ކޮވިޑް ޓެސްޓަށް ނަގާ އަގަކީ ހަރަދަށް ބަލާއިރު ކުޑަ އަގެއް: އައްފާލް

އޭޑީކޭ ހޮސްޕިޓަލު މެނޭޖާރު އަފްއާލް --

އޭޑީކޭ ހޮސްޕިޓަލުން ކޮވިޑް ޕީސީއާރު ޓެސްޓަށް ނަގާ އަކީ، އެ ޓެސްޓް ކުރުމަށް ހިނގާ ހަރަދަށް ބަލާއިރު، ނިސްބަތުން ކުޑަ އަގެއް ކަމަށް އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލު ވިދާޅުވެއްޖެ އެވެ.

އޭޑީކޭ ހިސްޕިޓަލުން ކޮވިޑް ޕީސީއާރު ޓެސްޓަކަށް ނަގަމުން ދަނީ 675 ރުފިޔާއެވެ. އެ އަގަކީ ބޮޑު އަގެއް ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދެ އެވެ.

ރޭ ދަރުބާރުގޭ، އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަައްފާލު ވިދާޅުވީ، އެ ހޮސްޕިޓަލުގެ މަގްސަދަކީ، މިދަނޑިވަޅުގެ ބޭނުންކޮށްގެން މާ ބައިވަރު ފާއިސާތަކެއް ހޯދުން ނޫން ކަމަށާއި މުވައްޒަފުންނާއި ބަލި މީހުންގެ ރައްކާތެރިކަމަށްޓަކައި ވެސް މުސްތަގުބަލަށް ވިސްނާލާއިރު، އެ ޓެސްޓު ހޮސްޕިޓަލުން ހެދުމަކީ މުހިންމު ކަމެއް ކަމަށެވެ.

"މިވަގުތު ޕީސީއާރު ކޮވިޑް ޓެސްޓެއް ހަދައިދޭ އަގު އޮތީ އެންމެ އަގެއް. އެއީ އޭޑީކޭ ހޮސްޕިޓަލުގެ އަގު. އަޅުގަނޑަށް ޔަގީންކަމާއެކު ދަންނަވަން ކެރިދާނެ އެއީ މިވަގުތު ރާއްޖޭގައި ކޮވިޑް ޓެސްޓެއް ހަދައިދޭ އެންމެ ހެޔޮ އަގު،" އޭޑީކޭ އިން ކޮވިޑަށް ނަގާ ޓެސްޓަކީ ބޮޑު އަގެއް ކަމަށް ގަބޫލު ކުރައްވަންތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން އަފްއާލް ވިދާޅުވި އެވެ.

ޕީސީއާރު ޓެސްޓް ހެދުމަށް މެޝީނެއް ގެނައުމަކުން ހަމައެކަނި ނުނިމޭ ކަމަށާއި އެއާއެކު ވަރަށް ގިނަ މަރުހަލާތައް ހިމެނޭ ކަމަށެވެ. އެގޮތުން އެ ޓެސްޓް ހެދުމަށް ވަކި ހާއްސަ ލެބަކާއި ލެބޯޓަރީ ޓެކްނީޝަނުން ލާން ޖެހޭނީ ވަކި ހެދުމެއް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

"ލެބެއްގެ ތެރޭ އާ ލެބެއް ގައިމު ކުރަން ޖެހެނީ. ޕީސީއާރު މެޝިނެއް ހޯދުމަށް އަޅުގަނޑުމެން އޮޑަރު ކޮށްފިން ފެބްރުއަރީގައި. ދުނިޔޭގެ މީގެ ޑީމާންޑް އޮތް ވަރުން މެޝިން ލިބުމުގެ ދަތިކަމާހުރެ އަޅުގަނޑުމެންނާ ހިސާބަށް މެޝިން އައީ މެއި މަހު. ވަރަށް ބޮޑު މަރުހަލާއެއްގެ ތެރޭ މިކަން މިކުރަނީ. ދެ މިއިން ޓެސްޓެއް ހަދާއިރު، މިތަނުގައިވެސް ފާހަގަކޮށްފައި ހުންނާނެ ކޮންމެ ޓެސްޓެއް ހެދުމަށް މަދުވެގެން ތިން މުވައްޒަފުން ބޭނުންވޭ. ކޮންމެ މުވައްޒަފަކު ފުލް ޕީޕީއީގައި. ޕީޕީއީ ކިޓެއްގެ އަގު މަބްރޫކު ވިދާޅުވި 1،000 ރުފިޔާ ޖެހޭ ކަމަށް،" އައްފާލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިހާރު ދީފައިވާ އަގަކީ، އެގޭ އަސްލު ޔުނިޓް އަގަށް ވުރެ ވެސް ކުޑަ އަގެއް ކަމަށެވެ. އަދި އެހާ ކުޑަ އަގެއްގައި ޓެސްޓް ހަދަނީ، މިފަދަ ހާލަތެއްގައި ސަރުކާރާ ގުޅިގެން މިކަމުގައި ރަނގަޅު ހިދުމަތެއް ދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަގަށް ވިސްނާލާއިފިނަމަ ދެން ހުރި ހުރިހާ އެއްޗެއް، އެކްސްޓްރެކްޝަނަށް ބޭނުން ކުރާ އެއްޗެހި، ރީއެޖެންޓް، ޕްލާސްޓިކްވެއާ، ޓެސްޓް ކިޓް، މިހެން ގޮސް މިހުރިހާ އެއްޗެއް އެއްވެގެން ޔުނިޓް ކޮސްޓެއް ހަދާލައިފިނަމަ، ހަގީގަތުގައި އަޅުގަނޑުމެން ދޭ އަގަކީ، އަސްލު މީގެ ޔުނިޓް ކޮސްޓަށް ވުރެ ކުޑަ އަގެއް. މި ކޮސްޓްގައި މިކަން ކޮށްދޭ އެންމެ ބޮޑު ސަބަބަކީވެސް އަޅުގަނޑުމެންގެ ވަރަށް ބޮޑު ޒިންމާއަކަށްވީ، މިފަދަ ހާލަތެއްގައި އެންމެ ރަނގަޅަށް ކޮންޓްރިބިއުޓް ކުރެވި، ދައުލަތުން ކަނޑައަޅާފައިވާ ނިޒާމްގެ ތެރެއިން އެބޭފުޅުންނަށް ބައުވެރިވެގެން އެންމެ ރަނގަޅު، ހިދުމަތެއް އެންމެ ފުޅާ ދާއިރާއެއްގައި ދެވޭނީ ކިހިނެއްތޯ ބެލުން،" އައްފާލް ވިދާޅުވި އެވެ.

ރޭ ނޫސްވެރިންގެ ބައްދަލުވުމުގައި އޭޑީކޭ އިން ޓެސްޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ގޮތް ވެސް އައްފާލް ހާމަ ކުރެއްވި އެވެ. އެގޮތުން އަފްއާލް ވިދާޅުވީ، މިހާރު ޓެސްޓް ހަދަމުން ދަނީ، އެޗްޕީއޭގެ ސަވަޔަލެންސްތެރެއިން ނަގާ ސާމްޕަލްތަކާއި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ޓެސްޓް ހަދަން ޖެހިއްޖެ ހާލަތެއްގަައި އެފަދަ މީހުން ކަމަށް އަފްއާލް ވިދާޅުވި އެވެ. އޭގެ އިތުރުން ސަރުކާރުން ހުއްދަ ދޭ ފަރާތްތަކަށް ކަމަށް އަފްއާލް ވިދާޅުވި އެވެ.

އޭޑީކޭ ހޮސްޕިޓަލް ތިން ބާވަތެއްގެ ޓެސްޓު ހަދަ އެވެ. އެއީ ކޮވިޑް-19 ޖެހިފައިވާކަން ކަށަވަރުކުރުމަށް ހަދާ ޕީސީއާރު ޓެސްޓާއި އެންޓި ބޮޑީ ޓެސްޓް އަދި ރެޕިޑް ޓެސްޓެވެ.

comment ކޮމެންޓް