ފުލުހުންނާ ދޭތެރޭ ޒާތީ ނުވުމަށް މަރަދޫ މެންބަރު ޝަރީފު ގޮވާލައްވައިފި

މަރަދޫ ދާއިރާގެ މެންބަރު ޝަރީފް: އެމްޑީޕީން ފުލުހުންނާއި ޒާތީ ވާކަމަށް އޭނާ ވަނީ މިއަދު ވިދާޅުވެފައި -- ފައިލް ފޮޓޯ/ މަޖިލިސް

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ އިން ފުލުހުންނާ ޒާތީވާ ކަމަށް ތުހުމަތުކޮށް، އެކަން އެ ގޮތަށް ނުކުރުމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ގޮވާލައްވައިފި އެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ފުލުހުންގެ ހިދުމަތުގެ ބިލަށް މިއަދު ވަނީ މަޖިލީހުގައި ބަހުސް ކުރުމަށް ހުޅުވާލައިފަ އެވެ.

ޝަރީފު ވިދާޅުވީ ފުލުހުންގެ ތެރޭގައި ވެސް ރަނގަޅު ކުރަން ޖެހޭ ކަންކަން ހުންނަ ކަމަށާއި އެކަމަކު " މީސްމީހުނާ ދިމާލަށް އިނގިލި ދިއްކޮށް ޒާތީވުމުގެ މާނައެއް" އޮވެގެން ނުވާނެ ކަމަށާއި "ފުލުހުންގެ ކަންކަން ވެސް އިސްލާހު ކުރަން ހުރި ކަމެއް އެއީ މި އިއްޒަތްތެރި މަޖިލީހު"ން ވެސް ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.

މިއަދުގެ މަޖިލީހުގައި އެ ބިލަށް އެންމެ ފުރަތަމަ ވާހަކަ ދެއްކެވީ ވެސް އެމްޑީޕީގެ ތިން މެންބަރުންނެވެ. އެއީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީގެ އިތުރުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި ބިލެއްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބް ރައީސް އީވާ: ފުލުހުންގެ އަނިޔާވެރިކަން ފެންނަ ވީޑިއޯއެއް އީވާގެ އެދުމުގެ މަތިން މަޖިލީހުގައި މިއަދު ވަނީ ދައްކާފައި -- ފޮޓޯ/ މަޖިލިސް

ތިން މެންބަރުންގެ ވާހަކަ ވެސް މައިގަނޑު ގޮތެއްގައި އަމާޒު ކުރެއްވީ ފުލުހުންގެ ފަރާތުން ފެނިފައިވާ އެ މެންބަރުން ހިތްހަމަނުޖެހޭ ކަންތައްތަކުގެ މައްޗަށެވެ. ހާއްސަކޮށް އެމްޑީޕީގެ ފުރަތަމަ ވެރިކަން ބަދަލުވެގެން ދިއުމުގައި ފުލުހުންގެ ދައުރާއި ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ކުރިމަތިވެފައި ހުރި އަނިޔާތަކުގެ މައްޗަށެވެ.

އެ ތިން މެންބަރުންގެ ވާހަކައަށް ފަހު ދެން ފުރުސަތު ލިބުނީ މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ޝަރީފަށެވެ. ޝަރީފްގެ ވާހަކަ ފައްޓަވަމުން ވިދާޅުވީ، ފުލުހުންގެ ހިދުމަތުގެ އިތުރުން ދައަލަތުގެ ފަރާތުން ދެމުންދާ ހުރިހާ ހިދުމަތްތަކުގައި ވެސް އިސްލާހު ކުރަންޖޭ ކަންތައްތަކެއް ހުންނާނެ ކަމަށެވެ. އަދި ފުލުހުންގެ ހިދުމަތް ރަނގަޅު ކުުރުމަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ވެސް ތާއީދު ކުރައްވާކަން ޝަރީފް ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެން މިއަދު މީސްމީހުނާ ދިމާލަށް އިނގިލި ދިއްކޮށް ޒާތީވުމުގެ މާނައެއް ނެތް. ފުލުހުންގެ ކަންކަން ވެސް އިސްލާހު ކުރަން ހުރި ކަމެއް އެއީ މި އިއްޒަތްތެރި މަޖިލީހު"ން [ވެސް ކުރަން ޖެހޭނެ ކަމެއް،" ޝަރީފު ވިދާޅުވި އެވެ.

ޝަރީފް އެހެން ވިދާޅުވުމާ އެކު މަޖިލީހުގެ ރައީސްގެ ވާހަަކައިގެ ތެރެއިން އޭނާ ދެކިވަޑައިގަންނަވާ ގޮތް ވެސް ހާމަކޮށްފަ އެވެ.

"އިއްޒަތްތެރި މެންބަރު ޒާތީވާކަމަށް އަޅުގަނޑަކަށް ނުފެނޭ މީގެ ކުރީގައި މި މައުލޫގައި ވާހަކަ ދެއްކި އެއްވެސް އިއްޒަތްތެރި މެންބަރަކު،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ޝަރީފްގެ ވާހަކައިގެ މެދުތެރެއިން ރައީސް ނަޝީދު ވާހަކަ ދައްކަވަން ފެއްޓެވުން އޭނާ ވަނީ އެކަމާ ހިތްހަމަ ނުޖެހި ވާހަކަ ދައްކަވަން ފުރުސަތު ދެެއްވުމަށް އެދިވަޑައިގެންފަ އެވެ.

"އަޅުގަނޑު މި ދަންނަވަނީ ފުލުހުންގެ ތެރޭގައި ކަންކަން ގޯހުން ކޮށްފައި ތިބި ބައެކު ނެތަކޭ ނޫން. އެބަތިބި. އެ މީހުނާއި ދޭތެރޭގައި ފިޔަވަޅު އެޅެން ޖެހޭނެ. ފިޔަވަޅު އަޅަމުން ވެސް ގެންދާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. މިއަދު އެ މަސްއޫލިއްޔަތު އޮތީ ވެރިކަން ކުރާ ޕާޓީ މި އިއްޒަތްތެރި މަޖިލީހުގެ ބޮލުގައި. އެހެންވީމަ އެހެން މީހުނާއި ދިމާލަށް އިނގިލި ދިއްނުކުރެވޭނެ،" ޝަރީފް ވިދާޅުވި އެވެ.

މަޖިލީހުގެ މަސައްކަތަކަށް ވާންވާނީ ގޯސްކޮށް ހުރި ކަންކަން ރަނގަޅުކުރުން ކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ، ޒާތީވެ ފުލުހުންގެ މަދު ބަޔަކު ކުރާ ކަމަކާއި ގުޅިގެން މުޅި އިދާރާގެ ނަން 'ޚަރާބް' ވާ ގޮތަށް އޭނާ ނިސްބަތްވާ ޕާޓީގެ މެންބަރުން އަމަލު ކުރި ނަމަވެސް އެކަމަށް ތާއީދު ނުކުރައްވާނެ ކަމަށެެވެ.

ޝަރީފްގެ ވާހަކަ ނިންމާލުމުން ދެން ފުރުސަަތު ދެއްވީ ކެޔޮދޫ ދާއިރާގެ މެންބަރު ހުސައިން ގާސިމްށެވެ. އޭނާގެ ވާހަގަ ފެއްޓެވީ ޝަރީފްގެ ވާހަކަ ނިންމަވާލެއްވި ހިސާބުންނެވެ.

އެގޮތުން ހުސައިން ގާސިމް ވިދާޅުވީ އެބޭފުޅުން އެއްވެސް އިރެއްގައި ފުލުހުންގެ މުޅި މުއައްސަސާ ކުށްވެރި ނުކުރައްވާ ކަމަށާއި ނުކުމެތިބީ އިސްލާހަށް ކަމަށެވެ. އަދި ދައްކަވަނީ އިސްލާހު ކުރާ ވާހަކަ ކަމަށެވެ. ނަމަވެސް އެވާހަކަ ދެއްކުމުން އެ ފަރާތްތައް ކުށްވެރިވާ ކަން ވެސް އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް: އޭނާ ވަނީ ޝަރީފަށް ހޫނު ރައްދެއް ދެއްވާފައި --ފައިލް ފޮޓޯ/ މަޖިލިސް

ޝަރީފަށް އެންމެ ހޫނު ރައްދެއް ދެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަޝިމް އެވެ. އޭނާ ވިދާޅުވީ، ފުލުހުންގެ ރިފޯމްގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު އެއީ ޒާތީ ކަމެކޭ ބައެއް މެންބަރުންނާއި ސިޔާސީ ފަރާތްތަކުން ބުނަމުން ދާ ކަމަށެވެ.

"އިއްޒަތްތެރި ރައީސް ފުލުހުން ނުވަތަ މުއައްސަސާއެއްގެ އިންސްޓިޓިއުޝަނަލް ރިފޯމް އަކީ އެތަންތަނުގެ ޒާތީ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން އެކަކު ވެސް ދެކިގެން ނުވާނެ. އަދި ހާއްސަކޮށް އެމްޑީޕީގެ ޓިކެޓްގައި މި މަޖިލީހަށް ހޮވިފައި ހުރި އެއްވެސް މެންބަރެއް ފުލުހުންގެ ރިފޯމްގެ ވާހަކަ ދައްކަވާއިރު އެއީ ޒާތީ ކަމެއްގެ ގޮތުގައި ސިފަކުރުމަކީ ވަރަށް ހިތާމަ ހުރި ކަމެއް އިއްޒަތްތެރި ރައީސް. އެއީ އަޅުގަނޑުމެން އެމްޑީޕީގެ ފަހުރުވެރި ޓިކެޓް ހިފައިގެން ރައްޔިތުންގެ ގާތަށް ވޯޓް ހޯދަން ދިޔައިރު ރިޔާސީ އިންތިހާބްގައި ވެސް އެންމެ ފުރަތަމަ ވީ އެއް ވައުދަކީ މި ރާއްޖެ އިން އަނިޔާވެރިކަން ނައްތާލާނަމޭ،" މީކާއިލް ވިދާޅުވި އެވެ.

ޝަރީފްގެ އެހެން ވިދާޅުވުމުން އެކަމާ ދެކޮޅުކަމަށް ގަމު ދާއީރާގެ މެންބަރު މުހައްމަދު ވިޝާމްގެ އިތުރުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވެސް ވަނީ ވިދާޅުވެފަ އެވެ.

މިއަދު މެންދުރާއި ހަމައަށް އެ ބިލަށް ބަހުސް ކޮށްފައިވާއިރު ފުރުސަތައް އެދިފައި ތިބި އިތުރު މެންބަރުންނަށް ދެން އެ ބިލް އެޖެންޑާ ކުރާ ދުވަހަކުން ފުރުސަތު ދެއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

comment ކޮމެންޓް