ބޮޑެތި ޖަރީމާތަކުގައި ފުލުހުން ބައިވެރިވާ ކަމުގެ ތުހުމަތު ނަޝީދު ކުރައްވައިފި

މެއި 29، 2020: 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 41 ވަނަ ޖަލްސާ (ކުރިއަށް ގެންދެވުން 2) -- ފޮޓޯ/ މަޖިލިސް

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ ފުލުހުން އަދިވެސް ވަޒީފާގައި އެބަތިބި ކަމަށާއި ފުލުހުންނާ ރާއްޖޭގެ ގޭންގުތަކާ، އަޑީ ދައުލަތާ ދެމެދު ބޮޑު ގުޅުމެއް އޮންނަ ކަމަށް ތުހުމަތު ކުރައްވައި، އެކަންކަން ބަލަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ތަހުގީގު ފުލުހުން ކުރަމުން އަންނަ އިރު، އެ ހިޔާނާތުގައި ބައިވެރިވި ފުލުހުން އަދިވެސް ވަޒީފާގައި އެބަތިބި ކަމަށެވެ.

"އެ އޮފީހުގައި އެކުދިން ތިބެމެ، ދެން ވަރަށް އުނދަގޫވާނެ އެބޭފުޅުން މެދުވެރިކޮށްގެން ތަހުގީގެއް ކޮށްގެން ގެންގޮސް ކަންކަން ނިންމަން،" ނަޝީދު ވިދާޅުވި އެވެ.

އެހެންކަމުން އެ ވައްކަމުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ ފުލުހުން މިހާރުން މިހާރަށް ސަސްޕެންޑު ކުރަންޖެހޭ ކަމަށާއި، އެހެން ނޫން ނަމަ ފުލުހުންގެ ތެރޭގައި ރަނގަޅަށް ތަހުގީގެއް ކުރަން ވަރަށް އުނދަގޫވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެބެ.

މީގެ އިތުރުން، މަސްތުވާތަކެތީގެ މައްސަލަތަކާއި، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނާ ފުލުހުންނާ ގުޅުން އޮންނަ ކަމުގެ ތުހުމަތު ވެސް ނަޝީދު މިއަދު ކުރެއްވި އެވެ. ހަމައެއާއެކު ރަޔަޓް ފުލުހުންނާ، ރާއްޖޭގެ ގޭންގުތަކާ ވެސް ގުޅުން އޮންނަ ކަމަށާއި، އެ ކަންކަން ބެލުން މުހިންމުކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"ހަމަ އެއާއެކު އަޑީދައުލަތެއް އޮތް ކަމަށް އެތައް ބަޔަކަށް އެބަ އެނގޭ. އެކިއެކި ތަހުގީގު އެބަ އަނބުރާލެވޭ އަޅުގަނޑުމެންނަށް ވާއެއް ނުވާއެއް ހަމަ އެއްގޮތަކަށް ވެސް ނޭނގި،" ނަޝީދު ވިދާޅުވިއެވެ.

މި ކަންކަމަށް ހެކި ދައްކަމުން ނަޝީދު މިސާލުޖެއްސެވީ ޑރ. އަފްރާޝިމް އަލީ މަރާލި މައްސަލައާއި އާއި ނޫސްވެރިޔާ ރިޟްވާން އަބްދުﷲ ގެއްލުވާލި މައްސަލައެވެ. އެގޮތުން ފުލުހުންގެ ބަޔަކު ރިޟްވާނަށް ފާރަލަމުން ދިޔަ ކަން ފާހަގަކުރެއްވިއެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގައި މި ފަހުން ހިނގާދިޔަ މިފަދަ ބޮޑެތި މައްސަލަތަކުގެ "ދެ ފަރާތުގައި" ފުލުހުން ހިމެނޭ މިންވަރު ވަރަށް ޝައުގުވެރިކަން ބަހައްޓައިގެން އިލްމީ ނަޒަރަކުން ބަލަންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް ވުރެ ވަކި ރަނގަޅަށް ފުލުހުންގެ މުއައްސަސާ ދެފަރާތުން އެނގޭނެ ބައެއް ނުވާނެ. ދެފަރާތުން. އަޅުގަނޑު އެ މޭޒުގެ ދެފަރާތުގައި އިނދެއްޖައިމު،" ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ރައްޔިތުން ދީފައި ވަނީ އެފަދަ ކަންކަން ރަނގަޅު ކުރުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމްނަށް ދިވެހިރާއްޖޭގެ ރައްޔިތުން ދީފައިމިވާ ފުރުސަތަކީ މިކަންކަން ރަނގަޅުކުރުމުގެ މަސައްކަތް ކުރުމަށް. ރާއްޖޭގެ ރައްޔިތުންނަށް އެނގޭ އަޅުގަނޑުމެންނަކީ ކޮބައިކަމާ އަދި އަޅުގަނޑުމެންގެ ޝައުގުވެރިކަން ހުރީ ކޮންކޮން ކަންކަމަކަށް ކަން،" ނަޝީދު ވިދާޅުވިއެވެ.

ފުލުހުންގެ ބިލުގެ ބަހުސް ކުރިއަށްދާއިރު ފުލުހުންގެ މުއައްސަސާ އިންތިޒާމުވެފައިވާ ގޮތާ ގުޅޭގޮތުން ވަރަށް ބޮޑަށް މަޝްވަރާކުރަން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް