މެސީ މުޅިން ފިޓްވެ ބާސެލޯނާގެ ގްރޫޕް ޓްރެއިނިންގްއަށް

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ --- ފޮޓޯ/ ލިއަމް ބްލެކްބާން: ލައިވްސްކޯ

އެފްސީ ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއިން ރަނގަޅުވެ އަލުން ޓީމް ޓްރެއިނިންގައި ބައިވެރިވާން ފަށައިފި އެވެ.

މިިދިޔަ ހަފްތާގައި ބާސެލޯނާގެ ބައެއް ފަރިތަކުރުންތަކުގައި މެސީ ބައިވެރިއެއް ނުވެ އެވެ. މެސީ ކުޑަ އަނިޔާއެއްގައި އުޅޭ ކަމަށް ބާސެލޯނާއިންވެސް ވަނީ މީޑިއާގައި ބުނެފަ އެވެ. އަދި ލީގު އަލުން ފަށައި އަންނަ ހޮނިހިރު ދުވަހު މަޔޯކާއާ ދެކޮޅަށް މެސީ ނުފެނިދާނެ ކަމަށް ވެސް އަޑުފެތުރުނެވެ. އެކަމަކު ލީގު މެޗަށް ތައްޔާރުވުމުގެ ގޮތުން އޭނާ މިހާރު ވަނީ ޓީމް ފަރިތަކުރުންތަކުގައި އެހެން ކުޅުންތެރިންނެކޭ އެއްގޮތަށް ބައިވެރިވާ ފަށައިފަ އެވެ.

ލަލީގާގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި މެސީއަށް އަނިޔާވީ، ކޮރޯނާވައިރަހަށްފަހު އަލުން ލީގަށް ތައްޔާރު ވުމަށް ޓީމު އެކުގައި ޕްރެކްޓިސް ކުރަމުން ދަނިކޮށެވެ. ބާސާއިން އޭރު ބުނީ މެސީގެ އަނިޔާ ސީރިއަސްކަމަށް ނުބެލެވޭ ކަމަށެވެ. އަދި ފުރަތަމަ މެޗަށް އޭނާ ފިޓް ކުރެވޭތޯ ބަލަމުންދާ ކަމަށް ވެސް ބާސާއިން ބުނެ އެވެ.

މެސީއާ އެކު އެ ކުލަބުގެ ޒުވާން ފޯވަޑް އަންސުމާން ފާޓީ (އަންސޫ ފާޓީ) އަށްވެސް އަނިޔާ ވެފައި ވުމުން އެ ދެ ކުޅުންތެރިން ފަރިތަކުރަމުން އައީ އެހެން ކުޅުންތެރިންނާ ވަކިންނެވެ. އެކަމަކު މެސީ މިހާރު އެއްކޮށް ފިޓްވެ ޓީމް ޓްރެއިނިންގައި ފުރިހަމައަށް ބައިވެރިވާން ފަށާފައިވާ ކަމަށް ބާސެލޯނާއިން ވަނީ ބުނެފަ އެވެ.

މި ސީޒަނުގެ ކުރީކޮޅުގައި ވެސް އަނިޔާގެ ސަބަބުން އުމުރުން 32 އަހަރުގެ މެސީ އަށް ގިނަ މެޗުތަކެއް ގެއްލުނެވެ. އެކަމަކު މިހާރު އެ އަނިޔާތަކުން އެއްކޮށް މެސީ ރިކަވާވެފައިވާ ކަމަށް ދާދި ފަހުން ބާސެލޯނާގެ ޑޮކްޓަރާ ހަވާލާދީ ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ލަލީގާގެ ކުޅުން ފަށާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ސެވިއްޔާއާއި ރެއާލް ބެޓިސް ކުޅޭ ޑާބީ މެޗުންނެވެ. ބާސާ ކުޅޭ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހުގެ ރޭ ނުކުންނާނީ މަޔޯކާއާ ދެކޮޅަށެވެ.

comment ކޮމެންޓް