ބޮޑެތި މައްސަލަތަކުގައި ދައުވާ ކުރަން އެވަރެޖްކޮށް ނަގާ މުއްދަތު މަދުކޮށްފި

ޑިސެމްބަރ 2، 2019: ޕީޖީ ހުސެއިން ޝަމީމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖިނާއީ ބޮޑެތި މައްސަލަތަކުގައި ޕީޖީ އޮފީހުން ދައުވާ ކުރަން ނަގާ އެވަރެޖު މުއްދަތު މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މަދުކޮށްފިއެވެ.

މިއަދު ޕީޖީ ހުސެއިން ޝަމީމް، ތަފާސްހިސާބުތަކާ އެކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުލުހުންގެ އިންވެސްޓިގޭޓަރުންނާއި ޕީޖީ އޮފީހުގެ މުވައްޒަފުން ގުޅިގެން ކުރި މަސައްކަތުން ޖިނާއި ބޮޑެތި މައްސަލަތަކުގައި ދައުވާ ކުރަން ނަގާ އެވަަރެޖު މުއްދަތު މަދުކުރެވިފައިވާ ކަމަށެވެ.

ޝަމީމް ހިއްސާ ކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، 2019 ވަނަ އަހަރު ޖިނާއީ ބޮޑު ކުށެއް ކުރި ހިސާބުން ފެށިގެން އެވަރެޖްކޮށް 87.7 ދުވަހުގެ ތެރޭގައި ޕީޖީ އޮފީހުން ވަނީ ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ދައުވާކޮށްފައެވެ.

ނަމަވެސް، މި އަހަރު ފުރަތަމަ ދުވަހުން ފެށިގެން މެއި މަހުގެ ނިޔަލަށް، އެ މުއްދަތު ވަނީ މަދުކޮށްފައެވެ. އެ މުއްދަތުގެ ތެރޭގައި ބޮޑެތި ކުށްތައް ކުރި ހިސާބުން ފެށިގެން ދައުވާ ކުރުމާ ހިސާބަށް ނަގާފައި ވަނީ 47.45 ދުވަހެވެ.

ތަފާސްހިސާބުތަކުގައިވާ ގޮތުން މިދިޔަ އަހަރު އެންމެ ގިނައިން ބޮޑެތި މައްސަލަތަކުގައި ދައުވާކޮށް، ކޯޓަށް މައްސަލަ ހުށަހެޅީ ބުރާސްފަތި ދުވަސްތަކުގައެވެ. 82 މީހެއްގެ މައްޗަށް ބޮޑެތި މައްސަލަތަކުގައި ދައުވާ ކުރި އިރު އޭގެ ތެރެއިން 47.56 ޕަސެންޓު ދައުވާ ހުށަހެޅީ ބުރާސްފަތި ދުވަހުއެވެ.

ނަމަވެސް، ޝަމީމް ޕީޖީ ކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ދައުވާ ހުށަހަޅާ ދުވަސްތައް ވަނީ ހަފްތާގެ އެކި ދުވަސްތަކަށް ބެހިގެން ގޮސްފައެވެ. މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ބޮޑެތި މައްސަލަތަކުގައި ދައުވާ ކުރި 66 މީހުންގެ ތެރެއިން ބުރާސްފަތި ދުވަހު ދައުވާ ކުރީ 25.76 ޕަސެންޓު މައްސަލައިގައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޕީޖީގެ މަގާމަށް ހުސެއިން ޝަމީމް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހުއެވެ. ޝަމީމްގެ ކުރިން ޕީޖީގެ މަގާމުގައި ހުންނެވީ އައިޝަތު ބިޝާމްއެވެ.

ޖިނާއީ ބޮޑެތި ކުށްތައް:

  • މީހުން މެރުމުގެ ކުށް؛
  • އިންތިޒާމުވެގެން ހިންގާ ބޮޑެތި ޖިނާއީ ކުށް؛
  • ޓެރަރިޒަމްގެ ކުށް؛
  • މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށް؛
  • މީހުން ޓްރެފިކްކުރުމުގެ ކުށް؛
  • މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް؛
  • ވައްކަން، ޓެކުން، ޚިޔާނަތްތެރިވުމާއި، މަކަރާއި ޙީލަތް އަދި ފޭރުމުގެ ކުށްކުށުގެ ތެރެއިން 100,000 (އެއްލައްކަ) ރުފިޔާއިން ފެށިގެން މަތީގެ މައްސަލަތައް؛
  • ކޮރަޕްޝަންގެ ކުށް؛
  • ގޭންގު ކުށް؛
  • މީހެއްގެ ގުނަވަނެއް ނުވަތަ ގުނަވަނެއްގެ ބައެއް ނުވަތަ ހިއްސެއް ނެތިދާފަދަ ގޮތަކަށް މާރާމާރީ ހިންގުން؛
  • ދައުލަތުގެ އިސްތިޤުލާލާއި މިނިވަންކަމަށް ގެއްލުންވާ އަމަލު ހިންގުން.
comment ކޮމެންޓް