ފުރަބަންދުގައި 120 ސައިޓެއްގައި އިމާރާތްކުރަން ހުއްދަދީފި

މާލެ ސިޓީގައި އިމާރާތް ކުރުމުގެ މަސައްކަތުގައި ބިދޭސީއަކު --- ސަންފޮޓޯ// އަލީ ނަސީރު

މާލޭ ސިޓީ ފުރަބަންދަށް ގެންދިޔުމަށްފަހު މިހާތަނަށް 120 ސައިޓެއްގައި އިމާރާތްކުރުމުގެ މަސައްކަތްކުރުމަށްޓަކައި ހުއްދަ ދީފައިވާ މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފައިވަނީ ފުރަބަންދުގެ ހާލަތުގައި، އިމާރާތްކުރުމަށްޓަކައި އެ ކައުންސިލަށް އިމާރާތްކުރުމުގެ ހުއްދައަށް އެދިފައިވަނީ 144 ސައިޓެއްގައި މަސައްކަތް ކުރުމަށްކަމަށެވެ.

ހުއްދައަށް އެދިފައިވަނީ 68 ކުންފުނީން ކަމަށާއި ހުއްދަ ދެވިފައި ނުވަނީ 24 ސައިޓެއްގައި މަސައްކަތް ކުރުމަށް ކަމަށް މާލޭ ސިޓީ ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން ބުނެފައިވަނީ އެ ސައިޓުތަކުގައި މަސައްކަތްކުރުމުގެ ހުއްދަ މިހާތަނަށް ދެވިފައި ނުވަނީ އެކަމަށް ބޭނުންވާ މައުލޫމާތުތައް ފުރިހަމަ ވެފައި ނުވާތީ ކަމަށެވެ. އަދި އެ މައުލޫމާތު ފުރިހަމަކުރުމަށް މިހާރު އަންގާފައިވާނެ ކަމަށް ކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލުން އިތުރަށް ބުނެފައިވަނީ ފުރިހަމަ ކުރަން ޖެހޭ މައުލޫމާތު ފުރިހަމަ ކުރުމުން އެ ފަރާތްތަކަށް ހުއްދަ ދިނުމަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން ދޫކުރާ އިމާރާތްކުރުމުގެ ހުއްދަ މިހާލަތުގައި ދޫކުރާނީ މަސައްކަތްކުރާ ކުންފުނި މާލެ ސިޓީ ކައުންސިލުގެ ވެބްސައިޓުގައި އެކަމަށް ހާއްސަކޮށް ހިމަނާފައިވާ ޕޯޓަލްގައި ރެޖިސްޓްރީކުރުމުންނެވެ.

comment ކޮމެންޓް