ޝިޔާމްއަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލައިގައި ރައީސް ނަޝީދަށާއި، އެމްޑީޕީގެ މެމްބަރުންނަށް ދައުވާކޮށްދޭން އެދެފި

ފެބްރުއަރީ 4، 2020: ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކައުންސިލަރުންގެ ދައުރު ދަންމައިލަން ގާނޫނުއަސާސީ ބަދަލުކުރަން މި މަހުގެ ދެވަނަ ދުވަހުގެ ރޭ މެންދަމު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގެ ތަޅުމުން ނެރުނު އިރު އެމްޑީޕީގެ މެމްބަރުން އޭނާއަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލަ ބަލައި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށާއި، ޝިޔާމްއަށް އަނިޔާ ކުރި މެމްބަރުންނަށް ދައުވާކޮށްދިނުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން އެދިއްޖެއެވެ.

ޝިޔާމްއަށް އަނިޔާވި ކަމަށް ބުނާ ހާދިސާ ހިނގީ ތަޅުމުގައި އޭނާ އަޑުގަދަކުރައްވައި ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށް އޭނާގެ ނަން އިއްވައި ތަޅުމުން ބޭރުވުމަށް މަޖިލީހު ރައީސް، ރައީސް މުހައްމަދު ނަޝީދު އެންގެވުމުންނެވެ. ނަން އިއްވުމުންވެސް ބޭރަށް ވަޑައިނުގަތުމުން، އެމްޑީޕީގެ މެމްބަރުން ވަނީ ތެދުވެވަޑައިގެން ގަދަކަމުން އޭނާ ތަޅުމުން ނެރެލައިފައެވެ.

ޕީޕީއެމް/ޕީއެންސީއިން ތުހުމަތު ކުރާ ގޮތުގައި ގަދަކަމުން ޝިޔާމް ނެރެލީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އެންގެވުމަށެވެ. އަދި ނެރެލުމުގެ ތެރޭގައި ޝިޔާމްގެ މޭކައްޓެއްގައި ރެނދެއް ލުމުގެ އިތުރުން އިތުރު އަނިޔާތައް ލިބިފައިވާ ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެއެވެ. އެމްޑީޕީގެ މެމްބަރުންގެ އަމަލަކީ އަނިޔާކޮށް މާރާމާރީ ހިންގުމުގެ އަމަލެއް ކަމަށް ބުނެ ޝިޔާމްގެ ފަރާތުން އެ މައްސަލަ ވަނީ ފުލުހަށްވެސް ހުށަހަޅައިފައެވެ.

ޝިޔާމްއަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލައިގައި މިއަދު ޕީޖީ ޝަމީމްއަށް ފޮނުވި ސިޓީއެއްގައި އެ ކޯލިޝަނުން ފާހަގަކުރީ، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށާއި، ޝިޔާމްއަށް އަނިޔާ ކުރި ކަމަށް ބުނާ މެމްބަރުންނަށް ދައުވާކޮށްދިނުމަށް މީގެ ކުރިން ފޮނުވި ސިޓީއެއްގައި އެދިފައިވާނެ ކަމެވެ.

"...އެ އަމަލު ހިންގުމުގައި ބައިވެރިވި ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް، ދައުވާކޮށް، ޖިނާއީ މައްސަލައެއްގެ ގޮތުގައި ފިޔަވަޅު އަޅުއްވައި ދެއްވުމަށް އެދި ކަމާ ބެހޭ މުއައްސަސާތަކަށް އަމުރު ކޮށްދެއްވުމަށް، ހަވާލާދެވިފައިވާ މި ކޯލިޝަންގެ ސިޓީގައި ވާނީ އެދިފަ އެވެ." ޕީޕީއެމް/ޕީއެންސީގެ ސިޓީގައިވެއެވެ.

އެ ކޯލިޝަނުން މިއަދު ޕީޖީ ޝަމީމްއަށް ފޮނުވި ސިޓީގައި އިތުރަށް ބުނީ ފުލުހުން އެ މައްސަލައިގައި ހިންގަވާ ތަހުގީގަކީ އިންސާފުވެރި ނުފޫޒުތަކުން އެއްކިބާވެގެންވާ ތަހުގީގެއްކަން ކަށަވަރު ކުރުމަށް، އެ ތަހުގީގު ކުރިއަށް ގެންދާ ގޮތް ޕީޖީ ބައްލަވައި ދެއްވަން އެދޭ ކަމަށެވެ.

"..މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ކުރިއަށް ގެންދަވާ ތަހުގީގަކީ ނުފޫޒުތަކުން އެއްކިބާވެފައިވާ މިނިވަން އިންސާފުވެރި ތަހުގީގެއްކަން ކަށަވަރުކުރުމުގެ ގޮތުން އެ ތަހުގީގު ކުރިއަށްދާ ގޮތް ވީހާވެސް ގާތުން މަނިކުފާނު ބައްލަވަމުން ގެންދެވުމަކީ މި ކޯލިޝަންގެ ވަރަށް ބޮޑު އެދުމަކަށް ވާތީ ،އެކަން އެގޮތަށް ކޮށްދެއްވުމަށް އެދި ދެންނެވީމެވެ." ޕީޕީއެމް/ޕީއެންސީގެ ބަޔާނުގައިވެއެވެ.

މީގެ ކުރިން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިކަމާ ބެހޭގޮތުން ވިދާޅުވެފައި ވަނީ މަޖިލީހުގައި ހިނގައިދިޔަ ކަންތައްތައް ފުލުހުން ބަލަން ޖެހޭ ކަމަށެވެ. އޭނާ އެހެން ވިދާޅުވުމުން އެމްޑީޕީގެ ލީޑާޝިޕުންނާއި މަޖިލިސް މެމްބަރުން ވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.

އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ފަރާތުން ލިބުނު އަނިތާކަަށް ފަރުވާ ހޯދަން ރާއްޖެއިން ބޭރަށް ދާން ޖެހިދާނެ ކަމަށްވެސް މީގެ ކުރިން ޝިޔާމް ވިދާޅުވެފައިވެއެވެ. ޝިޔާމްއަށް އަނިޔާ ކުރި ކަމަށް ބުނެ އަތޮޅު ތެރޭގެ ފަސް ރަށެއްގައި ޕީޕީއެމްގެ މެމްބަރުން މުޒާހަރާވެސް ކުރިއެވެ.

comment ކޮމެންޓް