ރިތިކް އާއި ޓައިގާގެ "ވޯ" ޖަޕާނަށް

ޓައިގާ އާއި ރިތިކް---

ރިތިކް ރޯޝަންއާއި ޓައިގާ ޝްރޮފްގެ ވަރުގަދަ އެކްޝަން ފިލްމު "ވޯ" ޖަޕާނުގައި ދައްކަން ނިންމައިފިއެވެ.

މިދިޔަ އަހަރު ނެރުނު ކާމިޔާބު ފިލްމު "ވޯ" ޖަޕާނުގައި ދައްކާނީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ. މިހާރު ޖަޕާނ ބަހުން "ވޯ"ގެ ޕޯސްޓަރުތަކެއްވެސް ވަނީ ހަދާފައެވެ.

"ވޯ" ވެގެން ގޮސްފައިވަނީ ހިންދީ ސިނަމާއިން ވެސް އެންމެ ބޮޑު އޯޕަނިންގް ހޯދި ފިލްމަށެވެ. އަދި ރިތިކްއާއި ޓައިގާގެ ފިލްމުތަކުގެ ތެރެއިންވެސް އެންމެ ބޮޑު އާމްދަނީއެއް ލިބުނު އޯޕަނިންގް ފިލްމަށެވެ. ގިނަ ބަޔަކަށް އެ ފިލްމު ވަރަށް ކަމުދިޔަ އިރު، ރިތިކްއާއި ޓައިގާގެ ރަނގަޅު ކެމިސްޓްރީ ގިނަ ބަޔަކު ފާހަގަކުރިއެވެ.

ބޮލީވުޑްގެ ކްރިޓީކް ތަރަން އާދަޝް މީގެ ކުރިން ދިން އިންޓަވިއުއެއްގައި ބުނީ ހިންދީ ސިނަމާގައި "ވޯ" ވަރުގަދަ ބެންޗްމާކެއް ހަދައިފި ކަމަށެވެ. އަދި މިއީ ހިންދީ ސިނަމާގައި ތާރީހީ ފިލްމެއް ކަމަށް ބުންޏެވެ.

"ވޯ"ގެ ކާމިޔާބީއާ އެކު މި ފިލްމުގެ ސީކުއަލެއް ގެނެސްދިނުމަށް ނިންމާފައިވާ ކަމަށް ޑައިރެކްޓަރު ސިދާތު އާނަންދު ވަނީ ބުނެފައެވެ. ޖުމްލަ 150 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި "ވޯ" ބޮކްސް އޮފީހުގައި 475.50 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ވަނީ ހޯދާފައެވެ. މި ފިލްމުގެ ބަތަލާގެ ރޯލު ކުޅުނީ ވާނީ ކަޕޫރެވެ.

comment ކޮމެންޓް