ޔުނައިޓެޑުގެ ލެޖެންޑު ޓޯނީ ޑޫން މަރުވެއްޖެ

މެންޗެސްޓާ ޔުނައިޓެޑަށް 1968 ވަނަ އަހަރުގެ ޔޫރޮޕިއަން ކަޕް ހޯދައިދިން ޓީމުގައި ހިމެނޭ ޓޯނީ ޑޫން --- ފޯޓޯ: މިރޯ.ކޯ

އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށް 1968 ވަނަ އަހަރުގެ ޔޫރޮޕިއަން ކަޕް ހޯދައިދިން ޓީމުގައި ހިމެނޭ ޓޯނީ ޑޫން މަރުވެއްޖެ އެވެ.

ޔުނައިޓެޑްގެ ރަމްޒުދާރު (ލެޖެންޑް) ޑޫން މަރުވެފައިވާކަން ރޭ އެކުލަބުން ވަނީ އިއުލާން ކޮށްފަ އެވެ. ޑޫން މަރުވި އިރު އޭނާގެ އުމުރުކީ 78 އަހަރެވެ.

ރިޕަބްލިކް އޮފް އަޔަލެންޑަށް އުފަން ޑޫން ޔުނައިޓެޑަށް ޒުވާން އުމުރުގައި ގުޅުނީ 1960 ވަނަ އަހަރެވެ. އޭނާއެކުލަބުގައި 13 އަހަރަށް ވުރެން ގިނަ ދުވަހު ކުޅުނު އިރު، ޖުމުލަ 535 މެޗު ކުޅުނެވެ. ޑޫން އަކީ ޔުނައިޓެޑްގެ އަށްވަނައަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާއަށް ވީއިރު އޭނާ ވަނީ އެކުލަބާ އެކު ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑަށް 1968 ވަނަ އަހަރުގެ ޔޫރޮޕިއަން ކަޕް ހޯދައިދިން ޓީމުގައި ހިމެނޭ ޓޯނީ ޑޫން --- ފޯޓޯ: މިރޯ.ކޯ

އެގޮތުން 1968 ވަނަ އަހަރުގެ ޔޫރަޕިއަން ކަޕު އެކުލަބުން ހޯދި އިރު ޑޫން ވަނީ އެމުބާރާތުގެ ހުރިހާ މެޗެއް ކުޅެފަ އެވެ. އެފަހަރުގެ ބޮޑު ކާމިޔާބީއަކީ އިނގިރޭސި ކުލަބަކަށް ޔޫރަޕުގެ ތަށި ލިބުނު ފުރަތަމަ ފަހަރުވެސްމެއެވެ.

ޔުނައިޓެޑްގެ ޑިފެންސް ބެލެހެއްޓުމުގައި ދެވަނައެއް ނެތްފަދަ ޑޫން އެކުލަބަށް ދެފަހަރެއްގެ މަތިން އިނގިރޭސި ލީގު ވެސް ކާމިޔާބު ކޮށްދިނެވެ. އެގޮތުން 1965 އާއި 1967 ވަނަ އަހަރުގެ ލީގު ޔުނައިޓެޑުން ކާމިޔާބު ކުރުމުގައްޔާއި، އެ ދެ އަހަރުގެ އެފްއޭ ކަޕުގެ ތަށިވެސް އެކުލަބުން އުފުލާލި އިރު ޑޫންއަކީ ޓީމުގައި ހިމެނުނު މުހިއްމު ކުޅުންތެރި އެކެވެ.

އަޔަލެންޑުގެ ގައުމީ ޓީމަށް ވެސް 33 މެޗު ކުޅެފައިވާ ޑޫން 13 އަހަރަށް ފަހު ޔުނައިޓެޑް ދޫކޮށްލީ 1973 ގަ އެވެ. އެއަށްފަހި އިތުރު ހަ އަހަރު އޭނާ ވަނީ ބޮލްޓޮން ވަންޑަރާސް އަށް ކުޅެފަ އެވެ.

ޑޫންގެ މަރާ ގުޅިގެން ޔުނައިޓެޑުން ރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ޑޫން އަކީ ޔުނައިޓެޑް މިހާތަނަށް ދުށް އެންމެ މޮޅު އެއް ސެންޓްރަލް ޑިފެންޑަރު ކަމަށެވެ. އަދި އޭނާގެ މަރުގެ ޚަބަރު ލިބުނީ ފުން ހިތާމައާއެކު ކަމަށާއި، އާއިލާއާއި ރަހުމަތްތެރިންނަށް ކެތްތެރިކަމަށް އެދޭކަމަށް ޔުނައިޓެޑުން ބުންޏެވެ.

comment ކޮމެންޓް