ޒުވާނުން ކުށް ކުރާ މިންވަރު މަދުކުރެވޭނެ ގޮތަކާ މެދު ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފްއާއި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަޝްވަރާ ކުރައްވައިފި އެވެ.
މިނިސްޓަރު މަހްލޫފް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޔޫތް މިނިސްޓްރީއާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ގުޅިގެން ޒުވާނުން ކުށުގެ ވެށީގައި ހަރަކާތްތެރިވާ މިންވަރު މަދު ކުރުމަށް ކުރެވިދާނެ ކަންކަމާ މެދު ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްއާ އެކު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ތިން ކަމެއްގެ މައްޗަށް ވާހަކަ ދެކެވިފައިވާ ކަމަށް ޔޫތް މިނިސްޓްރީގެ އޮފިޝަލަކު ވަނީ "ސަން" އަށް މައުލޫމާތު ދީފަ އެވެ.
އެގޮތުން މި ބައްދަލުވުމުގައި ކުށުގެ ވެށީގައި ޒުވާނުންގެ އަދަދު އިތުރުވަމުންދާ މައްސަލައާއި، ޒުވާނުން އެ މާހައުލުން ދުރުކޮށް ޒިންމާދާރު ބައެއްގެ ގޮތުގައި މުޖުތަމައުއަށް ނެރެވޭނެ ގޮތްތަކުގެ އިތުރުން މިނިސްޓްރީއާއި ޕީޖީ ގުޅިގެން އެކަަން ކަމަށް ހައްލެއް ހޯދުމަށް ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާ ކޮށްފައިވާ ކަމަށް އޮފިޝަލް ވަނީ ވިދާޅުވެފަ އެވެ.
މިހާރުގެ ޕީޖީ ހުސައިން ޝަމީމް މީގެ ކުރިން ވަނީ ޔޫތް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ނޭޝަނަލް ސްޕޯޓްސް ކައުންސިލުގެ ގާނޫނީ ވަކީލުކަން ވެސް ކުރައްވާފަ އެވެ. ޝަމީމަކީ ވަކީލުކަން ކުރެެއްވުމުގެ އިތުރުން ކުޅިވަރުގެ ގިނަ ހަރަކާތްތަކެއްގައި އަމަލީގޮތުން ބައިވެރިވެ ރާއްޖޭގައި ދުވުމާއި، ފެތުން ޕްރޮމޯޓް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
ޒުވާނުންނަކީ ބޭނުންތެރި، އަދި ގިނަބަޔަކު ބަލައިގަންނަ ބަޔަަކަށް ހެދުމަށް ޔޫތު މިނިސްޓްރީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޒުވާނުން ބައިވެރިކޮށްގެން އެކި އެކި ޕްރޮގުރާމްތަކާއި، ކޯސްތައް ވެސް މިނިސްޓްރީން އަންނަނީ ހިންގަމުންނެވެ.