ހިޔާ ފްލެޓްތަކަށް 7،000 އަށް ވުރެ ގިނަ ލިޔުން ދޫކުރި ގޮތް ހައުސިން އަށް އޮޅިއްޖެ

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، އަލީ ޝާމިން -- ފޮޓޯ/ އަހުމަދު އަވުޝަން އިލްޔާސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ހިޔާ މަޝްރޫއުގެ ދަށުން އެޅި 7000 ފްލެޓަށް، 11،000 މީހުންނަށް ލިޔުން ދޫކޮށްފައިވާ ކަމަށް ބުނެ ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، އަލީ ޝާމިން ދެއްކެވި ވާހަކަ، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އޮޅުންފިލުވައިދެއްވައިފި އެވެ.

ރޭ ކުރެއްވި ޓުވީޓެއްގައި ޝާމިން ވިދާޅުވީ ހިޔާ މަޝްރޫއުގެ ދަށުން 7000 ފްލެޓް އަޅަން ނިންމައިފައިވީ ނަމަވެސް އެތަނުގައި ހުރީ ޖުމްލަ 6،860 ފްލެޓް ކަމަށެވެ. އަދި އެ ފްލެޓްތައް ލިބޭނެކަމުގެ ލިޔުން މިދިޔަ ރިޔާސީ އިންތިހާބާ ނިމި އާ ސަރުކާރު ހުވާކުރުމުގެ ކުރިން 11،000 އެއްހާ މީހަކަށް ހަވާލުކޮށްފައިވާކަމަށް ވެސް ވިދާޅުވި އެވެ.

ޝާމިންގެ ވާހަކައާ ގުޅިގެން، ފްލެޓު ލިބޭނެ ކަމުގެ ލިޔުން ދޫކޮށްފައިވާ ގޮތް އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ވަނީ ސާފުކޮށްދެއްވައިފަ އެވެ.

"ސަން" އަށް ރޭ ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ ހިޔާ މަޝްރޫއުގައި ގިނަ ފްލެޓުތަކެއް ހިމެނޭ ކަމަށާއި އެއީ ހަމައެކަނި 7000 ފްލެޓު ނޫން ކަމަށެވެ. މުއިއްޒު ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފެންނަ ހުރިހާ ފްލެޓްތަކަކީ ހިޔާ މަޝްރޫއު ކަމަށެވެ.

"އޭރުގައި ބައްލަވާ އޮކްޓޯބަރު ނޮވެމްބަރު މަސްތެރޭ ހުންނާނެ ގެޒެޓްކޮށްފައި. މިހާރު ނޭނގެ އެ އެއްޗިހި ހުރި ކަމެއް. ރަސްމީކޮށް ގެޒެޓްކޮށްފަ ހުންނާނެ ބައިވަރު އެއްޗިހިތަކެއް. އެއީ ހުސް ހިޔާ މަޝްރޫއު،" މުއިއްޒު ވިދާޅުވި އެވެ.

އެގޮތުން 7000 ހައުސިން ޔުނިޓުގެ އިތުރުން، ދެ ކޮޓަރީގެ އިތުރު 2500 ހައުސިން ޔުނިޓާއި އެއް ކޮޓަރީގެ 1000 ހައުސިން ޔުނިޓަށް ކުރިމަތިލާން ވެސް ރައީސް ޔާމީންގެ ސަރުކާރުން އިއުލާނުކުރި އެވެ.

"ހަތްހާސް ފްލެޓުގެ އިތުރަށް އޮންނާނީ އަލަތު ކައިވެނީގެ ކެޓަގަރީއަށް 1000 ފްލެޓަށް ލިޔުން ދީފައި. ގެޒެޓުގައިވެސް ޝާއިއުކޮށްފައި. އެއީ އެއް ކޮޓަރީގެ ފްލެޓްތައް. އެހެންވީމަ 7000 އަށް ވުރެ އިތުރެއް ނޫންތޯ؟ރައީސް ޔާމީންގެ ވެރިކަން ބަދަލުވިއިރު އެ ފްލެޓްތަކުގެ މަސައްކަތް ވެސް ހުރީ ފަށާފައި،" މުއިއްޒު ވިދާޅުވި އެވެ.

ފެބްރުއަރީ 23، 2020: ހުޅުމާލޭގައި ހަދަމުންދާ ހިޔާ މަސްރޫއުގެ ފްލެޓްތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް ޔާމީންްގެ ސަރުކާރުން ދެ ކޮޓަރީގެ 7000 ހައުސިން ޔުނިޓުގެ މަސައްކަތް ފަށާފައިވާއިރު، ދެ ކޮޓަރީގެ އިތުރު 2،500 ފްލެޓު އެޅުމަށް ނިންމައި އެ ފުލެޓުތަކަށް ކުރިމަތިލުމަށް ހުޅުވާލައި، އަދި ފްލެޓުތައް ލިބޭނެ ފަރާތްތައްވެސް ވަނީ އިއުލާނުކޮށްފަ އެވެ.

މުއިއްޒު ވިދާޅުވީ އެ ފްލެޓުތައް ލިބޭ މީހުންގެ ރިޒާވް ލިސްޓު އިއުލާނުކުރީ، "ލިސްޓް2" ގެ ނަމުގައި ކަމަށެވެ. އަދި ވެރިކަން ބަދަލުވުމުގެ ކުރިން އެ ފްލެޓުތަކުގެ ފައިނޭންސް ވެސް ހަމަޖައްސާފައިވާ ކަަމަށާއި، ނުފެށި އޮތީ އަމަލީ މަސައްކަތް އެކަނި ކަމަށް ވިދާޅުވި އެވެ.

ރިޒާވް ލިސްޓު އެކުލަވާލީ 7000 ފްލެޓް ލިބޭ މީހުންގެ އިތުރުން ދެން އެންމެ މަތިން މާކްސް ލިބުނު 2500 މީހުން ހިމަނައިގެން ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެހެންކަމުން ރައީސް ޔާމީންގެ ސަރުކާރުން 10،500 މީހުންނަށް ފްލެޓް ލިބޭނެކަމުގެ ލިޔުން ހަވާލުކޮށްފައިވެ އެވެ.

"އެހެންވީމަ 7000 އަށް ވުރެ އިތުރަށް ހުރި ފްލެޓްތަކަކީ އެއީ އެއް ކޮޓަރީގެ ލިސްޓާއި ރިޒާވް ލިސްޓް. މިބޭފުޅުން ވެރިކަމަށް ވަޑައިގެން އެއް ކޮޓަރީގެ ފްލެޓްތަކުގެ މަސައްކަތް ހުއްޓާލި ކަމެއް އަޅުގަނޑަކަށް ނޭނގެ. އޭގެ ޒިންމާ ވާނީ އެބޭފުޅުން. ދެން މިދެންނެވި 2500 ފްލެޓް ކެންސަލްކޮށްލި ކަމެއް ވެސް އަޅުގަނޑަކަށް ނޭނގެ،" މުއިއްޒު ވިދާޅުވި އެވެ.

މި ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިންގާ އެޅި 1700 ހައުސިން ޔުނިޓުގެ މަޝްރޫއަކީ ރައީސް ޔާމީން އިއުލާނުކުރެއްވި ދެ ކޮޓަރީގެ 2500 ހައުސިން ޔުނިޓުތައް، ތިން ކޮޓަރީގެ ތަންތަނަށް ބަދަލުކޮށްގެން ފެށި މަޝްރޫއެއް ކަމަށް ވެސް މުއިއްޒު ތުހުމަތު ކުރެއްވި އެވެ.

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އެހެންވެއްޖެއްޔާ އަޅުގަނޑުމެން އިއުލާންކޮށްފައި އޮތް 2500 މީހުންގެ ހައްގު އެ ގެއްލުނީ. އެހެންވީމަ ހަގީގަތް އޮޅުވާލައި ދޮގު ހެދުމުގެ އެއްވެސް މާނައެއް ނެތް މިހާރަކު. ރައްޔިތުންނަށް މާ ސާފުކޮށް އެނގޭނެ. އެއަށްވުރެ ޒިންމާދާރުވާން އެބަޖެހޭ ރައްޔިތުންނަށް ހިދުމަތް ކުރަން ވަޑައިގަންނަވާ ބޭފުޅުން،" މުއިއްޒު ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ދިނުމަށް ނިންމާފައިވާ ފްލެޓްތައް ދޭނެ ފަރާތްތައް ކަނޑައަޅައި ރައީސް ޔާމީންގެ ސަރުކާރުން އެފަރާތްތަކަށް ލިޔުން ހަވާލުކޮށްފައި ވީނަމަވެސް ފްލެޓް ދޭނެ ފަރާތްތައް ކަނޑައެޅީ އިންސާފުން ނޫން ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ މައްސަލަ ބެލުމަށް ކޮމިޓީއެއް އެކުލަވާލާފަ އެވެ.

އެ ކޮމިޓީން ވަނީ ފްލެޓް ލިބޭނެ ކަމުގެ ލިޔުން ދީފައިވާ މީހުންގެ ގޭގެއަށް ސާވޭ ޓީމްތައް ފޮނުވައި ދިރިއުޅުމުގެ ހާލަތު ބެލުމުގެ މަސައްކަތް ފަށާފަ އެވެ. ނަމަވެސް ކޮވިޑް-19އާ ގުޅިގެން އެ މަސައްކަތް އޮތީ ހުއްޓިފަ އެވެ. ހައުސިން މިނިސްޓްރީން ބުނީ ދެން އެ މައްސައްކަތް އަލުން ފެށޭނީ މާލެ ސަރަހައްދުގެ ފުރަބަންދު އުވާލުމުން ކަމަށެވެ.

ހިޔާ ފްލެޓްތައް އަންނަ ޖުލައި މަހުގެ ނިޔަލަށް ހަވާލުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު އާތިފާ ޝަކޫރު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އޭގެ އެއް ދުވަސްފަހުން ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ މިނިސްޓަރު އާތިފާއަށް އެހެން ވިދާޅުވެވުނީ އޮޅުމަކުން ކަމަށް ބުނެފަ އެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ މާޗު މަހުގައި ހައުސިން މިނިސްޓަރު އާތިފާ ޝަކޫރު ވިދާޅުވެފައި ވަނީ ކުރީ ސަރުކާރުން އެޅުމަށް ނިންމާފައިވާ ފްލެޓްތަކަށް ބަދަލު ގެންނަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މާޗް 10، 2020: ހުޅުމާލޭ ފޭސް 2ގައި އިމާރާތްކުރާ 1،700 ހައުސިން ޔުނިޓުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިސްޓަރު ވިދާޅުވީ ކުރީ ސަރުކާރުންް އިއުލާނުކޮށްފައިވާ ސޯޝަލް ހައުސިންގެ ދަށުން އަޅަމުންދާ ފްލެޓްތަކަކީ ޖާގައިގެ ގޮތުން ކުދި ތަންތައްކަމަށް ވުމުން ކޮންޓްރެކްޓަރާ ވާހަކަ ދައްކައިގެން އެ ތަންތަން ބޮޑުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ފުލެޓުތަކުގެ ސުޓުރަކްޗާއަށް ބަދަލު ނާންނަ ގޮތަށް ދެ ކޮޓަރިން ތިން ކޮޓަރިއަށް ފުލެޓުތައް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް މިނިސްޓަރު އޭރު ވިދާޅުވި އެވެ.

ސޯޝަލް ހައުސިންގް މަޝްރޫއު ނުވަތަ ހިޔާ މަޝްރޫއުގެ ފްލެޓަށް ޝަރުތު ހަމަވާކަމަށް ލިސްޓުކޮށްފައިވާ ފަރާތްތަކަށް، ސަރުކާރުން އިތުރަށް ފްލެޓު އަޅަން ޖެހިއްޖެނަމަ އެކަން ކޮށްގެންވެސް ބޯހިޔާވަހިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ވެސް މިނިސްޓަރު އޮތީ ދެއްވައިފަ އެވެ.

މިއަހަރުގެ މާޗު މަހުގެ 10 ވަނަ ދުވަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރުން ވަނީ 1700 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފަ އެވެ.

ޗައިނާގެ ސައިނޯ ހައިޑްރޯ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން އަޅަން ހަމަޖެހިފައި ވަނީ 15 އަދި 16 ބުރީގެ 11 ޓަވަރެވެ. މި 11 ޓަވަރުގައި 1700 ހައުސިން ޔުނިޓު ހުންނާނެ އެވެ. މި އިމާރާތްތަކުގައި ހަދަނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމަންޓެވެ.

މީގެ އިތުރުން މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޓަކައި އިތުރު 3،000 ހައުސިން ޔުނިޓު އަޅަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް