އިތުރު 2.7 ބިލިއަން ރުފިޔާ ސާކިއުލޭޝަނަށް ނެރެފި

އެމްއެމްއޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19އާ ގުޅިގެން ސަރުކާރުން ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ކުރުމަށް މަރުކަޒީ ބޭންކު އެމްއެމްއޭއިން 2.7 ބިލިއަން ރުފިޔާ ބަޕްލިކް ބޭންކް އެކައުންޓުން ސަރުކާރަށް އޯވަޑްރޯކޮށްފި އެވެ.

ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުމަކީ، ދައުލަތުގެ މާލިއްޔާގެ މައި އެކައުންޓްގައި ނެތް އަދަދަށް ވުރެ އިތުރަށް އެމްއެމްއޭއިން ސަރުކާރުގެ ހަރަދުތަކަށް ފައިސާ ދޫކުރުމެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އިގްތިސާދުގައި ދައުރުވަމުންދާ ފައިސާގެ ތެރެއަށް އިތުރު ފައިސާ ދޫވެގެންދެ އެވެ.

އެމްއެމްއޭގެ މާލީހިސާބުތަކުން ދައްކާ ގޮތުގައި، މި ފައިސާއަކީ މިދިޔަ މެއި މަހުގެ 26ވަނަ ދުވަހުގެ ނިޔަލަށް އޯވަޑްރޯގެ ގޮތުގައި ދޫކޮށްފައިވާ ފައިސާގެ ޖުމުލަ އަދަދެވެ.

އެގޮތުން އޯވަޑްރޯގެ ގޮތުގައި މިހާތަނަށް ދޫކޮށްފައިވާ 2.7 ބިލިއަން ރުފިޔާގެ ތެރެއިން 828 މިލިއަން ރުފިޔާއަކީ މިއަހަރުގެ އޭޕްރީލް މަހުގެ 29ވަނަ ދުވަހުގެ ނިޔަލަށް ދޫކުރި ފައިސާ އެވެ.

އޯވަޑްރޯގެ ގޮތުގައި އެމްއެމްއޭއިން ފައިސާ ދޫކޮށްފައިވަނީ ކޮވިޑް19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އައި ހީނަރުކަމާއެކު ސަރުކާރުގެ ހަރަދުތައް ފޫބެއްދުމަށް އެދި ފިނޭންސް މިނިސްޓަރު އެދިވަޑައިގަތުމުން، ރައްޔިތުންގެ މަޖިލީހުން އެކަމަށް ހުއްދަ ދިނުމުންނެވެ.

ސަރުކާރުން އެމްއެމްއޭއަށް ދަރަނި ނެގޭނީ ފާއިތުވެދިޔަ ތިން އަހަރުގެ އެވަރޭޖް އާމްދަނީގެ ތިން ޕަސެންޓު ނަމަވެސް ފިނޭންސް މިނިސްޓްރީން އެ ލިމިޓް މަތިކޮށްދިނުމަށް އެދުމުން މަޖިލީހުން ވަނީ އެ އަދަދު 4.2 ބިލިއަން ރުފިޔާއާ ހަމައަށް އެ އަދަދު އިތުރުކޮށްދީފަ އެވެ.

މެއި 26ވަނަ ދުވަހުގެ ނިޔަލަށް އޯވަޑްރޯގެ ގޮތުގައި ނަގާފައިވާ 2.7 ބިލިއަން ރުފިޔާއަކީ މި އަދަދުގެ ތެރެއިން ސަރުކާރުން ނަގަން އެދުނު އަދަދެވެ. އެހެންކަމުން އޯވަޑްރޯގެ ގޮތުގައި ދެން ސަރުކާރަށް ނެގޭނީ 1.5 ބިލިއަން ރުފިޔާ އެވެ.

އޯވަޑްރޯގެ ގޮތުގައި ފައިސާ ދޫކުރުމަކީ ފައިސާ ޗާޕުކުރުމެއް ނޫން ކަމަށް ފިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. ސަރުކާރުގެ ކޭޝްފްލޯ މެނޭޖު ކުރުމަށްޓަކައި މަރުކަޒީ ބޭންކުން ދަރަނި ނެގުމާއި މަރުކަޒީ ބޭންކުގައިވާ ސަރުކާރުގެ ބޭންކް އެކައުންޓުން އޯވަޑްރޯ ކުރުމަށް އިގްތިސާދީ ގޮތުން ކިޔަނީ "މަނިޓައިޒް" ކުރުމެވެ.

މަރުކަޒީ ބޭންކުން ސަރުކާރުގެ ހަރަދުތަކަށް މަނިޓަޒްކުރުމަކީ އިގްތިސާދީ ޕްރިންސިޕަލްއަށް ބަލާއިރު، ރަނގަޅުކަމެއް ނޫނެވެ. ސަބަބަކަށް ވަނީ، މަނިޓައިޒްކުރުމުގެ ސަބަބުން އިގްތިސާދުގައި ދައުރުވާ ބޭރު ފައިސާއަށް ވުރެ ރުފިޔާ ގިނަވެ، ބޭރު ފައިސާއަށް ޑިމާންޑް ބޮޑުވެ ދިވެހި ރުފިޔާގެ އަގު ވެއްޓޭނެތީ އެވެ. އެހެން ވެއްޖެ ނަމަ، އާންމު ހާލަތުގައި ތަކެތީގެ އަގު ނޫނީ އިންފްލޭޝަން މައްޗަށް އަރައިގެންދެ އެވެ.

comment ކޮމެންޓް