ޗިލްޑްރަންސް އޮމްބަޑްސްމަނަށް 35،000ރ. ދިނުމަށް މަޖިލީހުން ފާސްކޮށްފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ޗިލްޑްރަންސް އޮމްބަޑްސްޕާސަންއަށް މުސާރައިގެ ގޮތުގައި 35،000 މިއަދު މަޖިލީހުން ވަނީ ފާސްކޮށްފައި -- ފައިލް ފޮޓޯ/ މަޖިލިސް

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޗިލްޑްރަންސް އޮމްބަޑްސްޕާސަންއަށް މުސާރައިގެ ގޮތުގައި 35،000 ރުފިޔާ ދިނުމަށް ރައްޔިތުން މަޖިލީހުން ފާސްކޮށްފި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރ 20 ވަނަ ދުވަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލު ކުރަން ފަށާފައިވާއިރު އެ ގާނޫނު ބުނާ ގޮތުން މުސްތަގިއްލު މަގާމެއްގެ ގޮތުގައި ޗިލްޑްރަންސް އޮމްބަޑްސްޕާސަންއެއް އައްޔަނު ކުރަން ޖެހެއެވެ.

އެ މަގާމަށް އައްޔަނު ކުރާ މީހަކަށް 35،000ރ. ގެ މުސާރައެއް ދިނުމަށް މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ. އެ ރިޕޯޓް މިއަދުގެ މަޖިލީހުގެ ޖަލްސާއިން ފާސްކޮށްފައިވަނީ 63 މެންބަރުންގެ އިއްތިފާގުންނެވެ.

އެ މަގާމަށް މީހަކު އައްޔަނު ކުރުމުގެ ކުރިން މަޖިލީހުން މުސާރައެއް ކަނޑައަޅަން ޖެހެއެވެ. ޗިލްޑްރަންސް އޮމްބަޑްސްޕާސަންއަށް މުސާރައިގެ ގޮތުގައި 35،000 ރުފިޔާ އަދި 10،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ކޮމެޓީން ވަނީ ނިންމައިފަ އެވެ. އެ ގޮތަށް ހުށަހެޅުއްވީ ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އެވެ. ހުށަހެޅުން ކޮމެޓީން ފާސްކޮށްފައިވަނީ އަށް މެންބަރުންގެ ތާއީދާ އެކެއެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަންއަށް މުސާރައެއް ކަނޑައެޅުމާއި މެދު މެންބަރުންގެ މެދުގައި ކޮންމެވެސް ވަރެއްގެ ހިޔާލު ތަފާތުވުންތަކެއް އުފެދުނުވެ. ސަބަބަކީ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން އިގްތިސޯދު ހުއްޓި ސަރުކާރުގެ ހަރަދު ކުޑަކުރަން ހިފާފައިވާ ދަނޑިވަޅެއްގައި އެފަދަ ކަމެއް ކުރަން ޖެހުމުން ބައެއް މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެގޮތުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ، ޗިލްޑްރަންސް އޮމްބަޑްސްޕާސަންއެއް ހަމަނުޖެއްސެމަކުން ރައްޔިތުން ކަންބޮޑުވުން ނުވާ ކަމަށާއި، ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ރައްޔިތުންގެ މަސައްކަތްތައް ހުއްޓި އާމްދަނީ ދަށްވެފައި ވުން ކަމަށެވެ. ރައްޔިތުން ބޭނުންވަނީ އަވަހަށް ލޯނު ހަމަޖެހި ދިރިއުޅުން އާރާސްތްކުރެވޭނެ މަގެއް ފަހިވުން ކަމަށް ވެސް ގަފޫރު ވިދާޅުވި އެވެ.

ކުރިން ފާސްކޮށްފައި އޮތް ގާނޫނުކަން ކުރަން ލާޒިމްކޮށްފައި އޮތް ކަމެއް ކުރަން ޖެހޭނެކަން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ފާހަގަކުރެއްވި އެވެ. އެހެން ނަމަވެސް މި ހާލަތުގައި ކަނޑައަޅަން ޖެހޭނީ އެންމެ ކުޑަ މުސާރައެއްކަންވެސް އޭނާ ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ، ޗިލްޑްރަންސް އޮމްބަޑްސްޕާސަންއަކީ މާ ބޮޑެތި މަސްއޫލިއްޔަތުތަކެއް އޮތް ފަރާތެއް ނޫން ކަމަށާއި މުސާރައެއް ކަނޑައަޅަން ޖެހޭނީ ރާއްޖޭގެ މާލީ ހާލަތާއި ތަނަވަސްކަމާއި އެއްވަރަށް ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

comment ކޮމެންޓް