އެމްސީއާ ނުލައި 15 ދުވަހު ސަލާމް ބުނެވޭ ގޮތަށް ބިލަށް ބަދަލު ގެންނާނަން: އީސަ

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ --- ފޮޓޯ/ މަޖިލިސް

ކޮންމެ ސަލާމަަކަށް މުވައްޒަފު އެމްސީ ހުށަހަޅަން ޖެހޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް، ބިލުގެ ކޮމެޓީ މަރުހަލާގައި ބަދަލު ގެނެސް، އެމްސީއާ ނުލައި އަހަރަކު 15 ދުވަހު ސަލާމް ބުނެވޭ ގޮތަށް ބަދަލު ކުރައްވާނެ ކަމަށް، އެ ބިލު އެންމެ ފުރަތަމަ ހުށަހެޅުއްވި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވެއްޖެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައި މިހާރު އޮންނަ ގޮތުން ސަލާމުގެ ޗުއްޓީގެ ގޮތުގައި މުސާރަ ލިބޭ ގޮތަށް ގިނަވެގެން 30 ދުވަސް ބޭނުން ކުރެވިދާނެ އެވެ. އަދި އެމްސީއެއް ހުށަހެޅުމުން ނޫނީ އެމުވައްޒަފަކަށް ވިދިވިދިގެން ދެ ދުވަހަށް ވުރެ ދިގު މުއްދަތަކަށް ސަލާމުގެ ޗުއްޓީ ދިނުން ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމެއް ނޫނެވެ. މިހާރު ސަރުކާރުގެ ފަރާތުން ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައި ވަނީ އެންމެ ދުވަހަކު ވެސް ސަލާމް ބުނާ ނަމަ އެމްސީ ހުށަހަޅަން ޖެެހޭ ގޮތަށެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 42 ވަނަ މާއްދާގެ (ށ) ބަދަލު ކުރަން ހުށަހަޅާފައިވާ ގޮތް:

  • "ބަލީގެ ބާވަތާއި އެބަލީގެ ސަބަބުން މުވައްޒަފަކަށް މަސައްކަތަށް ނުނުކުމެވޭނެ މުއްދަތު ބަޔާންކޮށް، ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު ދޫކުރާ މެޑިކަލް ސެޓިފިކެޓެއް ވަޒީފާއަށް ނުކުންނަ ދުވަހު ހުށަހެޅުމުން ނޫނީ، އެ މުވައްޒަފަކަށް ސަލާމަތުގެ ޗުއްޓީ ދިނުން ވަޒީފާ ދޭ ފަރާތުގެ މައްޗަށް ލާޒިމުވެގެންނެއް ނުވެއެވެ."

މި ހުށަހެޅުމަށް ތާއީދުކޮށް މަޖިލީހުގެ ބައެއް މެމްބަރުން މިއަދު މަޖިލީހުގައި ވާހަކަ ދެއްކެވުމުން އާންމުން ވަނީ އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.

މިރޭ އެކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި މެމްބަރު އީސަ ވިދާޅުވީ، އެމްސީ ލައިގެން ނޫނީ އެންމެ ދުވަހަކު ވެސް ސަލާމް ނުބުނެވޭ ގޮތަށް ބިލުގައި އޮތް އޮތުން ކޮމެޓީ މަރުހަލާގައި ބަދަލުކުރައްވާނެ ކަމަށެވެ. އަދި އެކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގައި މަޝްވަރާކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އީސަ ވިދާޅުވި ގޮތުގައި، އެ މާއްދާ ބަދަލު ކުރަން ނިންމާފައި ވަނީ އެމްސީއާ އެކު 15 ދުވަސް އަދި އެމްސީ ނުލައި 15 ދުވަސް ސަލާމުގެ ގޮތުގައި ލިބޭ ގޮތަށެވެ.

"..އެމްސީ އާއެކު 15 ދުވަސް އަދި އެމްސީ ނުލައި 15 ދުވަސް، އަހަރަކު ޖުމުލަ 30 ދުވަހުގެ މެޑިކަލް ލީވް ނެގޭނެ ގޮތަށް އިރާދަކުރެއްވިޔާ ކޮމިޓީގައި އިސްލާހު ކުރެވޭނެ،" އީސަ ވިދާޅުވި އެވެ.

އެމްސީ ނަގައިގެން ނޫނީ ސަލާމް ނުނެގޭ ގޮތަށް މެމްބަރުން ތާއީދު ކުރުމުން އާންމުން އެކަމާ ދެކޮޅަށް ގިނަ ހިޔާލުތަކެއް ފާޅުކުރި އެވެ. އެގޮތުން، ސަލާމް ބުނަން ޖެހޭ ބައެއް ކަންކަމަކީ އެމްސީ ނަގަން ޖެހޭ ކަންކަމެއް ނޫން ކަމަށް ބައެއް މީހުން ބުންޏެވެ. ޕީރިއަޑްވެގެން ބަނޑަށް ތަދުވުން އަދި ނަފްސާނީ މައްސަލަތައް ފަދަ ކަންކަމުގައި އެމްސީ ނުނެގޭނެކަން އާންމުން ފާހަގަކުރިއެވެ. އޭގެ އިތުރުން، އެ ބަދަލު ގެނެސްފި ނަމަ އެމްސީ ހޯދުމުގެ ބްލެކްމާކެޓެއް އުފެދުމުގެ ފުރުސަތު ވެސް އޮންނާނެކަން އާންމުން ފާހަގަކުރި އެވެ.

comment ކޮމެންޓް