އާ ކާގޯ ޓާމިނަލް އަންނަ އަހަރު ކުރީކޮޅަށް ނިމޭނެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އާ ކާގޯ ޓާމިނަލްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅަށް ނިންމާލެވޭނެ ކަމަށް އެމްއޭސީއެލް އިން ބުނެފިއެވެ.

އެމްއޭސީއެލްއިން ދަނީ އެެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ އެންމެ ފަހުގެ މަސައްކަތްތައް އެ ކުންފުނީގެ ޓްވިޓާ މެދުވެރިކޮށް ހިއްސާ ކުރަމުންނެވެ.

އާ ކާގޯ ޓާމިނަލްގެ މަސައްކަތް ކުރިއަށްގޮސްފައިވާ މިންވަރު ހިއްސާ ކޮށް އެމްއޭސީއެލްއިން ބުނީ އެތަނުގެ ސްޓްރަކްޗަރއާއި ހިޔާކުރުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ. މިހާރު ކުރިއަށްދަނީ ފަޔާ ޕަމްޕް ހައުސް ވޯލްއާއި ފޯމް ވޯކްސް އިންސްޓޮލޭޝަންގެ މަސައްކަތް ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.

މީގެ އިތުރުން ކަރަންޓު ވަޔަރިންއާއި ފެން ވަޔަރިން އަދި އެހެނިހެން މެކޭނިކަލް މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ޗަައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އާއި ހަވާލުކޮށްގެން ވީއައިއޭގައި އަޅާ އާ ކާގޯ ޓާމިނަލް ތަރައްގީކުރަނީ މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގް ސާވިސަސް ހިންގާ އިމާރާތާ ޖެހިގެން އޮންނަ 11،000 އަކަމީޓަރުގެ ސަރަހައްދެއްގައެވެ. މީގެ އިތުރުން އާ ކާގޯ ޓާމިނަލްގެ ކުރިމަތިން އޮންނަ ސަރަހައްދުވެސް ހާއްސަ ވާނީ ކާގޯ ޓާމިނަލް އަށެވެ. އެ ސަރަހައްދަކީ މުދާ ކްލިޔާ ކުރުމަށާއި އެޖެންޓުންގެ ސާމާނު ހިޔަލުގައި ބެހެއްޓޭނެ އިންތިޒާމާއެކު ތަރައްގީކުރާނެ ސަރަހައްދެއް ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

އާ ކާގޯޓާމިނަލް ތިން ބަޔަކަށް ބަހާލާފައި ވާނެ ކަމަށާއި އެގޮތުން އެކްސްޕޯޓު ޓާމިނަލްއަކާއި އިމްޕޯޓު ޖެނެރަލް ޓާމިނަލްއެއްގެ އިތުރުން ޕެރިޝަބަލް އިމްޕޯޓްސްއަށް ހާއްސަ ސަރަހައްދެއް އާ ކާގޯ ޓާމިނަލުގައި ހުންނާނެކަމަށް އެމްއޭސީއެލްއިން މީގެ ކުރިން ވަނީ ބުނެފައެވެ.

އާ ކާގޯ ޓާމިނަލްއާއެކު ޖުމްލަ 500 މުވައްޒަފުން ކާގޯ ޓާމިނަލްގެ މަސައްކަތަށް އިތުރުވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މިހާރު ވީއައިއޭގެ ކާގޯ ޓާމިނަލްގައި އަހަރަކު 50،000 ޓަނުގެ މުދާ ހޭންޑްލް ކުރެއެވެ. ނަމަވެސް އާ ކާގޯ ޓާމިނަލް އާއެކު މިއަދަދު 120،000 ޓަނަށް އިތުރު ވާނެކަމަށް އެމްއޭސީއެލްއިން ލަފާކުރެއެވެ.

comment ކޮމެންޓް