެވަލް ފަސިންޖަރުންގެ އަދަދު ހުރީ4.54 ބިލިއަަނުގައެވެ.

ކޮވިޑް19 ކޮންޓްރޯލު ކުރެވިފައިވާ ބައެއް ގައުމުތަކުގެ އެތެރޭގެ އުދުހުންތައް މިހާރު ފަށާފައިވާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ބައިނަލްއަގުވާމީ ދަތުރުތަކަށްވެސް އެއާލައިންތަކުން ދަނީ ތައްޔާރުވަމުންނެވެ. ބޮޑެތި ބައެއް އެއާލައިންތަކުން މިހާރުވެސް ވަނީ އެމީހުންގެ ފްލައިޓް ޝެޑިއުލް އާންމުކޮށްފައެވެ. އަދ ހާއްސަ ދަތުރުތަކުގެ ގޮތުގައި ބޮޑެތި ސިޓީތަކަށް ދަތުރުތައްވެސް ދަނީ ބާއްވަމުންނެވެ.

https://sun.mv/134591

comment ކޮމެންޓް